ނަފްސާނީ ދުޅަހެޔޮކަމަކީ މިއަދު ވަރަށް ބޮޑަށް ދެކެވެމުން އަންނަ ވާހަކަތަކެކެވެ. ކުރިން ސިއްރުގައި ދައްކަމުން އައި ނަފްސާނީ ބަލިތަކުގެ ވާހަކަތައް މިއަދު އާއްމުންގެ މެދުގައި ހާމަކަން ބޮޑުގޮތެއްގައި ދެކެވެން ފަށައިފިއެވެ. އެފަދަ ބަލިތަކަށް ރައްޔިތުން ހޭލުންތެރިވާ މިންވަރުވެސް ކުރިއާ އަޅާ ބަލާއިރު ބޮޑުތަނުން އިތުރުވެއްޖެއެވެ. މިއީ ނަފްސާނީ ދުޅަހެޔޮ ކަމަކީ ވެސް އެހެން ބަލިތަކާ އެއްގޮތަށް ފަރުވާ ކުރުން މުހިންމު ބައްޔެއް ކަމަށް ދެކިގެން މިއަދުގެ ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާއޭ ބުނުން ދޮގަކަށްނުވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނުއްވި އެއް ކަމަކީ ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ހާއްސަ މަރުކަޒެއް ރާއްޖޭގައި ޤާއިމް ކުރުމެވެ. އެ ވައުދުފުޅު 25 މާޗު 2019 ގައި ފުއްދަވާފައިވާއިރު މިއީ ރާއްޖޭގައި މިފަދަ މަރުކަޒެއް ހުޅުވިގެންދިޔަ ފުރަތަމަ ފަހަރެވެ. އެގޮތުން, ސެންޓަރ ފޯރ މެންޓަލް ހެލްތު (ސީއެމްއެޗް) ގެނަމުގައި އައިޖީއެމްއެޗްގައި ހުޅުވި މި މަރުކަޒާއެކު ރާއްޖޭގައި ނަފްސާނީ ބައްޔަށް ފަރުވާ ހޯދަން ބޭނުން ޖެހިފައިތިބި މީހުންގެ އަދަދު ހާމަވެގެންދިޔައެވެ.
އެ މަރުކަޒު ހުޅުވައި އާއްމުންނަށް އެޕޮއިންޓްމަންޓު ދޫކުރަން ފެށުމާއެކު ވެއިޓްލިސްޓުގައި ޖެހޭ މީހުންގެ އަދަދުވެސް ދުވަހަކަށްފަހު ދުވަހެއް ދިޔައީ އިތުރުވަމުންނެވެ. އެގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސީއެމްއެޗް އިން ޖުމްލަ 55,608 އަށްވުރެ ގިނަ މީހުން ޑޮކްޓަރަކަށް ދައްކާފައިވާއިރު މިއިންވެސް ދައްކުވައިދެނީ ރާއްޖޭގައި މިފަދަ ބަލިތަކަށް ފަރުވާ ހޯދަން ބޭނުންޖެހިފައިިތިބި މީހުންގެ ގިނަކަމެވެ. ހަތަރު އަހަރުގެ ތެރޭގައި މި ސަރުކާރުން ކުރެވުނު މަސައްކަތުން ވެސް މި ސެންޓަރުގެ ވެއިޓްލިސްޓް މަދުނުކުރެވުމަކީ މީގެ ކުރީ ސަރުކާރުތަކުން ނަފްސާނީ ސިއްހަތާއި ދުޅަހެޔޮ ކަމަށް އެކަށީގެންވާވަރުގެ އަހަމިއްޔަތުކަމެއް ދީފައި ނުވާކަން ހާމަވެގެންދާ ހެއްކެކެވެ.
މިއަދުގެ ސަރުކާރުން ނަފްސާނީ ބަލިތަކަށް ހާއްސަ އިސްކަމެއް ދިނުމުގެ ގޮތުން ޤައުމީ ސިޔާސަތުގެ ތެރޭގައި ނަފްސާނީ ބަލިތަކަށް ފަރުވާ ކުރެވޭނެ އިންތިޒާމްތައް ލުއިފަސޭހަ ކުރުމަށް ހިމެނިއެވެ. އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އެފަދަ ބަލިތަކަށް ފަރުވާދޭނެ ހާއްސަ ސެންޓަރެއް ހުޅުވާފައިވާއިރު ނަފްސާނީ ބަލިތަކަށް ހިނގާ ޚަރަދު އާސަންދައިގެ ދަށުން ކުރެވޭ ގޮތް ހަދައިދިނީ ވެސް މި ސަރުކާރުންނެވެ. މީގެ ކުރިން ނަފްސާނީ ފަރުވާ ހޯދުމަށް ބޮޑު ޚަރަދުތަކެއް ކުރަން ޖެހުމަކީ ވެސް އެ ފަރުވާ ހޯދަން ބޭނުންވެފައިތިބި އެތައް ބަޔަކަށް އެ ފަރުވާ ހޯދުމުގައި ދަތިވެފައި އޮތް ސަބަބެކެވެ.
އައިޖީއެމްއެޗްގައި 2019 ވަނަ އަހަރު ހުޅުވި މެންޓަލް ހެލްތު ސެންޓަރަކީ ނަފްސާނީ ބަލިތައް ތަހައްމަލު ކުރާ މީހުންނަށް ރައްކާތެރި, އަދި އެފަދަ ބައްޔަށް ފަރުވާ ހޯދާ މީހުންނާއި އެ މީހުންގެ އާއިލާތަކުގެ އިތުބާރު ހޯދައިގެން ފަރުވާ ދިނުމުގެ ބޭނުމުގައި ހުޅުވި ސެންޓަރެކެވެ. މި ސެންޓަރުން ސައިކޭޓްރީ އާއި ސައިކޮލޮޖީ އާއި ކައުންސެލިން އާއި ސައިކޮތެރަޕީ އާއި ސޯޝަލް ވަރކް އަދި އޮކިއުޕޭޝަނަލް ތެރަޕީގެ ޚިދުމަތާއި ގްރޫޕް ތެރަޕީ އާއި ފެމިލީ ސަޕޯޓް ގްރޫޕްގެ ޚިދުމަތް ވެސް ލިބެއެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންނަށް އެ ޚިދުމަތް ފޯރުކޮށްދިނުމަށް އިންޕޭޝަންޓް ޔުނިޓެއް ވެސް މި ސެންޓަރުގައި ވަނީ ޤާއިމުކޮށްކޮށްފައެވެ. މި ޔުނިޓުގައި އިލެކްޓްރޯ ކޮންވަލްސިވް ތެރަޕީ (އީސީޓީ) ގެ ޚިދުމަތް ފެށުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
މި ސެންޓަރުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި 2019 ވަނަ އަހަރު 7,246 މީހުން މި ސެންޓަރުން ޚިދުމަތް ހޯދާފައިވާއިރު އަހަރަކަށްފަހު އަހަރެއް ޚިދުމަތް ހޯދާ މީހުންގެ އަދަދު އިތުރުވެ މިއަހަރުގެ މިހާތަނަށް އެކަނިވެސް 13,718 މީހުން ވަނީ ޚިދުމަތް ހޯދައިފައެވެ. އަދި އެޑްމިޓްކޮށްގެން މިހާތަނަށް 406 މީހަކަށް ވަނީ ފަރުވާ ދީފައެވެ. މި ސެންޓަރުން ފަރުވާ ހޯދަން ބޭނުންވެފައި ތިބި މީހުންގެ ދިގު ކިޔޫ މި އޮކްޓޯބަރު މަހާ ހަމައަށް ވަނީ 510 އަށް އަރައިފައެވެ.
ސީއެމްއެޗުން ފަރުވާ ހޯދަން ވެއިޓްލިސްޓުގައި ޖެހުނު މީހުންގެ އަދަދު އެންމެ ބޮޑަށް އިތުރުވީ މިއަހަރުގެ މާޗު އަދި އޭޕްރިލް މަހުގެ ތެރޭގައެވެ. އެގޮތުން ވެއިޓްލިސްޓުގައި ތިބި މީހުންގެ އަދަދު 3,500 އަށް އަރައިގެންދިޔައެވެ. މިއާއެކު ޚިދުމަތްތައް ފުޅާކޮށް, އެ ސެންޓަރުން ޚިދުމަތް ދޭ ފަރާތްތަކުގެ އަދަދު އިތުރުކޮށް ވެއިޓްލިސްޓް މިހާރު ވަނީ މަދުކޮށްފައެވެ.
އެ ސެންޓަރުން މިހާރު ފަރުވާ ދިނުމަށް 9 ސައިކޭޓްރީ ކޮންސަލްޓަންޓުންނާއި 2 ސައިކޮލޮޖިސްޓުންނާއި ސައިކޯތެރަޕިސްޓަކާއި 3 ސޯޝަލް ވޯކަރުންނާއި 5 މެޑިކަލް އޮފިސަރުންނާއި އޮކިއުޕޭޝަނަލް ތެރަޕިސްޓަކާއި ދެ ކައުންސިލަރުންނާއި 25 ނަރުހުންނާއި 15 ޕޭޝަންޓް ކެއަރ އެޓެންޑެންޓުންނާއި 3 ކްލިނިކަލް އެއިޑްސް އާއި އެހެނިހެން އިދާރީ މުވައްޒަފުން މަސައްކަތް ކުރެއެވެ.
އައިޖީއެމްއެޗްގެ މެންޓަލް ހެލްތު ސެންޓަރުގެ އިތުރުން ހޯމަ ދުވަހު ހުޅުމާލެ ހޮސްޕިޓަލުގައި ވެސް މެންޓަލް ހެލްތު ސެންޓަރެއް މިވަނީ މިހާރު ހުޅުވާފައެވެ. ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހު ހުޅުވި މި ސެންޓަރަކީ މި ސަރުކާރުން ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ކުރެވުނު ބޮޅެކެވެ. މި ސެންޓަރާއެކު ސީއެމްއެޗުގެ ވެއިޓްލިސްޓު ވެސް ކުޑަކުރެވިގެންދާނެއެވެ. އެގޮތުން އެ ސެންޓަރުގައި މަސައްކަތް ކުރާ ސައިކޭޓްރިސްޓުން ދުވާލެއްގެ މައްޗަށް 30 ބަލި މީހުންނަށް ޚިދުމަތް ފޯރުކޮށްދޭއިރު ސައިކޮލޮޖިސްޓުން ދުވާލެއްގެ މައްޗަށް 12-15 އާ ދެމެދުގެ އަދަދެއްގެ ބަލި މީހުންނަށް ޚިދުމަތް ފޯރުކޮށްދޭނެއެވެ.
ސަރުކާރުގެ ވިސްނުމަކީ ނަފްސާނީ ދުޅެހެޔޮ ކަމަށް ކުރަމުން އަންނަ މި މަސައްކަތްތައް އިތުރަށް ފުޅާ ކުރުމެވެ. އެގޮތުން މި މަސައްކަތް ފުޅާ ކުރުމުގެގޮތުން މިހާތަނަށް މާލެ ސިޓީގެ އިތުރުން ރާއްޖޭގެ ފަސް އަތޮޅަކުން ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމުގެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ. އަދި ސަރުކާރުގެ "ސެންޓްރަލް އެންޑް ރީޖަނަލް މެންޓަލް ހެލްތު ޑިވެލޮޕްމަންޓް ޕްލޭން" ގެ ދަށުން ރީޖަނަލް ހޮސްޕިޓަލުތަކަށް ފަރުވާ ހޯދުމުގެ ޚިދުމަތް ފުޅާކޮށް އެ ތަންތަނުގައި ރީޖަނަލް މެންޓަލް ހެލްތު ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތްވެސް ވަނީ ފަށައިފައެވެ.
މި ސަރުކާރުން އެހެން ސަރުކާރުތަކުން ނުދޭވަރަށް ނަފްސާނީ ދުޅަހެޔޮ ކަމަށް އިސްކަން ދެމުންގެންދަނީ އެފަދަ ބިލީގެ އަސަރުކޮށްފައިވާ މީހުންނަށް އެކަމުން އަރައިގަނެވޭނީ މުޅި މުޖުތަމައުގެ ހުރިހާ ފަރުދުންގެ އަޅާލުމާއި އެހީތެރިކަން ލިބިގެންކަން ކަމަށް ގަބޫލުކުރާތީއެވެ. ނަފްސާނީ ބަލިތަކަކީ ވެސް އެހެން ޖިސްމާނީ ބަލިތަކާ އެއްފަދަ ބަލިތަކެއް ކަމަށް ގަބޫލުކުރާތީއެވެ. ނަފްސާނީ ބަލިތަކުގެ ސަބަބުން ކުރިމަތިލާންޖެހޭ އެކަނިވެރިކަމާއި ބާކީވުމުގެ އިހުސާސުން ދުރުވުމަށް މުޖުމައުގެ ހުރިހާ ފަރުދުންގެ ވާގިވެރިކަމާއި އެހީތެރިކަން ބޭނުންވާނެކަން ގަބޫލުކުރާތީއެވެ.