އެއްގޮތަށްވުރެ ގިނަ ގޮތުން ފިއްތާލާފައިވާ ޣައްޒާއަށް ކުރިމަތިލާންޖެހޭ ތަކުލީފުތަކަށް ނިމުމެއްނެތެވެ. އެގޮތުން ބިމުގެ ދަތިކަމަކީ އެއްފަދަ އެއް ތަކުލީފެވެ. ޣައްޒާއަށް ކުރިމަތިލާން ޖެހިފައިވާ ބިމުގެ ދަތިކަމުގެ މައްސަލަ މިއަދު ވެފައިވަނީ، މަރުވެ ގޮސްފައިވާ މީހުންނާއި ދިރިތިބީންނާ ދެމެދު ކުރާ ހަނގުރާމައަކަށް ކަމަށްވެސް ޣައްޒާގެ ބައެއް ރައްޔިތުން ސިފަކުރެއެވެ. ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ތަހައްމަލުކުރަން ޖެހިފައިވާ ބޮލުގައި ރިހުންވެސް ވަކި ކުޑައެއްނޫނެވެ. ބޯހިޔާވަހިކަމަށް ކުރަމުންދާ ޑިމާންޑްތައް ދުވަހަކަށްވުރެ ދުވަހެއް ދަނީ އިތުރު ވަމުންނެވެ.
ޝައިހް ޝަބާން ގަބުރުސްތާނަކީ އެ ސަރަހައްދުގެ އެންމެ ޒަމާންވީ ގަބުރުސްތާނެވެ. އެ ގަބުރުސްތާނުގެ އިރުމަތީ ފަރާތުގައި، ކާމިލާ ކުހައިލްގެ އާއިލާއިން ދިރިއުޅެމުން ދަނީ ކޮން ބައެއްކަން ނޭނގޭ 2 މީހެއްގެ މަހާނަ މަތީގައި ގެދޮރު އަޅައިގެންނެވެ. ކާމިލާގެ ފިރިމީހާ އިމާރާތްކޮށްދިން އެ ގޭގެ ބިންގަލަކީ، ނުވެސް ދަންނަ 2 މީހެއްގެ މަހާނައެވެ.
މިހާރު 6 ދަރިން ލިބިފައިވާ ކާމިލާ ކުހައިލްގެ ދެމަފިރިން އެ ގަބުރުސްތާނުގައި ދިރިއުޅެމުންދާތާ މިހާރު 13 އަހަރުވެއްޖެއެވެ.
މަރުވެފަ ތިބި މީހުންނަށް ވާހަކަދެއްކޭނަމަ އެމީހުން ހަޅޭއްލަވާނެ މިތަނުން ނުކުމެގެން ދާށޭ ގޮވަމުން. ނުގޮވާނެ ވަރެއް ނޫންވިއްޔާ. އަހަރުމެން މި ދިރިއުޅެނީ ގަބުރުތައް މަތީގަ. އެއްޗިހި ހިއްކަން މިއަޅަނީ ގަބުރުތައް މަތީގަ. ދަރިންތައް އެކި ތަންތަނަށް ގޮސް އެ ހަދަނީ ގަބުރުތައް މަތިން. ކޮންމެ ތަނެއްވެސް މި އޮންނަނީ ފުރިފަ.ކާމިލާ ކުހައިލް؛ ގަބުރުސްތާނުގައި ދިރިއުޅޭ މީހެއް
ކާމިލާގެ ގެއަށް ޒިޔާރަތްކުރަން ބޭނުންނަމަ، ބިންގަރާހެއްހެން އޮންނަ ތަނަކަށް 3 ސިޑިއަކުން ފައިބަން ޖެހެއެވެ. އެއާއެކު ނޯށުގައި ވަރުގަދަ ވަސްގަނޑެއް ޖެހެއެވެ. ކާމިލާ ސިފަކުރާ ގޮތުގައި އެ ދުވާ ވަހަކީ މަރުގެ ވަހެވެ.
ކާމިލާގެ ދަރިންނަށް ހިސާބެއްގެ އާމްދަނީއެއް ލިބެއެވެ. އެއީ ޖަނާޒާތަކަށް އަންނަ އާއިލާތަކަށް ފެން ފޯރުކޮށްދީގެން ލިބޭ ކުޑަ އާމްދަނީއެކެވެ. އެކުދިންގެ ސުވާލު އަމާޒު ވަނީ ކާމިލާއާއި އޭނާގެ ފިރިމީހާއަށެވެ. އެ ކުދިންގެ ސުވާލަކަށް ވަނީ، އެ ގަބުރުސްތާނު ދޫކޮށް ދެވޭނެ ދުވަހަކާމެދު ކުރަމުންދާ ސުވާލުތަކެވެ.
އުމުރުން އެންމެ 12 އަހަރުގެ ލާމިސްއަށްވެސް އެކަމުގެ އަސަރު ފޯރާފައިވާކަން، އޭނާއާ ވާހަކަދައްކާލުމުން އެނގެއެވެ. ސްކޫލްގައި އެކުގައި ކިޔަވާ ކުދިންގެ ގޭގެއަށް ދިއުމަށް އޭނާއަށް ދައުވަތު ލިބެއެވެ. ނަމަވެސް، އޭނާ ދިރިއުޅޭ ތަނަށް އެހެން ކުދިން ގެނައުމުގެ ދައުވަތު ދެވޭނެ ގޮތެއް ލާމިސްއަކަށް ނެތެވެ.
މިސްރާއި އިޒްރޭލާ ދެމެދު އޮތް ހަނި ބިންކޮޅެއްފަދަ ޣައްޒާއަށް ކުރިމަތިލާން ޖެހިފައިވާ ބިމުގެ ދަތިކަމުގެ މައްސަލައަށް މިއިން ދުވަހަކު ހައްލު ލިބޭކަށް ނެތެވެ. ކުރިއަށް އޮތް 30 އަހަރެއްހާ ދުވަހަށް ބަލާއިރުވެސް ޣައްޒާގެ އާބާދީ 2 ގުނަ އިތުރުވެ، 4.8 މިލިއަނަށް އަރާނެ ކަމަށް އަންދާޒާ ކުރެވެއެވެ.
ޣައްޒާގެ އަދުގެ ހާލަތު އޮތް ގޮތުންނާއި، އާބާދީ އިތުރު ވަމުން ދިއުމުގެ ސަބަބުން، ގަބުރުސްތާނު ހަދާނެ ބިން ހޯދުމުގައިވެސް ބޮޑެތި ގޮންޖެހުންތަކެއް މި ވަނީ ކުރިމަތިވެފަ. ކޮންމެ އަހަރަކުވެސް އާ ފެސިލިޓީތަކެއް ހަދަން އެބަޖެހޭ. މީހުން ދިރިއުޅޭ ގެތައް އިތުރުވޭ. ގަބުރުސްތާންތައްވެސް އިތުރުވޭ.މާޒިން އައްނައްޖާރު؛ ގަބުރުސްތާނުގެ ސުޕަވައިޒަރު
އާބާދީ އިތުރުވަމުން ދާވަރަކަށް، އެމީހުންނަށް ކާންބޯން ދިނުމަށްޓަކާ ދަނޑުބިންތަކަށް ބޭނުންޖެހޭ މިންވަރުވެސް ދަނީ އިތުރު ވަމުންނެވެ.
ޣައްޒާގެ ޑެޕިއުޓީ ހައުސިންގ މިނިސްޓަރު ނާޖީ ސަރުހާން ވިދާޅުވިގޮތުގައި، އަހަރެއްގެ މައްޗަށް 14000 ހައުސިންގް ޔުނިޓަށް ބޭނުންޖެހެއެވެ.
ބިމުގެ ދަތިކަމަކީ ހަމައެކަނި ދިރިތިބީންނަށް އޮތް ގޮންޖެހުމެއް ނޫނެވެ. މަރުވާ މީހުން ވަޅުލުމަށްވެސް ބިމުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ. ހަނގުރާމަތަކުގައި ގެދޮރުތައް ސުންނާފަތިވުމުގެ ސަބަބުން، އާ ގަބުރުސްތާނު އެޅުމަކީ މިއަދު އެންމެ އިސްކަން ދޭ ލިސްޓުގެ އެންމެ މަތިން ޖާގަ ލިބޭ ކަމަކަށް އޮންނަނީ ނުވެފައެވެ.
އެއް ގަބުރު މަތީ އަނެއް ގަބުރު. އަޑީގަ އޮންނަ މުށިގަނޑު ފަޅާލަން ކޮންމެ ފަހަރަކު ކޮންކުރީޓް ހަލާކުކޮށްލަނީ. ދެން އޭގެ މަތީގައި އަނެއްކާ މި އަޅަނީ.ޚާލިދު ހިޖާޒީ؛ ރަދުވާން ގަބުރުސްތާނުގެ ވަގުފް ގާޑް
އިތުރު ޖާގަ ނެތިގެން 24 ގަބުރުސްތާނެއް މިހާރުވެސް ވަނީ ބަންދުކޮށްފައެވެ.
އިރުމަތީ ގަބުރުސްތާނު އެއީ އައްޝުހާދާ ގަބުރުސްތާނު. އެއީ ޣައްޒާގެ އެންމެ ބޮޑު ގަބުރުސްތާނު. އެތަންވެސް އެ ދަނީ ފުރެމުން. ފަހަރެއްގަ ވާ ގޮތުން، ކުރިއަށް ތިން ހަތަރު އަހަރެއްގެ ތެރޭގަ، މީހުން ވަޅުލަން ބޭނުން ކުރާނެ ބިންކޮޅެއްވެސް އޮންނާނީ ނުލިބިފަ.މާޒިން އައްނައްޖާރު؛ ގަބުރުސްތާނުގެ ސުޕަވައިޒަރު
އެންމެ ބޮޑު ގަބުރުސްތާނު ފުރުމުގެ މައްސަލައަކީ މިއަދު ހައްލު ބޭނުންވެފައިވާ އެންމެ ބޮޑު މައްސަލައެވެ.