ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ބުނީ، ގައުމީ އިނާމު ދިނުން ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައެޅިފައިވާ އިރު އަންހެނުންނާއި ޒުވާނުންގެ ދައިރާއާ ގުޅޭ ކަން ކަމަށް މިއަހަރު ބޮޑު އިސްކަމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރާއްޖޭގައި އެކި ފަންނުގެ ހުނަރުވެރިންނަށް ފުރުސަތު ދިިނުމަށްޓަކައި އިނާމު ދެވޭ ދައިރާތަކުގެ ތެރޭގައި ޒުވާނުންނާއި އަންހެނުންގެ ދައިރާ ވަކިން މިފަހަރު ވަނީ ހިމަނާފަ އެވެ. މި ދެ ދާއިރާއަށް އިނާމު ދިނުމުގައި 5 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ފާހަގަކުރެވޭ ފަދަ ހިދުމަތްތަކެއް ކޮށްފައިވާ އަންހެނުންނަށް އިސްކަމެއްދެވޭނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. ޒުވާނުންނަށް ހާއްސަ އިނާމުތަކަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުފުރާ އަށެވެ.
ސަރުކާރުގެ އިދާރާތަކާއި މިނިވަން މުއައްސަސާތަކުން ގައުމީ އިނާމަށް ނަން ހުށަހެޅުމަށް ވެސް ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.
ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކާއި ކުންފުނި، ޖަމިއްޔާ، ޖަމާއަތް ފަދަ ތަންތަނުން ވެސް ސަރުކާރުގެ އިދާރާތައް މެދުވެރިކޮށް ނަން ހުށަހެޅޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، މި އަހަރުގެ އޮގަސްޓް މަހުގެ 15 ވާ އަންގާރަ ދުވަހުގެ ނިއަލަށް ގައުމީ އިނާމަށް ކުރިމަތިލެވޭނެ ކަމަށް އެ އޮފީހުން ބުނެ އެވެ. ގައުމީ އިނާމާ ބެހޭ ފޯމް ހުށަހަޅަންޖެހޭނީ ގައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސްކުރުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ގައުމީ އިނާމަށް ނަން ހުށަހަޅާ ފޯމް ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިެްޔާގެ އޮފީހުން ދޫކުރާނެ ކަމަށް ވެސް އެ އޮފީހުން ހާމަކުރެ އެވެ.
ގައުމީ އިނާމު ދިނުމަށް ހަަމަޖެހިފައި ވަނީ ޖުމްހޫރީދުވަހުގެ މުނާސަބާގައި ބާއްވާ ރަސްމިއްޔާތުގަ އެވެ.
ގައުމީ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަަންނަ ޖުލައި މަހުގައި ހުޅުވާލާނެ ކަމަށް ރައީސް އޮފީހުން ހާމަކުރެ އެވެ.