ކ. މާލެ
|
21 ޖޫން 2017 | ބުދަ 06:20
ރާއްޖެ ޓީވީގެ އަންގާރަ ދުވަހުގެ ރޭގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ހަސަން ލަތީފް ވާހަކަ ދައްކަވަނީ
ރާއްޖެ ޓީވީގެ އަންގާރަ ދުވަހުގެ ރޭގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ހަސަން ލަތީފް ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ފަލަ ސުރުޚީ
އެމްޑީޕީގެ ކޮންގްރެސްގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވާނެ: ހަސަން ލަތީފް
ކޮންގްރެސް ބާއްވާނެ ތަނެއް އަދި ނުނިންމަން
ދަރުބާރުގެ ބޭނުންވިއަސް އިރާދަ ކުރެއްވިއްޔާ ލިބޭނެ
ކޮންގްރެސްގައި ހާހެއްހާ މީހުން ބައިވެރިވާނެ

އެމްޑީޕީން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެޕާޓީގެ ކޮންގރެސްގައި އިރާދަ ކުރެއްވިއްޔާ ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވީ އަންގާރަ ދުވަހުގެރޭ ރާއްޖެ ޓީވީން ގެނެސްދިން "ފަލަ ސުރުޚީ" ޕްރޮގްރާމްގައި އެޕާޓީގެ ކޮންގރެސްއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީއަކީ ވަރަށް ގިނަ ބައެއްގެ ޚިޔާލްތަކާއެކު ނިންމޭ ސިޔާސަތުތަކެއް ކަނޑައަޅައިގެން ހިންގާ ޕާޓީއެއް ކަމަށާއި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓުގެ މެނިފެސްޓޯ ކަނޑައަޅަނީ ވެސް ރަށްރަށަށް ދަތުރުކޮށް ޕާޓީގެ ޢާއްމު މެންބަރުންގެ ޚިޔާލް ހޯދައިގެން ކަމަށެވެ. އެގޮތުން އެޕާޓީގެ ކޮންގރެސްއަކީ އެޚިޔާލްތަކުގެ މައްޗަށް ބިނާކޮށް ޕާޓީގެ އަސާސީ ޤަވާއިދު އިސްލާހުކޮށް ޕާޓީގެ ސިޔާސަތު ކަނޑައަޅާ މަޖިލިސް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ އެހެންކަމުން އެޕާޓީގެ ކޮންގްރެސްއަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށާއި ސެޕްޓެމްބަރު 15އިން 17 އަށް ކޮންގްރެސް ބޭއްވުމަށް ނިންމާފައިވާއިރު އެކަމަށްޓަކައި މިހާރު ވެސް ވަރަށް ގިނަ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

އެމްޑީޕީގެ ފުރަތަމަ ކޮންގްރެސް ބޭއްވިއިރު އެޕާޓީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަންދުގައި ހުންނެވި ނަމަވެސް ކޮންގްރެސްގެ ބައިވެރިން ކުރި ކުއްލި ޕްރެޝަރާއެކު ވަކި ހިސާބަކުން އެމަނިކުފާނަށް ވަނީ އެ ކޮންގރެސްގައި ބައިވެރިވެވަޑައިގެންނެވުމުގެ ފުރުސަތު އޭރުގެ ސަރުކާރުން ދެއްވާފައެވެ. ސެޕްޓެމްބަރު މަހު ބާއްވާ ކޮންގރެސް އަންނައިރު ރައީސް ނަޝީދު މިވަގުތު ޖަލު ހުކުމެއްގައި ހުންނެވިއިރު އެކޮންގްރެސްގައި ތަފާތު ކަމެއް ހިނގާފާނެތޯ ކުރި ސުވާލާ ގުޅިހެން ހަސަން ލަތީފް ވިދާޅުވީ "އިރާދަ ކުރެއްވިއްޔާ އެކޮންގރެސްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ" ކަމަށެވެ.

"ކުރިން ބޭއްވި ދެ ކޮންގްރެސްގައި ވެސް ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވި. އިރާދަކުރެއްވިއްޔާ ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ ކޮންގްރެސްއެއް ސެޕްޓެމްބަރުގައި ބާއްވާނީ،" ހަސަން ލަތީފް ވިދާޅުވިއެވެ.

ކޮންގްރެސް ބާއްވާނެ ތަނަކާ ގުޅޭގޮތުން ސުވާލު ކުރުމުން ހަސަން ލަތީފް ވިދާޅުވީ "ތަނެއްގެ ވާހަކައެއް ސަރުކާރުގައި އަދި ނުދަންނަވަން" ކަމަށާއި ކޮންގްރެސް ބާއްވާނެ ތަނަކާ މެދު އެތެރޭގެ މަޝްވަރާތައް ކުރިއަށް ގެންދަވާ ކަމަށެވެ. އަދި ކޮންގްރެސް ބާއްވާނެ ތަނެއް ކަނޑައަޅާނީ ޕާޓީގެ ޤައުމީ މަޖިލީހުން ކަމަށެވެ. މާލެ ނޫން އެހެން ރަށެއްގައި ވެސް ކޮންގްރެސް ބޭއްވުމުގެ ޚިޔާލް ވެސް ކުރެވޭ ކަމަށާއި އެކޮންގްރެސް ބާއްވާނީ އެކަމަށް އެކަށޭނަ ތަނެއްގައި ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވިއެވެ.

"ވަކިތަނެއް ބޭނުންވެގެން ސަރުކާރަކު އަދިއެއް ނުއެއް އެދެން. ޤައުމީ މަޖިލީހުން ނިންމާނީ އެތަނެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކޮންގްރެސް ބާއްވަން ބޭނުންވާ ތަނެއް އަޅުގަނޑުމެންނަށް ލިބޭނެ. ރަށުން ބޭރުގައި ވެސް ކޮންގރެސް ބޭއްވުމުގެ ވިސްނުމެއް އެބަހުރި،" ހަސަން ލަތީފް ވިދާޅުވިއެވެ.

 

- ކޮމެންޓް