ކ. މާލެ
|
21 ޖޫން 2017 | ބުދަ 01:27
އަންގާރަ ދުވަހުގެރޭ ނާދިރާ ސުންގަޑި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަނީ
އަންގާރަ ދުވަހުގެރޭ ނާދިރާ ސުންގަޑި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަނީ
ރާއްޖެއެމްވީ
ޕީޕީއެމް މައުމޫން ފެކްޝަން
ޕީޕީއެމް ޖަހައިގަނެގެން ގެންދިޔަ ނަމަވެސް ރައީސް މައުމޫނާ ނުލައި ކާމިޔާބެއް ނުވި: ނާދިރާ
ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނުން ހުށަހެޅި އެއްވެސް މައްސަލައަކަށް އިންސާފެއް ނުލިބޭ
ރައީސް މައުމޫނާއެކު މިދަނީ ވަރަށް ގިނަ މަސައްކަތްކޮށް ކާމިޔާބީތައްވެސް ހޯދަމުން
ކުރިއަށް އޮތްތަނުގައި ރައްޔިތުންނަށް ވަރަށް ގިނަ ކާމިޔާބީތައް ފެންނާނެ

ޕީޕީއެމް ޖަހައިގަނެގެން ގެންދިޔަ ނަމަވެސް އެކަން ކުރި ފަރަތްތަކަށް މިހާތަނަށް އެއްވެސް ކާމިޔާބީއެއް ހޯދިފައި ނުވާ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ރައީސް މައުމޫނާއި ނުލައި ޕީޕީއެމަށް ލިބޭނެ ކާމިޔާބެއް ނޯންނާނެ ކަމަށް ޕީޕީއެމްގެ އިންތިޚާބީރައީސް، ރައީސް މައުމޫންގެ ފެކްޝަންގެ ނައިބު ރައިސާ އައިމިނަތު ނާދިރާވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ފެކްޝަންގެ ފަރާތުން ޕީޕީއެމުން ވަކިކޮށްފައިވާ ނާދިރާ މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ސުންގަޑި ޕްރޮގްރާމްގައި އަންގާރަ ދުވަހުގެރޭ ވާހަކަ ދައްކަވަމުންނެވެ.

ނާދިރާ ވިދާޅުވީ މިހާތަނަށް ޕީޕީއެމްގެ ފަރާތުން (ރައީސް މައުމޫން ފެކްޝަނުން) ހުށަހަޅާފައިވާ އެއްވެސް މައްސަލައަކަށް އިންސާފް ލިބިގެން ގޮސްފައި ނުވާ ކަމަށާއި، އެގޮތުން ޕާޓީގެ އަސާސީ ޤަވާއިދާއި ޕާޓީގެ ހިންގާ ޤަވާއިދުގައިވާ ކަންކަމަށް ބަލައި ނުލެވި ނިންމުންތައް ނިންމާފައިވާކަން ފާހަގަ ކުރެއްވޭ ކަމަށެވެ.

"އޭގެ އެއް ހެކި ޕާޓީގެ މުސްތަޝާރާ ޕާޓީގެ ހިންގުން ހަވާލުކުރުން. ހަޤީގަތުގައި ކޯޓުން ހަވާލުކޮށްފައި އޮތީކީ ޕާޓީގެ މުސްތަޝާރާ ޕާޓީ ހިންގުމެއް ނޫން. އެއީ ކޯޓު އަމުރެއް. އޭގައި އޮތީ ޕާޓީގެ މުސްތަޝާރުގެ ބެލުމުގެ ދަށުން ކައުންސިލެއް ބޭއްވުމަށް. އެއީ ނެރުއްވާފައި އޮތް ވަގުތީ އަމުރެއް. އެއަމުރުގެ ދަށުން ބޭއްވި ކައުންސިލުން ނިންމާފައި ވަނީ ޕާޓީގެ ހިންގުން ޕާޓީގެ މުސްތަޝާރާ ހަވާލު ކުރުމަށް. އަސާސީ ޤަވާއިދުގައި ވަރަށް ސާފުކޮށް ބުނެފައިވޭ ޕާޓީގެ މުސްތަޝާރަކީ ޕާޓީ ހިންގޭނެ ބޭފުޅެއް ނޫނޭ" ނާދިރާ ވިދާޅުވިއެވެ.

ނާދިރާ ވިދާޅުވީ ރައީސް މައުމޫނާއެކު އެފެކްޝަނުން ވަރަށް ބާރަށް މަސައްކަތްތައް ކުރިއަށް ގެންދަވަމުންދާ ކަމަށާއި ވަރަށް ގިނަ ކާމިޔާބީތައްވެސް ލިބެމުންދާ ކަމަށެވެ. އަދި ވިދާޅުވީ ޕާޓީ ޖަހައިގަނެގެން ގެންދިޔަ ނަމަވެސް މިހާތަނަށް ޕީޕީއެމަށް ހޯދުނު ކާމިޔާބީއެއް ނެތްކަމަށާއި ޕާޓީގެ ރައީސް، ރައީސް މައުމޫނާ ނުލައި ޕީޕީއެމަށް ހޯދޭނެ ކާމިޔާބީއެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް އެބަދޭ. އަޅުގަނޑުމެންގެ މަސައްކަތުގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް ދިވެހި ރައްޔިތުންނަށް ފެނިގެން އެބަދޭ. އަދި ކުރިއަށް އޮތްތަނުގައިވެސް ވަރަށް ބޮޑެތި ކާމިޔާބީތައް ފެންނާނެ. ޕާޓީ ޖަހައިގަނެގެން ގެންދިޔަޔަސް ކާމިޔާބު ކަމާއެކު ކުރެވުނު އެއްވެސް ކަމެއް ނެތް. ޕާޓީގެ ހިންގުމުގެ ތަޖްރިބާ ނެތް ބޭފުޅަކަށް ކޮންކަމެއްތޯ ކުރެއްވޭނީ. އެބޭފުޅާގެ ނުހުންނާނެ ތަޖްރިބާއެއް. ރައީސް މައުމޫނާ ނުލައި ދެންވެސް ޕީޕީއެމަކަށް ކާމިޔާބީއެއް ނުލިބޭނެ." ނާދިރާ ވިދާޅުވިއެވެ.

- ކޮމެންޓް