އެއިޒާއީއާއި ބައޮޖެން ގުޅިގެން އުފައްދާ، ތަޖުރިބާ ކުރަމުންދާ ބޭހެއްގެ އެހީގައި، އަލްޒައިމާ ބަލީގެ ކުރީކޮޅުން ފެށިގެން އެ ބަލީގެ އަލާމާތްތައް ކުޑަ ކުރުމަށް އެހީވެދޭ ކަމުގެ ކާމިޔާބު ސިގުނަލްތަކެއް ލިބިފައި ވާ ކަމަށް އެ ކުންފުނިތަކުން ހާމަކޮށްފިއެވެ.
އަލްޒައިމާ ބަލީގެ ކުރީ މަރުހަލާތަކުގައި ތިބި ގިނަ ޢަދަދެއްގެ ޕޭޝަންޓަނުން ބައިވެރިކޮށްގެން ކުރިއަށް ގެންދާ ތަހުލީލުތަކުގެ ނަތީޖާތަކަށް ބަލާއިރު، އެ ޕޭޝަންޓުންގެ ސިކުނޑީގެ މަސައްކަތްތަކުގެ އިތުރުން އަމަލީ ހަރަކާތްތައް ބަލިކަށިވެގެން ދާ ދިއުން، ވަރަށް ބޮޑަށް މަޑުޖައްސާލެވެއެވެ. މިއީ، ޒަމާނީ ބޭސްވެރިކަމުގެ ދާއިރާގައި މީގެ ކުރިން މާ ބޮޑު ކާމިޔާބީތަކެއް ހޯދިފައި ނުވާ އަލްޒައިމާ ބަލީގެ ރޮނގުން ހޯދުނު ބޮޑު ކުރިއެރުމެއް ކަމަށް ދަނީ ސިފަ ކުރަމުންނެވެ.
ސިކުނޑީގެ ހަރަކާތްތަކަށް ބޮޑު އުނިކަމެއް ކުރިމަތި ކުރުވާ އަލްޒައިމާ ބަލި ތަހައްމަލު ކުރަމުން ދާ 55 މިލިއަނެއްހާ މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އިރު، ބައްޔަށް ފަރުވާއެއް ހޯދުމަށް އެކި ކުންފުނިތަކުން މިހާތަނަށް ކުރި މަސައްކަތްތައް މުޅިންހެން ވަނީ ފެއިލްވެފައެވެ.
މަށަކީވެސް މި ދިރާސާގެ އިންވެސްޓިގޭޓަރެއް. އަހަރެން ސުޕަވައިޒް ކުރީ ކޮލަމްބިއާ ޔުނިވަރސިޓީގެ ބައި. އެމެރިކާއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން 100 އަށް ވުރެ ގިނަ ސައިޓް އެކުލެވޭ މި ދިރާސާގަ.ޑރ ލޯރަންސް ހޯނިގް؛ ކޮލަމްބިއާ ޔުނިވަރސިޓީ މެޑިކަލް ސެންޓަރުގެ ނިއުރޮލޮޖީ ޕްރޮފެސަރ
ކޮލަމްބިއާ ޔުނިވަރސިޓީ މެޑިކަލް ސެންޓަރުގެ ނިއުރޮލޮޖީ ޕްރޮފެސަރ، ޑރ ލޯރަންސް ހޯނިގް ވިދާޅުވީ، 3 ވަނަ މަރުހަލާގެ މި ކާމިޔާބީއަކީ، އަލްޒައިމާ ބަލީގެ ފަރުވާގެ އުދަރެސް މުޅިން ބަދަލު ކޮށްލާނެ ކާމިޔާބީއެކެވެ.
3 ވަނަ މަރުހަލާގެ ތަހުލީލުތަކުން މި ހޯދުނު ކާމިޔާބީއަކީ، އަލްޒައިމާ ބައްޔަށް ފަރުވާ ކުރުމަށް އެމެރިކާއާއި މުޅި ދުނިޔޭގައިވެސް ކުރަމުންދާ މަސައްކަތްތަކުގެ އުދަރަސް ބަދަލު ކޮށްލާނެ ވަރުގެ ކާމިޔާބެއް. އަދި ބައްޔާ ގުޅިގެން ކުރާ ދިރާސާތަކަށްވެސް ބަދަލު ގެނުވާނެ ކާމިޔާބެއް. މިއަށްވުރެވެސް ރަނގަޅު ފަރުވާތަކެއް ހޯދައިދޭނެ ކާމިޔާބެއް. ސިކުނޑީގައި އަށަގަންނަ އެމީލޮއިޑް ފޮރިން ނައްތާލައިގެން، އަލްޒައިމާގެ ބާރު ގަދަވިޔަ ނުދީ މަޑުޖައްސާލެވުމަކީ ހަމަ ޙަޤީޤަތުގައިވެސް ފާހަގަކޮށްލެވޭ ވަރުގެ ކާމިޔާބެއް.ޑރ ލޯރަންސް ހޯނިގް؛ ކޮލަމްބިއާ ޔުނިވަރސިޓީ މެޑިކަލް ސެންޓަރުގެ ނިއުރޮލޮޖީ ޕްރޮފެސަރ
ލެކާނެމެބްގެ ނަން ދީފައިވާ މި ބޭހަކީ ޕޭޝަންޓްގެ މައްޗަށް ބަލި ގަދަވެގެން ދިއުމުގެ ފުރުޞަތު، 27 ޕަސެންޓަށް ކުޑަކޮށްދޭ ބޭހެކެވެ. މިއީ ދިރާސާގެ އަމާޒަށް ވާސިލުކޮށްދިން މިންގަނޑެކެވެ. އަދި އަލްޒައިމާ ބަލީގެ ޕޭޝަންޓުންނާއި އެމީހުންގެ ޢާއިލާތަކަށްވެސް އުފާވެރިކަން ގެނެސްދިން ޚަބަރެކެވެ.
ކްލިނިކަލް ޓްރަޔަލްގެ 3 ވަނަ މަރުހަލާގައި ތަހުލީލު ކޮށްފައި ވަނީ، ބޭހުގެ ސަބަބުން އަލްޒައިމާ ޕޭޝަންޓުންގެ ކޮގްނިޓިވް އަދި ފަންކްޝަނަލް މަސައްކަތްތެރިކަމަށް އަންނަ ހީނަރުކަން ކުޑަ ކުރެވޭ މިންވަރެކެވެ. ވަޒަން ކުރުމުގައި ބޭނުން ކުރީ ކްލިނިކަލް ޑިމެޝަންޝާ ރޭޓިންގް-ސަމް އޮފް ބޮކްސަސް (ސީޑީއާރް-އެސްބީ)އެވެ. މި މިންގަނޑަކީ ޑިމެންޝާ ހުންނަ ޕޭޝަންޓުންގެ ހަނދާނާއި، ވާހަކަދެއްކުމުގެ ހުނަރާއި، ކަންކަން ނިންމާ ގޮތާއި، މައްސަލަ ހައްލު ކުރުމުގެ އިތުރުން އަމިއްލަ ނަފުސަށް އަޅާލުމުގެ ކަންކަން ވަޒަން ކުރުމަށް ބޭނުން ކުރާ މިންގަނޑެކެވެ.
މިހާތަނާ ޖެހެންދެންވެސް، 1990ގެ އަހަރުތަކުން ފަށައިގެން މިވީހާތަނަށް ޕޭޝަންޓުންނަށް ދެމުން މިދިޔައީ އަލާމާތްތައް ހެޔޮ ފާލަކަށް އެޅުވުމަށްޓަކާ، ޕޭޝަންޓުންގެ ސިކުނޑީގެ މަސައްކަތްތެރިކަމަށް އިތުރު ބާރެއް ދޭ ޑްރަގްތަކެއް. އެކަމަކު، އެ ބޭސްތަކުގެ ސަބަބުން، ބައްޔަށް މާ ބޮޑު ކަމެއް ނުވޭ. ހަށިގަނޑުގެ މައްޗަށް ބަލީގެ ކޮންޓްރޯލް ފަރުތާ ދުވެއްޔަށް ބަދަލެއް ގެނުވި ހެނެއް ހީއެއް ނުވޭ. ބޭސް ބޭނުން ކުރަމުން ދިޔަ މީހުންނަށް އިތުރު ހިތްވަރެއް ލިބޭކަން. އެކަމަކު އަލަށް މި ތަޖުރިބާ ކުރި ލެކާނެމެބްގެ ސަބަބުން، ބަލީގެ ކޮންޓްރޯލް ގަދަވިޔަ ނުދީ މަޑުޖައްސާލާ. އެހެންވީމަ، މިއީ މުޅިން ތަފާތު ކޮންސެޕްޓްއެއް. ބައްޔާއެކު އިތުރު ހިތްވަރެއް ނުވަތަ ބާރެއް ދޭ ބޭހަކާއި، ބަލީގެ ބާރު ގަދަވިޔަ ނުދީ މަޑުޖައްސާލަދޭ ބޭހަކީ މުޅިން ތަފާތު 2 އެއްޗެއް.ޑރ ލޯރަންސް ހޯނިގް؛ ކޮލަމްބިއާ ޔުނިވަރސިޓީ މެޑިކަލް ސެންޓަރުގެ ނިއުރޮލޮޖީ ޕްރޮފެސަރ
އަލްޒައިމާޒް ޑިޒީޒް އިންޓަރނޭޝަނަލްއިން ބުނާ ގޮތުގައި، އެކަށީގެންވާ ފަރުވާއަކާ ނުލާ، 2050 ވަނަ އަހަރު އަންނަ އިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ބަލި ތަހައްމަލު ކުރާ މީހުންގެ އަދަދު 139 މިލިއަނަށް އެރުން އެކަށީގެންވެއެވެ.
ބަލި މުޅިން ފަސޭހަ ކޮށްލާ ބޭހަކަށް ވަރަށް އުއްމީދު ކުރެވޭ. އެކަމަކު، އެއީ އަދި ވަރަށް ދުރުގަ އޮތް ކަމެއް. މިހާރު މި ލިބުނު ކުރިއެރުމާ މެދުވެސް ވަރަށް ވަރަށް ބޮޑަށް ހިތްހަމަޖެހޭ އަހަރަމެން. މިއީވެސް ވަރަށް ދުރުގަ އޮތޭ ހީވި ކަހަލަ ކަމެއް. ލެކާނެމެބް ކަހަލަ، ބަލީގެ ދުވެލި މަޑުޖައްސާލަނިވި ބޭހެއް ލިބުންވެސް ދުރު ކަމަށް ހީވެފަ އޮތީ. މިއީ މިހާރު ދެމުންދާ ފަރުވާއާ އަޅާ ބަލާއިރު، ވަރަށް ބޮޑު ކުރިއެރުމެއް.ޑރ ލޯރަންސް ހޯނިގް؛ ކޮލަމްބިއާ ޔުނިވަރސިޓީ މެޑިކަލް ސެންޓަރުގެ ނިއުރޮލޮޖީ ޕްރޮފެސަރ
އެއިޒާއީއިން ދަނީ އާންމު ފަރުވާގައި ލެކާނެމެބް ބޭނުން ކުރުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)ގެ ހުއްދަ، ވީ އެންމެ އަވަހަކަށް ހޯދުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އަވަސް ނިޔާގެ ދަށުން އެފްޑީއޭއިން ނިންމާ ގޮތެއް، އަންނަ ޖެނުއަރީ މަހަށް ހޯދުމަށް އެއިޒާއީއިން ދަނީ މަސައްކަތް ކުރަމުންނެވެ.
އެއިޒާއީއިން އަމާޒު ހިފާފައި ވަނީ 2023 ވަނަ އަހަރު ނިމޭ އިރު، ފުރިހަމަ އިޒުނައިގެ ދަށުން، ވިޔަފާރި އުސޫލުން، އެމެރިކާއާއި ވިލާތުގެ އިތުރުން ޖަޕާނަށް ލެކާނެމެބް ތަޢާރަފު ކުރުމަށެވެ.
1800 ޕޭޝަންޓުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ތަހުލީލު މައިގަނޑު ގޮތެއްގައި އަމާޒު ކުރީ، އަލްޒައިމާ ބަލި ޖެހޭ މީހުންގެ ސިކުނޑީގައި އަށަގަންނަ ތަތް ޕްރޮޓީންއެއް ކަމަށް ވާ އެމްލޮއިޑް ބީޓާ ނައްތާލުމަށެވެ. އެކަން އެގޮތަށް ކުރުމުން، ބަލި ބޮޑުވެގެންދާ ދިއުން މަޑުޖައްސާލެވެއެވެ. މި ނަޒަރިއްޔާއަކީ އަލްޒައިމާގެ ފަރުވާއާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ބަހުސް ކުރެވުނު ނަޒަރިއްޔާއެކެވެ. ނަމަވެސް، ބައެއް ސައެންސްވެރިން ވަނީ އެ ނަޒަރިއްޔާ ގޮންޖަހާފައެވެ.
އަލްޒައިމާ ނުވަތަ ދިވެހިންގެ ތެރޭގައި ބައެއް މީހުން ކިއާ އުޅޭ ގޮތަށް ދަންނަވަނީނަމަ ހަނދާން ނެތޭ ބައްޔަކީ، ބަލި ޖެހޭ މީހުންގެ އުމުރުން ދުވަސް ވަމުން ދާ ވަރަކަށް، އެ ބަލީގެ އިންތިހާ ވޭން އުފުލަން ޖެހޭ ހިތްދަތި ބައްޔެކެވެ. ކަނޑައެޅިގެން ވަކި ފަރުވާއެއް އަދާ ޖެހުނުއިރުވެސް ހޯދިފައި ނުވާ އަލްޒައިމާ ބަލީގެ ޕޭޝަންޓުންނަށް މިވަގުތަށް ދެވެން އޮތް އެންމެ ބޮޑު އެހީއަކީ އެހެން މީހުންގެ ލޯތްބާއި އަޅާލުމާއި ޙަމްދަރުދީއެވެ. އެހީއާއި ހިތްވަރާއި ހެޔޮ ދުޢާއެވެ.