ކ. މާލެ
|
26 ސެޕްޓެންބަރ 2022 | ހޯމަ 09:52
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް
ރައްޔިތުންގެ މަޖިލިސް
އަމީނީ މަގުގެ ގަސްތައް ނެގުން
އަމީނީ މަގުގެ ގަސްތައް ނެގުން ނުހުއްޓައިފިނަމަ ރައީސް ނަޝީދު ޝަރީއަތަށް ވަޑައިގަންނަވަނީ
އަމީނީ މަގުން ނަގާ ގަސްތައް ބަދަލުކުރަނީ ކ. ކުޑަގިރީގައި ތަރައްގީކުރަމުން އަންނަ ޕިކްނިކް އައިލެންޑަށް
އަމީނީ މަގު ތަރައްްޤީކުރާނީ މަގުގައި ހުރި އެއްވެސް ގަހަކަށް ގެއްލުންނުވާނެހެން ތިމާވެއްޓާ ރައްޓެހިގޮތަކަށް: އާރްޑީސީ

އަމީނީ މަގު ހެދުމަށް، އެ މަގުގައި ހައްދާފައި ހުރި ގަސްތައް ކެނޑުން ނުހުއްޓައިފި ނަމަ ޝަރީއަތަށް ވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރައްވައިފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާ ފެށުމުގެ ކުރިން ރިޔާސަތުން އިއްވާ އިއްވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އަމީނީ މަގުގައި ހުރި ގަސްތައް ކެނޑުމަކާއި ނުލާ މަގު ހެދޭނެ އެހެން ގޮތެއް ހޯދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރަމުންދާ ކުންފުންޏާއި ސަރުކާރުން މި މައްސަލައިގައި ދެވަނަ ވިސްނުމަކަށް ދިއުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އަމީނީ މަގުގައި ހުރި ގަސްތައް ކެނޑުމަކީ ގިނަ ބަޔަކު އެކަމާ މެދު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

އަޅުގަނޑު ހިތުން އެ ކަންބޮޑުވުމަކީ މާލޭގައި ދިރިއުޅޭ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެއް. އަޅުގަނޑު އުންމީދުކުރަން އެ ކުންފުންޏާއި ސަރުކާރުގެ ޕްލޭނިން މިނިސްޓްރީއިން މިކަމާއި އިތުރު ވިސްނުމަކަށް ވަޑައިގަންނަވާނެ ކަމަށް. އެހެން ނޫން ނަމަ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ޝަރީއަތަށް ދިއުން ނޫންގޮތެއް މިކަމުގައި ހަގީގަތުގައި ނެތް.
ރައީސް ނަޝީދު / ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް

މީގެ ކުރިން ވެސް ރައީސް ނަޝީދު ވަނީ މަޖިލީހުގެ ރިޔާސަތުގައި ވާހަކަފުޅު ދައްކަވަމުން މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭރު އެމަނިކުފާނު ވިދާޅުވީ އަމީނީ މަގުގައި ތާރުއަޅަންކަމަށް ބުނެ އެ މަގުގައި ހުރި ގަސްތައް ކަނޑަމުންދާ ވާހަކަ ނުވަތަ އެހެންތަނަކަށް ބަދަލުކުރާ ވާހަކަ އިވިވަޑައިގެންފައިވާ ކަމަށެވެ. އަދި ގަހެއް ހެދުމަށް 15-20 އަހަރު ނަގާ ކަމަށާއި، މަގެއް ހެދުމަށް ހޭދަވަނީ 2-3 މަސް ކަމަށް ރައީސް ނަޝިދު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިކަމުގައި އެހެން ގޮތެއް ހޯދަންޖެހޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަމީނީ މަގު ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ މަގުން ނަގާ ގަސްތަކުގެ ބަދަލުގައި އިތުރު ގަސްތައް އިންދާނެކަމަށް، އާރްޑީސީން ވަނީ މީގެ ކުރިން ބުނެފައެވެ. އެ ކުންފުނިން މިކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ މާލެ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓުގެ ދަށުން އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތްކުރަން ރާވާފައިވަނީ އެ މަގުގައި ހުރި އެއްވެސް ގަހަކަށް ގެއްލުންނުވާނެހެން ތިމާވެއްޓާ ރައްޓެހިގޮތަކަށް ކަމަށެވެ. އަމީނީ މަގުގެ ބައެއް ހޮޅިތަކާއި ކޭބަލްތަކަށް އެ މަގުގައި ހުރި ގަސްތަކުގެ މުލުގެ އަސަރު ކޮށްފައިވާތީ އެ ގަސްތައް އަމީނީ މަގުން ނަގައި އެހެންތަނަކަށް ގެންދިއުމުގެ މަސައްކަތް އަންނަކަމަށް އެ ކުންފުނިން ބުނެއެވެ.

އާރްޑީސީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މިގަސްތައް ބަދަލު ކުރަނީ ކ. ކުޑަގިރީގައި ތަރައްގީކުރަމުން އަންނަ ޕިކްނިކް އައިލެންޑަށެވެ. ނަމަވެސް އަމީނީ މަގުން ނަގާ ގަސްތަކުގެ ބަދަލުގައި، މަގުގެ މަސައްކަތް ނިމުމުން ގަސް އިންދޭނެ ތަންތަނުގައި ގަސް އިންދާނެއެވެ.

- ކޮމެންޓް