އަވަހާރަކޮށްލެވުނު ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާ އަންގާރަ ދުވަހު ބާއްވަން ތައްޔާރުވަމުން ދާއިރު، މިޖަނާޒާއަށް ހިނގާނެ ކަމަށް އަންދާޒާ ކުރެވޭ ޚަރަދު، އިނގިރޭސި ރާނީ އެލިޒަބަތު ދޭއްގެ ޖަނާޒާއަށް ދިޔަ ޚަރަދަށް ވުރެ ބޮޑުވާނެ ކަމަށް ޖަޕާންގެ މީޑިޔާ ރިޕޯޓުތައް ބުނެފި އެވެ. މިއާއެކު އެކިފަރާތްތަކުން ގެންދަނީ މިހެންވާންވީ ކީއްވެގެންތޯ ބުނެ ސުވާލު އުފައްދަމުންނެވެ.
ރާނީ އެލިޒަބަތުގެ ޖަނާޒާއަށް ދިޔަ ޚަރަދު ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް ޑެއިލީ މިރަރއިން ބުނި ކަމަށް ދަ ފްލޭޝްގައި ބުނެފައިވަނީ 8 މިލިއަން ޕައުންޑު ނުވަތަ 1.3 ބިލިއަން ޔެން ޚަރަދު ވެފައިވާ ކަމަށެވެ. އަބޭގެ ޖަނާޒާއަށް ޚަރަދުވާނެ ކަމަށް އަންދާޒާކޮށްފައި ވަނީ 1.66 ބިލިއަން ޔެންއެވެ. އަދި މިއަށް ވުރެވެސް މާމައްޗަށް ޚަރަދު ވާނެ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. އެހެނީ ޓޯކިޔޯ އޮލިމްޕިކްސްއަށް ވެސް އަންދާޒާ ކުރެވުނު ވަރުގެ ދެގުނަ، ގާތްގަޑަކަށް 13 ބިލިއަން ޑޮލަރު ޚަރަދު ވެފައި ވާތީ އެވެ.
އަބޭގެ ޖަނާޒާ ޚަރަދު ބޮޑުވަނީ އެކަން އިންތިޒާމް ކުރުމަށް ހަވާލު ކުރެވުނު ކުންފުނީގެ ސަބަބުންތޯ މިހާރު ގިނަ ބަޔަކު ސުވާލު އުފައްދައެވެ. މިކަމަށް އިއުލާން ކުރުމުން ބިޑުކުރީ އެންމެ ފަރާތަކުން ކަމަށް ވާއިރު އެކުންފުންޏަކީ އަބޭގެ ވެރިކަމުގެ ދުވަސްވަރުގައި ބާއްވަވާ ޗެރީ ބްލޮސަމް ޕާޓީ ބޭއްވުމަށް ވެސް ހަވާލު ކުރެވޭ ކުންފުންޏެވެ. މި ޕާޓީއަށް ވެސް ކުރެވޭ ޚަރަދު ބޮޑުކަމަށް ބުނެ އެކި ފަރާތްތަކުން އޭރު އަޑު އުފުލަމުން ދިއުމާއި އެކު އެޕާޓީ ކެންސަލްކޮށްފައި ވެސް އެބަހުއްޓެވެ.
ޗެރީ ބްލޮސަމް ޕާޓީއަކީ އެގައުމުގައި ޚާއްސަ ވަނަތައް ހޯދާ ފަރާތްތަކަށް އިނާމުދީ އެފަދަ ފަރާތްތަކުގެ އަގު ވަޒަން ކުރުމަށް 1952 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އިވެންޓެކެވެ. މިޕާޓީ ބާއްވަނީ އެގައުމަށް ޚާއްސަ މަލެއް ކަމަށްވާ ޗެރީ ބްލޮސަމް ގަސްތަކުގައި މާތައް ފޮޅޭ ދުވަސްވަރާ ދިމާކޮށް އެފަދަ ގަސްތައް ގިނަ ޕާކެއްގައެވެ.
ޝިންޒޯ އަބޭގެ ޖަނާއަށް ދާނެ ކަމަށް އަންދާޒާ ކުރެވޭ ޚަރަދާއި ބެހޭ ގޮތުން ކިއޯޑޯ ނޫސް އެޖެންސީ އިން ހެދި ޚިޔާލު ހޯދުމުގެ ޕޯލްއެއްގައި ބައިވެރިވި މީހުންގެ 75 އިންސައްތަ ބުނެފައިވަނީ އެޚަރަދު މާބޮޑު ކަމުގައެވެ. އަދި ގިނަ މީހުން މިފަދަ ސްޓޭޓް ފެންވަރުގެ ޖަނާޒާއެއް ބޭއްވުމާއި ދެކޮޅެވެ. މިޖަނާޒާއަށް މީޑިޔާގައި ދީފައިވާ ނަމަކީ "ފިއުނަރަލް ޑިޕްލޮމަސީއެވެ."
ޚަރަދުގެ ދެބައިކޮށްފައި އެއްބައި ދާނީ ސެކިއުރިޓީ ވަރުގަދަ ކުރުމަށެވެ. މީގެ އިތުރުން ބޭރުގެ އިއްޒަތްތެރިންގެ ޚަރަދުތަކަށް ވެސް ބޮޑު އެއްޗެއް ޚަރަދުވާނެއެވެ.
އަންގާރަ ދުވަހުގެ ޖަނާޒާގެ ކުރިން ދުނިޔޭގެ ލީޑަރުން މިހާރު ވެސް ވަނީ ޖަޕާނަށް ވަޑައިގަންނަވަން ފައްޓަވާފައެވެ. ތިންދުވަހަށް ދެމިގެންދާނެ އިހްތިފާލުތަކުގައި ބައިވެރިވުމަށް 217 ގައުމަކުން 700 މެހްމާނުން ދަތުރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އެމެރިކާގެ ނާއިބު ރައީސް ކަމަލާ ހެރިސް އާއި އިންޑިޔާ އާއި އޮސްޓްރޭލިޔާގެ ބޮޑުވަޒީރުން ކަމަށްވާ ނަރެންދުރަ މޯދީ އާއި އެންތަނީ އަލްބަނީސް ހިމެނިވަޑައިގަންނަވައެވެ. އަބޭގެ ޖަނާޒާގައި މުޅިއެކު ހަހާސް މީހުން ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރާނީ އެލިޒަބަތުގެ ޖަނާޒާގައި މިހާރުގެ ވެރިން ބައިވެރިވެވަޑައިގެންފައިވާއިރު، ޝިންޒޯ އަބޭގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަންނަވާނީ ގިނައިން ކުރީގެ ލީޑަރުންކަމަށް ވެއެވެ. މިއީވެސް ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރަމުންދާ ކަމެކެވެ.
ޖަޕަނުގައި އެންމެ ގިނަ ދުވަހު މަގާމު ފުރުއްވި ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަކޮށްލާފައިވަނީ ކެމްޕެއިން ހަރަކާތެއްގައި އުޅުއްވަނިކޮށް ޖުލައި އަށްވަނަ ދުވަހުއެވެ. އަބޭގެ ޖަނާޒާ ވާނީ އެގައުމުގައި ދައުލަތުގެ ޚަރަދުގައި ބާއްވާ ދެވަނަ ޖަނާޒާ އަށެވެ. ފުރަތަމަ ސްޓޭޓް ފިއުނަރަލް ބާއްވާފައިވަނީ މީގެ 55 އަހަރު ކުރިން، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ވެރިކަން ކުރެއްވި ޝިގެރޫ ޔޮޝީޑާ އަށެވެ. ޔޮޝީޑާ އަކީ ހަނގުރާމަޔަށް ފަހު ޖަޕާން އޮންނާނެ ގޮތުގެ ތަސައްވުރު އެކުލަވާލައްވާ އެމަގުން މަސައްކަތް ފެއްޓެވި ލީޑަރެވެ. ބައެއް މީޑިޔާތަކުން ވަނީ ޔޮޝީޑާގެ ޖަނާޒާޔަށް 1967ގައި ވެސް ޚަރަދުވީ 18 މިލިއަން ޔެންކަން ފާހަގަކޮށްފައެވެ. އެއީ މިހާރުގެ އަދަދުން ބެލިޔަސް 70 މިލިއަން ޔެން އެވެ.
ޖަޕާންގައި ގިނަ އަހަރުތަކަކަށް ފަހު ފުރަތަމަ ފަހަރަށް އިންފްލޭޝަންގެ މައްސަލައާ ކުރިމަތިލާން ޖެހިފައިވާއިރު ދެކޮޅު ހަދާ ފަރާތްތަކުން ބުނަނީ މިފައިސާ އާމްދަނީ މަދުން ލިބޭ އާއިލާތަކަށް އެހީވުމަށް ޚަރަދު ކުރުން މާރަނގަޅުވާނެ ކަމުގައެވެ.
މިމައްސަލައިގައި މިހާރުގެ ބޮޑުވަޒީރު ކިޝީޑާގެ މަގްބޫލްކަން ވެސް ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ.