ފެހި ކުލައިގެ ވެސްޓެއް ލައިގެން ތިބޭ ބަޔަކު މާލޭގެ މަގުމަތިން ކޮންމެ ރެއަކުވެސް ފެނެއެވެ. އެއީ ޓްރެފިކް ފުލުހުންނެއް ނޫނެވެ. އަދި އެއީ އިމާރާތްކުރާ ތަނެއްގައި ހަރަކާތްތެރިވާ މަސައްކަތު މީހުންނެއްވެސް ނޫނެވެ. އެއީ 24 ގަޑި އިރު ތެރޭގައި މާލޭގެ މަގުތަކަށް އަޅާފައި ހުންނަ ކުނިތައް ނަގާ މާލެ ސާފުކުރުމުގެ އެންމެ ބުރަ ޒިންމާ އުފުލާ އަންހެންވެރިންތަކެކެވެ.
ދަރިންގެ ކަންކަން ކުރުމުގައި ދުވާލު ބުރަކޮށް އުޅުމަށް ފަހުވެސް ދަންވަރު އެފަރާތްތަކުން މަގުތައް ސާފުކުރަން ނިކުންނަނީ، ކަމަށް ކަމޭހިތައިގެންނެވެ. ރޭގަނޑުގެ އަރާމު ނިދި ނަގާލާފައި އެގަޑީގައި އެ ނިކުންނަނީ އާއިލާގެ ހަރަދު ބަރަދު ބަލަހައްޓަން މަޖުބޫރުވާތީއެވެ. އެ ލިބޭ މުސާރަކޮޅު ނުލިބޭނަމަ މިތަނުން ގިނަ މީހުންނަކީ ކޮންމެވެސް ދަރަންޏެއް ބޮލުގައި އެޅި، ނުވަތަ ދެއިރު ހަމަޔަށް ކާން ނުލިބި އާއިލާތައް ނިކަމެތިވެދާނެ ކަމުގެ ބިރު އޮތް ބަޔެކެވެ.
ނަމަވެސް މިއިން އެއްވެސްކަމަކަށް ފަރުވާލެއް ދޭތަނެއް ނުފެނެއެވެ. މާލެ ސިޓީގައި ދިރިއުޅެމުން އަންނަ މި ފަރާތްތަކަށް މާލެ ސިޓީގެ ބެލެނިވެރި ފަރާތުން ދިނީ އެމީހުންނަށް ގަބޫލުކުރަން ވެސް ދަތި ހަބަރެކެވެ. ވަޒީފާ ގެއްލިދާނެކަމުގެ ހަބަރެވެ. އެމީހުން ކުރާ މަސައްކަތުގެ އެއްބަސްވުން އައު ނުކުރާނެ ވާހަކައެވެ. ސީދާ މޭޔަރު މުހައްމަދު މުއިއްޒު މިކަމުގައި ގަދަފައި ވިއްދާފައި ހުންނެވި ތަނެވެ.
އެމީހުންގެ މަސައްކަތްތައް ފަށަނީ ރޭގަނޑު 10 ޖަހާ އެހާކަންހާ އިރުއެވެ. އެއީ އާންމު ރައްޔިތުންނަށް ވީހާވެސް އުދަނގޫ ނުވާނެ ގޮތުގެ މަތިން ހަމަޖައްސާފައިވާ ގަޑިއެއް ކަމަށް ބެލެވެއެވެ. ވެމްކޯ ސައިޓަށް ގޮސް ފިންގަރ އިން ކުރުމަށްފަހުގައި ސްޕަވައިޒަރުންގެ ބެލުމުގެ ދަށުން މާލޭގެ އެކި ހިސާބުތަކަށް ޓީމްތަކުންދެއެވެ. ދެން ޓީމްތައް ބަހާލަނީ އެކި ސަރަހައްދުތަކަށެވެ. މަސައްކަތަކަށް ވަނީ މުޅި މާލެ ސާފުކުރުމެވެ. އެއީ މަގުމައްޗަށް އަޅާފައި ހުރި ކުނިކަމުގައި ވިޔަސް، ގެއަކުން ނެރެފައި މަގުމަތީގައި ބަހައްޓާފައި ހުންނަ ކުނިކަމުގައި ވިޔަސް، އަދި އާންމުން މަގުމައްޗަށް އެއްލާލާ ކުނިކަމުގައި ވިޔަސް އެ ސާފުކުރުމުގައެވެ.
މި މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން މިހާރު ތިބީ ކަންބޮޑުވުމެއްގައެވެ. ބިރުވެރިކަމެއްގެ ތެރޭގައެވެ. ވާނެ ގޮތެއް ނޭނގިފައެވެ. މީގެ ތެރެއިން ރާއްޖެ ޓީވީއާއި ވާހަކަ ދެއްކި މީހަކު ބުނީ އެމީހުންގެ މަސައްކަތާއި ގުޅޭގޮތުން މޭޔަރު ދައްކަވާ ވާހަކައަކީ ހަގީގަތާއި ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. ހަވާލުކުރެވޭ މަސައްކަތް ވަރަށް ސާފުކޮށް ކުރާ ވާހަކަ ވިދާޅުވެއެވެ. ކުނި ކަހާލާފައިދާ ތަނެއްގައި ކުންޏެއް ނުނެގި ނުވަތަ ނުކަހާ ނުހުންނާނެ ކަމަށެވެ.
މި ވަޒީފާއަކީ ވަރަށް މުހިންމު އެއްޗެއް. އަޅުގަނޑަށް ލިބޭ އެއްޗަކުން އަޅުގަނޑ ދިރިއުޅެނީ. އަޅުގަނޑުގެ ދަރިންނާއި. އަޅުގަނޑުމެން ވަޒީފާއިން ވަކިކޮށްލައިފިނަމަ އެއީ އަޅުގަނޑުމެންނަށް ލިބޭނެ ވަރަށް ބޮޑު ނިކަމެތިކަމެއް އެފަރާތުން އެގޮތަށް ކަންތައް ކޮށްފިއްޔާ. ވަރަށް ދަތި ހާލުގައި އަޅުގަނޑުމެން އުޅެނީ. އަޅުގަނޑުމެންނަށް އެފަދަ ނިކަމެތިކަމެއް އެފަރާތުން ދެއްވައިފިނަމަ އަޅުގަނޑުމެން ވަރަށް ދެރަވާނެ. އެބޭފުޅުން އެއްބާރުލުމުން މިކަން މިއޮތްގޮތަށް ކުރިއަށްދާނެ ގޮތެއް ހަދަން އަޅުގަނޑުމެން ބޭނުންވަނީމާލޭގެ މަގުތައް ސާފުކުރުމުގައި ހަރަކާތްތެރިވާ މީހެއް
މާލޭ ތެރެ ކުނިކަހާ ސާފްކުރާ އިތުރު މީހަކު ބުނީ ހަވާލުކުރެވޭ ހުރިހާ މަސައްކަތެއް ބަރާބަރަށް ކުރާ ކަމަށެވެ. ހުރިހާ ސަރަހައްދެއްވެސް ވަރަށް ރަނގަޅަށް ސާފުކުރާކަމަށެވެ. މާލޭގެ މަގުތަކުން ނަގަނީ ހަމައެކަނި ގަސްތަކުން ފައިބާފަ ހުންނަ ފަތްތައް ނޫން ކަމަށާއި، މަގުމަތީގައި ހުންނަ ހުރިހާ ބާވަތެއްގެ ކުންޏެއް ނަގާ ކަމަށެވެ.
އަޅުގަނޑުމެން ދާއިރު އޮންނާނީ ވަރަށް ސާފުކޮށް. މާލެތެރެ ސާފުކުރުމުގައި ހަރަކާތްތެރިވާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ވަރަށް ދެރަވި އެގޮތަށް އެ އަޑު އިވިފައި އިނީމަ. އަޅުގަނޑުމެންނަށްވާ އެންމެ ރަނގަލަށް މަގުމަތި ސާފުކުރަނީ. އަޅުގަނޑުމެންނަށް ވަރަށް ބޮޑު ދެރައަކަށްވާނެ އަޅުގަނޑުމެންނަށް މި އާމްދަނީ ހުއްޓިއްޖެއްޔާ. މި މަސައްކަތް ނުކުރެވޭނެ އެއްވެސް ހާލަތެއް އައިސްފިއްޔާ. މި މަސައްކަތުން ލިބޭ އެއްޗަކުން އާއިލާ ބަލަހައްޓަން މުހިންމު ހަރަދުތަކެއް ކުރެވޭ. އަޅުގަނޑުގެ ތިބޭ 6 ކުދިން. އަޅުގަނޑުގެ 6 ކުދިންގެ އެކި ހަރަދު ބަލަހައްޓަން އަޅުގަނޑު ހަރަދުކުރަނީ މި ލިބޭ އެއްޗަކުންމާލޭގެ މަގުތައް ސާފުކުރުމުގައި ހަރަކާތްތެރިވާ މީހެއް
އަންހެނުންނަށް ބައެއް ފަހަރު ވަޒީފާ ލިބުމަކީ އުނދަގޫކަމެކެވެ. ގިނަފަހަރު ކޮންމެވެސް އަމިއްލަ މަސައްކަތެއް ކޮށްގެން އާއިލާގެ ހަރަދު ބަލަހައްޓާ އެކަނިވެރި މައިންވެސް ތިބެއެވެ. މިފަދަ އެކަކީ މި މަސައްކަތުގައި ހަރަކާތްތެރިވާ މޫނު ބުރުގާ އެޅި ފަރާތެކެވެ. ރާއްޖެއެމްވިއާއި ވާހަކަ ދައްކަމުން އޭނާގެ ހާލަތު ވަރަށް އަސަރާއެކު ހިއްސާކުރިއެވެ.
އޭނާ ބުނީ އޭނާއަކީ އެކަނިވެރި މައެއް ކަމަށެވެ. ކުނިކެހުމުގެ މަސައްކަތަށް އަންނަނި ދަރިފުޅަށް ކާންދިނުމަށްފަހުގައި ގޭގެ މަސައްކަތްތައް ނިންމާފައި ކަމަށެވެ. މާލެތެރެ ސާފުނުކުރާކަމަށް ސިޓީކައުންސިލުން ދައްކާ ވާހަކަތަކާއި ގުޅިގެން އޭނާ ބުނީ އެރެއެއްގައި ލިބޭ ސަރަހައްދެއް ސާފުކޮށްފައި އަދި ގޭބީސީތަކުން ނެރޭ ކުނިތައް ނަގާ މުޅި ސަރަހައްދު ވަރަށް ރީއްޗަށް ސާފުކުރާ ކަމަށެވެ. އެއްބަސްވުން އުވާލައިފިނަމަ ދެންވާނެ ގޮތް ހިއްސާކުރަމުން އޭނާ ބުނީ މި މަސައްކަތުން ލިބޭ އާމްދަނީ އަދި ދަރިފުޅަށް ލިބޭ އެއްޗަކުން މާލެއިން ތަނެއް ހިފައިގެން ހަރަދުތައް ބަލަހައްޓަމުންދާ ކަމަށެވެ.
އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑު ވަރިކޮށްފައި ހުންނަނީ. އަޅުގަނޑުގެ ހުންނަނީ ކިޔަވާ ކުއްޖެއް. އަޅުގަނޑުގެ ވަޒީފާ ގެއްލިއްޖެއްޔާ އަޅުގަނޑު ވަރަށް ދެރަވާނެ. މި ވަޒީފާ ލިބުނުފަހުން އެކަނިމާއެކަނި ތަނެއް ހިފައިގެން މިއުޅެނީ ދަރިފުޅު ގޮވައިގެން. މިއަހަރު ގްރޭޑް 10 ގައި ދަރިފުޅު އުޅެނީ. މިހާ ހިސާބަށް ދެން ކަންކަން ދިޔާމަ އަޅުގަނޑަކަށް ނޭނގޭ އަޅުގަނޑަށް އުޅެވޭނެ ގޮތެއް. ވަރަށް ގިނަ އަންހެނުންތަކެއްގެ ވަޒީފާ މި ގެއްލެނީ. އަޅުގަނޑު އަންހެނަކަށްވެ ހުރެ ވަރަށް ދެރަވާނެ. މިތާގައި ގިނައިން މިތިބެނީ އެކަނިވެރި މައިންނާއި، ބައިވަރު އާއިލާތަކެއް ގެންގުޅޭ މީހެއް. 4 ދަރިން ގެންގުޅޭ އެކަނިވެރި މައިން އެބަތިބިމާލޭގެ މަގުތައް ސާފުކުރުމުގައި ހަރަކާތްތެރިވާ މީހެއް
މިއީ މިފަދަ އެންމެ މަންމައެއްގެ އިހުސާސެވެ. ދަންވަރު ނިދި ނަގާލާފައި ނުކުންނަނީ ދަރިފުޅުގެ ހައްގުގައެވެ. މި މަސައްކަތުގައި އުޅޭ އެކަނިވެރި މައިންގެ ތެރޭގައި މެދު އުމުރުފުރައިގެ މީހުންވެސް ތިބެއެވެ. މިއަދު ގޭގައި އަރާމުކޮށްލަން ތިބެންޖެހޭ އުމުރުގައި ދަރިންގެ ހައްގުގައި މަސައްކަތަށް ނުކުމެ ލިބޭ އެއްޗަކީ އެފަރާތްތަކަށް ނިއުމަތެއްގެ ގޮތުގައި އެފަރާތްތަކުން ފާހަގަ ކުރެއެވެ.
މިފަދަ އިތުރު ފަރާތެއް ބުނީ އެނާގެ އާއިލާއަކީ ބޮޑު އާއިލާއެއް ކަމަށެވެ. 7 ދަރިން ތިބޭ އިރު، އޭނާ އަކީ އެކަނިވެރި މައެއް ކަމަށެވެ. ދަރިންގެ ބައްޕަ ނިޔާވެފައިވާ ކަމަށާއި، މި މަސައްކަތަކީ ރޭގަނޑު ކުރާ ކަމަކަށްވުމުން، އާމްދަނީ ހޯދުމަށް މި ވަޒީފާއަށް ނުކުންނަ ކަމަށެވެ. މިއީ މުޖްތަމައުއަށްވެސް ފައިދާ ކުރާ އަދި ކަމަށް ކަމޭހިތައިގެން ކުރާކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ.
ސިޓީ ކައުންސިލަށް ބުނެލަން އޮތީ، އަޅުގަނޑުމެން ވަރަށް ރަނގަޅަށް މަސައްކަތް ކުރަމޭ. ސިޓީ ކައުންސިލުން އެގޮތަށް ތުހުމަތު ކުރިކަމުގައި ވިޔަސް، އަޅުގަނޑުމެން ކިތައްމެ ވަރަކަށް މިތަން ސާފުކުރިޔަސް އާންމު ރައްޔިތުންގެ އެއްބާރުލުން ނުލިބެންޔާ މަގުމަތި އޮންނާނީ ހަޑިކޮށް ދެއްތޯ؟ ވަޒިފާ ގެއްލިއްޖެނަމަ އާއިލާއަށް ލިބޭނެ ވަރަށް ބޮޑު ނިކަމެތިކަމެއް. އަޅުގަނޑު އެކަނިމާއެކަނި 18 އަހަރު ނުވާ ކުއްޖަކު ގޮވައިގެން އުޅޭ މީހެއް މިއީމާލޭގެ މަގުތައް ސާފުކުރުމުގައި ހަރަކާތްތެރިވާ މީހެއް
މަސައްތަކަށް ކުނިކަހާ މީހުން ނުކުންނަ އިރު، ގްރޫއްޕުތައް ބަލަހައްޓަން ސުޕަވައިޒަރުން ވެސް ތިބެއެވެ. ކުނިކަހާ ސާފުކުރާ ގޮތް ބަލާ، މަސައްކަތް ދާގޮތް ގާތުން ބަލައެވެ. އިރުޝާދު ދީ މަސައްކަތް ނިންމާލާއިރު، އަނެއް ދުވަހުގެ ހެނދުނަށް އިރު އަރާ އިރު މުޅި މާލެއަކީ ވެސް ހިތްގައިމު ހިތްފަސޭހަ މަގުތައް ސާފުތަނަކަށް ހެދުމަށް މަސައްކަތްތައް ކުރެވެއެވެ.
ގަލޮޅުން އިމާދުއްދީނާއި ގާކޮށި ފުލެޓް އަދި ނީލަން ފިހާރަ ހުންނަ ސަރަހައްދު ސާފުކުރާ ގްރޫއްޕުގެ ސުޕަވައިޒަރު ވާހަކަ ދައްކަމުން ބުނީ މަސައްކަތް ފެށުމަށް ވެމްކޯ ސައިޓަށް ގޮސް ކުނި އަޅާނެ ކޮތަޅުތައް އެތަނުން ނަގާ އެ ހިފައިގެން އައިސް ގްރޫއްޕުތަކަށް ބަހަލާ ކަމަށެވެ. އަދި އެމީހުން ކުނިކަހަން ނެރެފަ، އާންމު ރައްޔިތުން އަޅާފައި ހުންނަ ކުންޏާއި، ވިނަ އަދި ދެންވެސް ހުންނަ ކުނިތައް ނަގާ ކަމަށެވެ.
އަޅުގަނޑުމެން ކުނި ކަހާފައި ދާފަހުން އަޅާ އެއްޗެއް ނުނެގޭނެ އެހެންނުންތޯ؟ މަސައްކަތް ނިންމާފަ ދަނީ. ސިޓީ ކައުންސިލުން ބުންޏަސް އަޅުގަނޑުމެން ހުރިހާ ތަނެއް ސާފުކުރަން. ސިޓީ ކައުންސިލަށް މި މަސައްކަތް ބަދަލުކުރުމަށް އެންމެން ވެސް ދެކޮޅު. އަޅުގަނޑުމެންނަށް ވަރަށް ބޮޑު ދެރައަކަށްވާނެ މިކަން އުވާލައިފިއްޔާ. އަޅުގަނޑުމެން އެދެނީ ސަރުކާރުން މިކަމަށް އެއްބާރުލުމެއް ދީގެން މިކަން ހުއްޓުވުން. ކުރިންވެސް ސިޓީ ކައުންސިލުން ނުވެގެން ވެމްކޯއާއި ހަވާލުކުރީ. ދެން ކީއްކުރަންތޯ މިކަން އުވާލަން އެ އުޅެނީ. މިކަމުގެ ހައްލަކީ ރަނގަޅު ގާނޫނެއްގެ ދަށުން މަގުތަކަށް ކުނި ނާޅާނެ ގޮތެއް ހެދުން. އެކަމަށް އަދަބެއް ކަނޑައެޅުންމާލޭގެ މަގުތައް ސާފުކުރުމުގައި ހަރަކާތްތެރިވާ މީހުންގެ ސުޕަވައިޒަރު
މާލޭގެ އިތުރުން ވިލިމާލޭގައި ވެސް މަގުތައް ސާފުކުރާ 30 ވަރަކަށް މުވައްޒަފުން ހަރަކާތްތެރިވަމުންދެއެވެ. މާލޭގައި 150 އެއްހާ މުވައްޒަފުންނާއި، ސުޕަވައިޒަރުންނާއެކު ޖުމްލަ 200 އެއްހާ މުވައްޒަފުން މަސައްކަތް ކުރެއެވެ.
މި މަސައްކަތުގައި ހަރަކާތްތެރިވާ 95 އިންސައްތަ މުވައްޒަފުންނަކީ އަންހެނުންނެވެ. އަދި މި ފަރާތްތަކުގެ ތެރޭގައި ވެސް ގިނައީ އެކަނިވެރި މައިންނެވެ. އާއިލާގެ ކަންކަން ބަލަހައްޓަން ވަޒީފާއަށް ނުކުންނަ ފަރާތްތަކެވެ. މިއަދު އެފަރާތްތަކުން އެތިބީ ވަޒީފާ ގެއްލިދާނެކަމުގެ ބިރު ހީވެ މާޔޫސްވެފައެވެ. ނަމަވެސް އެފަރާތްތަކުގެ ބެލެނިވެރި ފަރާތުން މިއަދު ގަދަ ދައްކާފައި ވެމްކޯއާއެކު ވެފައިވާ އެއްބަސްވުން އުވާލާ ވަޒިފާގައި ތިބި މީހުން ކަނޑާލާނެކަމުގެ އިންޒާރުދަނީ ދެމުންނެވެ. މިކަމަށް ސަރުކާރުން ނަމަވެސް ހައްލެއް ހޯދަންޖެހެއެވެ. މިއީ އެތަކެއް ދިވެހިންގެ ވަޒީފާއެވެ. ނަމަވެސް މިކަން ބަދަލުކޮށް ސިޓީ ކައުންސިލުން ބިދޭސީން ލައްވާ މި މަސައްކަތް ކުރަން ދަނީ މަސައްކަތް ކުރަމުންނެވެ. މިފަރާތްތަކަށް އިންސާފު މިއަދު ހޯދަންޖެހެއެވެ.