މުޙައްމަދު އަޖުފާން ރަޝީގެ ނަމަކީ ކުޅިވަރުގައި, ވަކިން ޚާއްޞަކޮށް ބެޑްމިންޓަންގައި ފަރިތަ ނަމެކެވެ. ކުޅުންތެރިއެއްގެ ގޮތުގައި އޭނާގެ ތަޢާރަފެއް ބޭނުމެއް ނުވެއެވެ. ރާއްޖޭގެ ބެޑްމިންޓަންގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިއަކީ އެއީއެވެ. ކުޅިވަރުން ރާއްޖެއަށް ރަން ވަނަތަކަށް ހޯދައިދީފިއެވެ. އަދިވެސް ހުރީ ކުޅުންތެރިއެއްގެ ގޮތުގައި އެފަދަ އިތުރު ކާމިޔާބީ ހޯދުމުގެ އަޒުމުގައެވެ.
އެކަމަކު އެއަށްވުރެ މާބޮޑު އަޒުމެއެއް އޭނާގެ މިހާރު އެބައޮތެވެ. މާ ޝައުޤުވެރިކަމާއެކު ކުރަމުން އަންނަ އެހެން މަސައްކަތެއް އެބައޮތެވެ. ކޯވިޑާއެކު ކުޅިވަރަށް އައި ހުއްޓުމުގެ އަސަރު ބެޑްމިންޓަންއަށްވެސް ކުރިއެވެ. ޚާއްޞަކޮށް ސްކޫލް ބެޑްމިންޓަން ޕްރޮގްރާމް ހުއްޓުމަކަށް އައުމުން ބެޑްމިންޓަންގެ ކުރިމަގަށް ނުރަނގަޅު އަސަރު ކުރާނެކަމުގެ ނުތަނަވަސްކަން އުފެދުނެވެ. އެނުތަނަވަސްކަމުން އަރައިގަތުމަށް އަޖުފާން އިންޓަރނޭޝަނަލް ބެޑްމިންޓަން އެކަޑަމީ 2020 ވަނަ އަހަރު ރަޖިސްޓްރީކޮށް ޒުވާން ޖީލެއް ބިނާ ކުރުމުގެ މަސައްކަތް ފެށިއެވެ. ރާއްޖޭގެ ޔޫތު ޑިވެލޮޕްމަންޓަށް އޭނާ ފެށި ދަތުރުގެ ފެށުން ރަނގަޅެއް ނޫނެވެ.
ފުރަތަމަ ވިސްނީ ކުދިކުދި ބެޗް ނަގައިގެން. ފެށީ ހަމަ ވަރަށް މަދުކުދިންނާއެކު. މަޑުމަޑުން ގިނަވަމުން އައި މިހާރު ޤަވާއިދުން ތަމްރީނު ހޯދާ ހަތްދިހައަށްވުރެ ގިނަ ކުދިން އެބަތިބި އެކި އުމުރުފުރާތަކުން.މުޙައްމަދު އަޖުފާން/ އަޖުފާން އެކަޑަމީގެ ފައުންޑަރ އަދި ކޯޗު
4-15 އަހަރާ ދެމެދުގެ ދެޖިންސްގެ ކުދިންނާއެކު އަޖުފާން ކުރަމުންދާ މަސައްކަތުގައި އޮތީ ކާމިޔާބީތަކެއް ހޯދައިދިނުމުގެ ވިސްނުމާއި އަޒުމެވެ. އާދައިގެ ގޮތަކަށް ފެށި ދަތުރުގައި ދެ އަހަރުގެ ތެރެގައި އާދެވިފައިވާ ހިސާބަކީ ނަތީޖާ ނެރެވޭނެކަން ދައްކުވައިދޭ ހެއްކެކެވެ. އެއީ ކޯޗެއްގެ ގޮތުގައި އަޖުފާނަށް އޮތް ބޮޑު އިތުބާރެކެވެ. ހުކުރު ދުވަސް ފިޔަވާ ހަފްތާގެ ކޮންމެ ދުވަހަކު އެކި ވަގުތު ތަކުގައި ތަމްރީނު ހޯދަމުންދާ ކުޅުންތެރިންގެ ފަރާތުން އަޖުފާނަށް ފެންނަނީ ހުނަރެވެ. މަސައްކަތެވެ. އެއާއެކު އެކުދިން ކާމިޔާބީ ހޯދާނެކަމުގެ ޔަޤީންކަން އަޖުފާނަށް އެބައޮތެވެ.
ވަރަށް ޓެލެންޓެޑް ކުދިން އަސްލު އެބައުޅޭ. އުމުރުން ހަތަރު އަހަރުން ފެށިގެން އަންނަ ކުއްޖާ ހަމަ އެބަ ބޯޅައިގަ ޖަހާލާ ނެޗުރަލް މޫވްމަންޓާއެއްކޮށް. ރެކެޓްގަ ހިފާގޮތާ, ބޯޅައާ ހޭންޑް އައި ކޯޑިނޭޝަން ވަރަށް ދިމާވޭ. އޭގެ މާނައަކީ ނެޗުރަލީ ވަރަށް ޓެލެންޓެޑޭ. ދެން ކުދިންގެ ފިޒިކަލްއާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް. ވަރަށް އެކްޓިވްކޮށް ހުރިހާ ކުދިންވެސް އުޅެނީ.މުޙައްމަދު އަޖުފާން/ އަޖުފާން އެކަޑަމީގެ ފައުންޑަރ އަދި ކޯޗު
މަސައްކަތުގައި އޮތް ބޮޑު ގޮންޖެހުމަކީ ކޯޓުގެ ދަތިކަމެވެ. 150 އެއްހާ ކުދިން ބޭނުންކުރަން އޮތީ އެކުވެނި ކޯޓްތަކެވެ. އެއީ ފުދޭ މިންވަރެއް ނޫނެވެ. ޔޫތު ޑިވެލޮޕްމަންޓަށް ޚާއްޞަ ކޯޓުތަކެއް ހިމެނޭ ދެވަނަ އެކުވެންޏެއް ހެދުމަކީ ހައްލުކަމަށް އަޖުފާން ދެކެއެވެ. އެކަމަކު އޭނާއަށް އޮތް ހިތްހަމަޖެހުމަކީ ސަރުކާރާއި, ބެޑްމިންޓަން އެސޯސިއޭޝަނުންވެސް ދޭ ސަޕޯޓެވެ. ބެޑްމިންޓަންގެ ތަރިންތަކެއް އުފެއްދުމަށް ކުރާ މަސައްކަތުގައި އެންމެންގެ ސަޕޯޓް ލިބޭކަން އޭނާ ފާހަގަކުރިއެވެ. މިނިސްޓަރާއި ހިސާބުން، އެސޯސިއޭޝަންގެ ރައީސްއާ ހިސާބުން, ބެލެނިވެރިންނާ ހަމައަށްވެސް ލިބޭ ސަޕޯޓަކީ އުއްމީދުކުރާ ނަތީޖާއާއި, ރަން ވަނަތައް ހޯދައިދިނުމަށް އޮތް ޔަޤީންކަމެވެ.
ޑްރީމަކީ އަސްލު އެކަޑަމީން ކުދިން އުފެދިގެން ދިވެހިރާއްޖޭގެ ޤައުމީ ޓީމް ތަމްޘީލްކުރާތަން ދެކެން, އިންޓަރނޭޝަނަލް ސްޓޭޖްގައި. އެކަމަކު ޅަ އުމުރުގައި. މިދައްކަނީ 15-18 އަހަރާ ދެމެދުގެ ކުދިން ތިބެން ޖެހޭނީ ރާއްޖޭން ބޭރުގައި ވާދަކުރަން. އަނެއް ޓާގެޓަކީ އިންޓަރނޭޝަނަލް ޖޫނިއަރ މުބާރާތްތަކުގައި އެކަޑަމީ ކުދިން ވާދަކޮށްގެން ވަނަ ހޯދުން.މުޙައްމަދު އަޖުފާން/ އަޖުފާން އެކަޑަމީގެ ފައުންޑަރ އަދި ކޯޗު
އަޖުފާންގެ އުއްމީދުތައް ހާސިލްވާނެކަމުގެ ހުރިހާ ނިޝާނެއް ކުޅުންތެރިންގެ ފަރާތުން ފެނެއެވެ. ބެލެނިވެރިން އެހިތްވަރު އެބަކުރެއެވެ. ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމުގައި ސަރުކާރު ސްޕީޑް ހުރި ވަރަށް ބަލާއިރު އޮތް ގޮންޖެހުމަށްވެސް އަވަސް ހައްލެއް އަންނާނެކަމަށް ކުރެވޭ އުއްމީދު ބޮޑެވެ.