މިއަހަރުގެ ނޮވެމްބަރު މަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕަކީ ތަފާތު މުބާރާތަކަށް ވާނެއެވެ. މުބާރާތް ބާއްވާ ޤައުމަކީވެސް އޭގެ ހެއްކެކެވެ. މިއީ މުސްލިމު ޤައުމެއްގައި ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ. މިއާއެކު ބިޔަރުފަދަ ރަލުގެ ބާވަތްތައް ސަޕޯޓަރުންނަށް ލިބުމުގައިވެސް ދަތިތަކެއް އެބަހުއްޓެވެ. އަދިވެސް މިފަދަ އެތައް ތަފާތު ކަންތައްތަކެއް މި މުބާރާތުގައި ފެންނާނެއެވެ.
މިފަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުކުރާ ލަވަތައްވެސް ތަފާތެވެ. މިފަހަރުގެ މުބާރާތާއި ދިމާކޮށް ކޭ-ޕޮޕްގެ ބީޓީއެސްއިންވެސް އަންނަނީ ތީމް ސޯންގެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިއީ މުބާރާތުގެ އޮފިޝަލް ތީމް ސޯންގެއް ނޫނެވެ. މިއީ މުބާރާތުގެ ޕްރޮމޯޝަނަށް ހަދާ އަލްބަމްގައި ހިމެނޭ ލަވައެކެވެ.
މި ލަވައިގެ ވާހަކައާއެކު ކޮރެއާގެ ނޫސްތަކުގެ ފަލަ ސުރުޚީގައި އެހެން ވާހަކައެއްވެސް ފެތުރުނެވެ. އެއީ މިފަހަރުގެ ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ކޭ-ޕޮޕް ގްރޫޕުގެ ހުށަހެޅުމެއް ގެންނަން ފީފާގެ އޮފިޝަލުން ބޭނުންވާކަމަށްބުނެ ފަތުރާފައިވާ ޚަބަރުތަކެކެވެ.
މިއީ ހަޤީޤަތަކަށް ވެއްޖެނަމަ، ވޯލްޑް ކަޕް ޕްރޮމޯޝަންގައި ޚާއްސަ ހުށަހެޅުމެއްގެ ގޮތުގައި ކޭ-ޕޮޕް ގްރޫޕް ފެންނާނެއެވެ. އަދި ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައިވެސް އެމީހުންގެ ހުށަހެޅުމެއް ފެންނާނެއެވެ. ނަމަވެސް މިހާތަނަށް މިކަމާއި ގުޅޭ އެއްވެސް ކަމެއް ވަކި ގޮތަކަށް ނިންމާފައެއް ނެތެވެ.
ބީޓީއެސްގެ ބައެއް އާޓިސްޓުން ވަނީ މީގެ ކުރިންވެސް ކުޅިވަރުގެ އެކި ޙަފްލާތަކުގައި އެމީހުންގެ ހުށަހެޅުންތައް ގެނެސްދީފައެވެ. އޭގެ ތެރޭގައި އޮލިމްޕިކްސްގެ ނިންމުމުގެ ރަސްމިއްޔާތުވެސް ހިމެނެއެވެ. ނަމަވެސް ވޯލްޑް ކަޕްގައި ބީޓީއެސްގެ ހުށަހެޅުމެއް މިހާތަނަށް ގެނެސްދީފައެއް ނުވެއެވެ.
ބީޓީއެސްގެ މި ލަވައާމެދު ދިވެހީންގެ ތެރޭގައި ދެކެވޭ ވާހަކަތައްވެސް މަދެއް ނޫނެވެ. ބީޓީއެސްއަކީ ދިވެހީންގެ ތެރެއިން ޚާއްސަކޮށް ޒުވާން އުމުރުފުރާގެ އަންހެން ކުދިން މަރުދޭ ގްރޫޕެކެވެ. އަދި މި ގްރޫޕު ކަމުނުދާ ދިވެހީންގެ އަދަދުވެސް ވަރަށް ގިނައެވެ. އެހެންކަމުން ސުވާލަކީ ވޯލްޑް ކަޕްގައި ބީޓީއެސްގެ ހުށަހެޅުމެއް ގިނަ ބަޔަކަށް ކަމުދާނެތޯއެވެ؟ އަދި ވޭވިން ފްލެގް ފަދަ ސަޕޯޓަރުންގެ ލޭ ކައްކުވާލާވަރުގެ ލަވައެއް އެމީހުންނަށް ނެރެވިދާނެތޯއެވެ؟
ކޮންމެއަކަސް ޔަގީންވާ އެއްކަމެއް އެބައޮތެވެ. އެއީ ބީޓީއެސްގެ ހުށަހެޅުމެއް ވޯލްޑް ކަޕްގައި ފެންނާނެނަމަ މުބާރާތް ބަލާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާނެއެވެ. ނަމަވެސް އާންމުންގެ ވާހަކަތަކަށް ބަލާނަމަ މިއީ ފުޓްބޯޅައިގެ ސަޕޯޓަރުން މާގަޔާވާ ކަމެއް ނޫނެވެ.