ކ. މާލެ
|
17 ސެޕްޓެންބަރ 2022 | ހޮނިހިރު 12:55
ދަރަނިވެރިވުން
ދަރަނިވެރިވުން
ރާއްޖެއެމްވީ
ފިޗަރ ރިޕޯޓް
އައު އައިފޯނުތަކާއެކު އިތުރުވާ ދިވެހިންގެ ދަރަނި!
ރާއްޖޭގައި ފޯނުތައް ނަގަން ދަރަނިވެރިވާ މީހުންގެ އަދަދު ގިނަ

ދުނިޔޭގައި ފޯނު އުފައްދާ ކުންފުނިތަކުގެ ތެރެއިން އެންމެ އަގު ބޮޑު ފޯނު އުފައްދާ އެއް ކުންފުންޏަކީ އެޕަލްއެވެ. އެ ބްރޭންޑުގެ ފޯނުތައް ރާއްޖޭގެ މާކެޓުގައި 15،000 ރުފިޔާއިން މަތީގައި އުޅޭއިރު މިއީ ގިނަ ދިވަހިންނަށް އެއް މަހުގެ މުސާރައަށްވުރެ ބޮޑު އަދަދެކެވެ. ނަމަވެސް އެ ފޯނު ބާޒާރަށް ނުކުތުމާއެކު ގަންނަން ޖެހެއެވެ. އެއީ ފަހުގެ އައިފޯނު އަތުގައި އޮތުން މުހިންމުވީމައެވެ.

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހު އެޕަލް ކުންފުނިން އެ ކުންފުނީގެ އައު އައި ފޯނުތައް ދައްކާލައި އެ ފޯނުތަކަށް ޕްރިއޯޑަރ ހުޅުވާލައެވެ. އެއާއެކު ރާއްޖޭގައި ފޯނު ވިއްކާ ތަންތަނަށްވެސް ދަނީ އެނގުންވެފައެވެ. ޕްރިއޯޑަރ ކުރަން ފުރުސަތު ހުޅުވާލާ ގިނަ ވެބްސައިޓުތައް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޑައުންވާއިރު, އެ ތަންތަނުން ހުޅުވާލާ ލިމިޓު އެންމެ 24 ގަޑިއިރު ތެރޭގައި ހަމަވެއެވެ. ސުވާލަކީ މި ހުރިހާ ފަރާތްތަކަކީވެސް ފުދިގެން އުޅޭ މީހުންތޯއެވެ.

ދިރިއުޅުމުގެ އަގު އިންތިހާއަށް އުފުލި، ކާބޯތަކެތީގެ އަގު ދުނިޔޭގެ ބާޒާރުގައި އުފުލި، ރާއްޖެއަށް ވެސް އޭގެ އަސަރު ކުރަމުން އަންނައިރު އެއްފަހަރާ ފައިސާ ދައްކާފައި އެހާ އަގު ބޮޑު ފޯނެއް ގަނެވޭނީ ފުދުންތެރި މީހަކަށްކަން ޔަގީނެވެ. ނަމަވެސް ރާއްޖޭގައި މިގޮތަށް އައު އައިފޯނެއް ނުކުންނައިރު އެ ފޯނު ގަންނަ އެންމެނަކީ ފުދިގެން ތިބެ އެއްފަހަރާ ފައިސާ ދައްކާފައި ފޯނު ގަންނަ މީހުންނެއް ނޫނެވެ. ގިނަ މީހުން މި ފޯނު ގަންނަނީ ދަރިނަވެރިވެގެންނެވެ.

އެއްފަހަރާ ފައިސާ ދައްކާފައި ފޯނު ގަތުމުން އެ މީހެއްގެ ބޮލުގައި އެޅޭނެ އިތުރު ބުރައެއް ނޯވެއެވެ. ނަމަވެސް ދަރަނިވެރިވުމަކީ ބޮލުގައި އެޅޭ ވަރަށް ބޮޑު ބުރައެކެވެ. އެތައް އަހަރެއް ހޭދަ ކުރަން ޖެހޭނީ އެ ދަރަނި ދެއްކުމުގައެވެ. ބައެއް މީހުން، ފޯނުގެ ދަރަނި ދައްކަން 2-3 އަހަރު ހޭދަ ކުރެއެވެ. އެ މުއްދަތުގެ ތެރޭގައި އެ ފޯނު ހަލާކުވެ އޮންނަނީ އެހެން ފޯނެއް ގަންނަން ޖެހިފައެވެ.

އާއްމުކޮށް ދިވެހިން ފޯނު ގަންނަން ދަރަނި ނަގަނީ ބޭންކުތައް މެދުވެރިކޮށްގެންނެވެ. މިގޮތަށް ލޯނުތައް ނުވަތަ ފެސިލިޓީތައް ނެގުމުން ފޯނުގެ އަގު އިތުރަށް އުފުލެއެވެ. އެއީ އެ މީހަކު ފައިސާ ދައްކަން ބޭނުންވާ މުއްދަތަކަށް ބަލައި ބޭންކަށް ނުވަތަ އެ ފެސިލިޓީއެއް ފޯރުކޮށްދޭ ތަނަކަށްވާ ފައިދާ ލުމަށްފަހު، އެ މުދަލެއް ވިއްކާތީއެވެ. މިހެން ހެދުމުން އެ މުދަލެއްގެ އަސްލު އަގު ދެގުނައަށް އަރައެވެ.

މިގޮތަށް އެކި ފެސިލިޓީތައް މެދުވެރިކޮށް ފޯނާއި އެ ނޫންވެސް މުދާ ނަގާ ފަރާތްތަކުގެ މުސާރައިގެ ބޮޑު އިންސައްތައެއް ހޭދަކުރަން ޖެހެނީ އެ ދަރަނި ދެއްކުމަށެވެ. މަސް ނުނިމެނީސް ފައިސާ ހުސްވެ، ކައިބޮއެ ހަދާނެ ލާރިއެއްވެސް ނުހުރެއެވެ. އަނެއްކާވެސް ޖެހިގެން އަންނަ މަހު އިންތިޒާރު ކުރަން ޖެހޭނީ އެ ފައިސާ ދެއްކުމަށެވެ. ބައެއް މީހުންނަށް މި ފައިސާ ނުދެއްކި ބޭންކުތަކުންނާއި ފެސިލިޓީތައް ދޫކުރާ ތަންތަނުން ކޯޓަށް ދާން ޖެހޭ ހިސާބަށްވެސް ދެއެވެ.

ފޯނު ހަލާކުވެފައި އޮތުމުން އެ ފޯނުގެ ބަދަލުގައި ރަނގަޅު ކޮލިޓީ، އަދި ގިނަ ދުވަހަށް ބޭނުން ކުރެވޭނެ ފަދަ ފޯނަކަށް އިންވެސްޓް ކުރުމަކީ ރަނގަޅު ކަމެކެވެ. މިކަން ވެސް ކުރަން ރަނގަޅީ އެ މީހަކަށް ފުދިގެންވާ ވަރަކަށެވެ. ކޮންމެ ފަހަރަކު ނުކުންނަ ފޯނާއެކު އަޕްގްރޭޑު ކުރަން މިފަދަ ދަރަނި ބޮލުގައި އެޅުވުމަކީ ބުއްދިވެރިގޮތެއް ނޫނެވެ. އެ ފައިސާއަކީ ފަހަށް ވެސް ރައްކާކުރެވިދާނެ ފައިސާއެވެ. ނުވަތަ އިތުރު ޚަރަދުތައް ކުރުމަށް ވެސް ހޭދަ ކުރެވިދާނެ ފައިސާއެވެ.

ދިވެހިން ވިސްނަންވީ ދަރަންޏަށް ތަކެތި ނެގުމަށްވުރެ އެ ފައިިސާ ފަހަށް ރައްކާ ކުރުމަށެވެ. އެއީ މުސްތަގުބަލުގައިވެސް ތިމާއަށް ފައިދާ އޮތީ އެ ރައްކާ ކުރެވޭ އެއްޗެއްގެ ސަބަބުން ކަމަށްވާތީއެވެ. ކުއްލިއަކަށް ބޮޑު ޚަރަދެއް ކުރަން ޖެހިއްޖެ ހާލަތެއްގައިވެސް ދަރަންޏެއްގައި ނުޖެހި އަމިއްލައަށް އެކަމެއް ކުރެވޭނީ ކުރިން ރައްކާކުރެވިގެންނެވެ.

މި ޒަމާނުގައި ދަރަނިވެރިވުން ވަނީ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ފެޝަނަކަށްވެފައެވެ. މިއީ ދީނީ ގޮތުން ބެލި ނަމަވެސް ކުރަން ރަނގަޅު ކަމެއް ނޫނެވެ. ދަރަނި ނުދައްކާ މަރުވުމުން، ދަރަނި ދެއްކެންދެން އެމީހެއްގެ ފުރާނަ ދާންވީ މަގާމަށް ނުދާނެ ކަމަށްވެއެވެ. އެހެންކަމުން ދަރަންޏަށް ތަކެތި ނުވަތަ ފައިސާ ނުނަގައި، ދިރިއުޅުން ކުރިއަށް ގެންދެވޭނެނަމަ، އެންމެ ރަނގަޅު ގޮތަކީ ދަރަނި ނުނެގުމެވެ.

- ކޮމެންޓް