ދުނިޔޭގެ ތައްޓަށް ކުޅޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް މިހާތަނަށް 20 ފަހަރު ބާއްވާފައިވެއެވެ. މިއަހަރު ގަތަރުގައި އޮންނާނީ ފީފާ ވޯލްޑް ކަޕްގެ 21 ވަނަ މުބާރާތެވެ. މުބާރާތް ފަށާނީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. މި މުބާރާތުގައި ޚާއްސަ އެތައް ކަމެއް އެކުލެވިގެންވެއެވެ. މިހާތަނަށް ވޯލްޑް ކަޕްގެ ދިގު ތާރީޚުގައި ފެނިފައިނުވާ އެތައް މަންޒަރެއް މިފަހަރުގެ ވޯލްޑް ކަޕްގައި ފެންނާނެއެވެ. މުބާރާތް ބާއްވާ ގައުމަކީވެސް މިކަމުގެ ހެތްކެކެވެ. މިއީ މުސްލިމު ގައުމެއްގައި ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ. އަދި މިއީ އަންހެން ރެފްރީން މި މުބާރާތުގައި ބޭނުންކުރާނޭ ފުރަތަމަ ފަހަރުވެސްމެއެވެ.
މިފަހަރުގެ މުބާރާތުގައި އަންހެން 3 ރެފްރީން ބޭނުންކުރުމަށް ވަނީ ނިންމާފައެވެ. އެއީ ޖަޕާނުގެ ޔޮޝިމީ ޔަމަޝިޓާއާއި ފްރާންސްގެ ސްޓެފަނީ ފްރެޕާޓް އަދި ރުވާންޑާގެ ސަލީމާ މުކަންސާންގާއެވެ.
މުބާރާތާ ގުޅޭގޮތުން ވާހަކަދައްކަމުން ޔޮޝިމީ ބުނީ، މުބާރާތަށް ކެތްމަދުވެފައި ހުރި މިންވަރަށް ޕްރެޝަރުވެސް އެބައޮތްކަމަށެވެ.
އަންހެން ރެފްރީންނަށް އޮންނަ އިތުބާރު ހޯދުމަށްޓަކާ ގިނަ މެޗުތަކާ މުބާރާތްތަކަށް އިންސާފުކުރަން ފުރުސަތު ދިނުން މުހިންމު. އެ އިތުބާރު ހޯދައިދިނުމަށްޓަކާ މަސައްކަތްކުރާތީ އަހަރެންނަށް އޮންނަ ޕްރެޝަރު ވަރަށް ބޮޑު.ޔޮޝިމީ ޔަމަޝިޓާ
މީގެ އިތުރުން ޔޮޝިމީ ވަނީ މުބާރާތުގައި ރެފްރީކަން ކުރުމުން ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ލިބޭނެކަން ފާހަގަކޮށްފައެވެ. އަދި ވޯލްޑް ކަޕްގެ މެޗުތައް އިންސާފުކުރަން އަންހެނުންނަށް ލިބުމަކީ ކުރިމަގަށް އެޅޭ ވަރަށް ބޮޑު ފާލެއްކަމަށް އޭނާ ބުންޏެވެ.
މެދުއިރުމަތީގަ އަންހެން ރެފްރީން ވަރަށް މަދު. ގަތަރުގައި އޮންނަ ވޯލްޑް ކަޕަށްފަހު އަންހެން ރެފްރީންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެކަމަށް އަހަރެން އުންމީދުކުރަން.ޔޮޝިމީ ޔަމަޝިޓާ
ގަތަރުގައި އޮންނަ ވޯލްޑް ކަޕަކީ ޔޮޝިމީ އިންސާފުކުރާނެ ފިރިހެނުންގެ ފުރަތަމަ ބޮޑު މުބާރާތެއްނޫނެވެ. އޭނާ ވަނީ މީގެ ކުރިން 2019 ވަނަ އަހަރު އޮތް އަންހެނުންގެ ވޯލްޑް ކަޕްގެ މެޗުތައްވެސް އިންސާފުކޮށްފައެވެ. މީގެ އިތުރުން ޓޯކިޔޯ 2020 އޮލިމްޕިކްސްއާއި ޖޭ-ލީގުގެ އިތުރުން އޭޝިއަން ޗެމްޕިއަންސް ލީގުގެ މެޗުތަކަށްވެސް ޔޮޝިމީ އިންސާފުކޮށްފައިވެއެވެ.
އަންހެން 3 ރެފްރީން މުބާރާތުގައި ބޭނުންކުރަން ނިންމާފައިވީނަމަވެސް ދަނޑުމަތީގައި އިސް ރެފްރީއެއްގެ ހައިސިއްޔަތުން އެމީހުން ބޭނުންކުރާނެކަމެއް ނުވަތަ ނޫންކަމެއް މިހާތަނަށް ނިންމާފައެއްނުވެއެވެ. މެޗުތަކުގައި ހަތަރުވަނަ އޮފިޝަލެއްގެ ގޮތުގައި އަންހެން ރެފްރީން ބޭނުންކުރުމަކީވެސް އެކަށީގެންވާކަމެކެވެ.