ސްޕެއިންގެ ރެއާލް މެޑްރިޑަކީ ފުޓުބޯޅައިގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު އެއް ކުލަަބަށްވާނެއެވެ. ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ރެއާލް އަކީ މިވަގުތު ވެސް އެންމެ ވަރުގަދަ އެއް ކުލަބެވެ.
ރެއާލުން ވަނީ ފުޓުބޯޅައިގެ ގިނަ ލެޖެންޑުން ފެނިގެން ގޮސްފައެވެ. މިހާރު ވެސް އެ ޓީމުގައި ކާމިޔާބު އެތައް ކުޅުންތެރިންނެއް އެބަ ތިއްބެވެ. ރެއާލަށް ކުޅުމަކީ ގިނަ ކުޅުންތެރިން ބޭނުންވާ ކަމަކަށްވާއިރު، އެ ޓީމުގައި އެތައް ކުޅުންތެރިން، އެތައް މެޗުތަކެއް ވަނީ ކުޅެފައެވެ. މީގެ ތެރެއިން ވެސް ބަލާލަން މި އުޅެނީ ރެއާލަށް އެންމެ މެޗެއް ކުޅެދީފައިވާ ފަސް ކުޅުންތެރިންނަށެވެ.
މާކޮސް އެލޮންސޯ
ސްޕެއިންގެ ލެފްޓް ބެކް މާކޮސް އެލޮންސޯ އަކީ ރެއާލަށް އެންމެ މެޗެއް ކުޅެދިން ފަސް ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔެކެވެ. އެލޮންސޯ ރެއާލްގެ ސީނިއަރ ޓީމަށް ގުޅުނީ 2010 ވަނަ އަހަރުއެވެ. އެ ޓީމުގައި އޭނާ ވަނީ ތިން އަހަރު ހޭދަކޮށްފައެވެ. ތިން އަހަރަށްފަހު 2013 ވަނަ އަހަރު އޭނާ ބަދަލުވީ ބޮލްޓޮން ވެންޑެރާސްއަށެވެ. ރެއާލްގައި ހޭދަކުރި ތިން އަހަރުގެ ތެރޭގައި އެލޮންސޯ ރެއާލަށް ކުޅުނީ އެންމެ މެޗެކެވެ. އެއީ 2010 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. އެއީ ރޭސިން ސަންޓަންޑާއާ ދެކޮޅަށް ރެއާލުން ކުޅުނު މެޗެއްގައެވެ. އެ މެޗުގެ 90 ވަނަ މިނެޓުގައި އެލޮންސޯ ކުޅެން ނިކުތީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައެވެ. އެއީ އޭރު ރެއާލަށް ކުޅުނު ގޮންޒާލޯ ހިގުއައިންގެ ބަދަލުގައެވެ. އެލޮންސޯ މިހާރު އަންނަނީ ޕްރިމިއަރ ލީގުގެ ޗެލްސީއަށް ކުޅެމުންނެވެ. އެ ޓީމާއެކު އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައެވެ.
ފަބީނިއޯ
ދެން މި ލިސްޓުގައި އޮތީ މިހާރު ޕްރިމިއަރ ލީގުގެ ލިވަޕޫލަށް މިހާރު ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ފަބީނިއޯއެވެ. އުމުރުން 28 އަހަރުގެ ފަބީނިއޯ އޭނާގެ ސީނިއަރ ކެރިއަރު ފަށާފައިވަނީ 2012 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ އޭނާ ކުޅުނީ ބްރެޒިލްގެ ފްލުމިނެންސްއަށެވެ. އޭގެ ފަހުން 2015 ވަަނަ އަހަރު ޕޯޗުގަލްގެ ރިއޯ އޭވް އަށް ބަދަލުވިއިރު، ލޯނު އެއްބަސްވުމެއްގެ ދަށުން ވަނީ ރެއާލް މެޑްރިޑް ކަސްޓިލާ އަށް ކުޅެފައެވެ. ރެއާލް މެޑްރިޑަށް ވެސް އޭނާ ކުޅެފައިވަނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެއް އަހަރު ދުވަހު އެ ޓީމުގައި ހޭދަކުރިއިރު، ފަބީނިއޯ އަށް ވެސް ކުޅެވުނީ އެންމެ މެޗެކެވެ. ރެއާލަށް ފަބީނިއޯ ވެސް ކުޅެފައިވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައެވެ. އެއީ 2013 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައ ރެއާލުން މަލަގާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި ފަބީނިއޯއަށް 14 މިނެޓު ކުޅެވުނުއިރު، އޭނާ ކުޅެން ނިކުތީ ފަބިއޯ ސޮއެންޓްރާއޯގެ ބަދަލުގައެވެ. އެ މެޗުން ރެއާލް 6-2 އިން މޮޅުވިއިރު، ފަބީނިއޯ ވަނީ އެސިސްޓެއްކޮށްފައެވެ. ރެއާލް ދޫކޮށް ލޯނު އެއްބަސްުމެއްގެ ދަށުން މޮނާކޯ އަށް ބަދަލުވެ، އެ ޓީމާއެކު ދާއިމީ އެއްބަސްވުމެއް ވެސް ފަބީނިއޯ ހެދިއެވެ. މޮނާކޯ ދޫކޮށްލުމަށްފަހު 2018 ވަނަ އަހަރު އޭނާ ބަދަލުވީ މިހާރުގެ ކުލަބް ލިވަޕޫލަށެވެ.
ރައުލް ޑީ ތޯމަސް
މި ލިސްޓުގައި ތިން ވަނަ އަށް އޮތް ކުޅުންތެރިތަކީ ސްޕެއިންގެ އެސްޕަންޔޯލަށް ކުޅެމުން އަންނަ ފޯވާޑް ރައުލް ޑީ ތޯމަސްއެވެ. ރެއާލުން 2012 ވަނަ އަހަރު ކެރިއަރު ފެށި ރައުލް ރެއާލްގެ ސީނިއަރ ޓީމަށް ގުޅުނީ 2014 ވަނަ އަހަރުއެވެ. ރައުލަށް ރެއާލަށް ކުޅެދެވުނު ހަމައެކަނި މެޗަކީ އެ އަހަރު އޮތް ކޮޕަ ޑެލް ރޭ މުބާރާތުގެ ގަދަ 32 ވަނަ ބުރުގެ މެޗެކެވެ. އެ މުބާރާތުގައި ރެއާލުން ޔޫއީ ކޯނެލާއާ ދެކޮޅަށް ކުޅުނު މެޗުގައި ރައުލް ކުޅެން ނުކުމެފައިވަނީ، ރެއާލްގެ މިހާރުގެ ކެޕްޓަން ކަރީމް ބެންޒެމާގެ ބަދަލުގައެވެ. އެ މެޗުގައި ރައުލް ކުޅެފައިވަނީ 14 މިނެޓެވެ. ރެއާލް ދޫކޮށް 2019 ވަނަ އަހަރު އޭނާ ބަދަލުވީ ބެންފީކާއަށެވެ. އެ ޓީމުގައި އެއް އަހަރު ހުރުމަށްފަހު، 2020 ވަނަ އަހަރު ދެން އޭނާ ބަދަލުވީ އެސްޕަންޔޯލަށެވެ.
ޕަބްލޯ ސަރަބިއާ
ދެ މި ލިސްޓުގައި އޮތީ ފްރާންސްގެ ގަދަ ބާރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ކުޅެމުން އަންނަ ސްޕެއިންގެ އެޓޭކިން މިޑްފީލްޑަރު ޕަބްލޯ ސަރަބިއާއެވެ. ސަރަބިއާ ވެސް އޭނާގެ ސީނިއަރ ކެރިއަރު ފަށާފައިވަނީ ރެއާލުންނެވެ. ރެއާލްގެ ސީނިއަރ ޓީމުން ސަރަބިއާ އަށް ޖާގަ ލިބުނީ 2010 ވަނަ އަހަރުއެވެ. ރެއާލްގައި އޭނާ ހޭދަކޮށްފައިވަނީ އެންމެ އަހަރެކެވެ. ރެއާލްގެ ސީނިއަރ ޓީމުން ޖާގަ ލިބުނު އަހަރުގެ ޑިސެމްބަރު މަހުގައި އޭނާ ވަނީ ރެއާލަށް އޭނާގެ ހަމައެކަނި މެޗު ކުޅެދީފައެވެ. އެއީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލުން އެއުކްސްރޭއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުން 4-0 އިން ރެއާލް މޮޅުވިއިރު، ސަރަބިއާ ކުޅެން ނިކުމެފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ބަދަލުގައެވެ. އެ މެޗުގައި ސަރަބިއާ ވަނީ 18 މިނެޓު ކުޅެފައެވެ. އެއް އަހަރަށްފަހު 2011 ވަނަ އަހަރު އޭނާ ބަދަލުވީ ގެޓާފޭއަށެވެ. އެ ޓީމުގައި ފަސް އަހަރު ހޭދަކުރުމަށްފަހު 2016 ވަނަ އަހަރު އޭނާ ބަދަލުވީ ސެވިއްޔާއަށެވެ. އެ ޓީމު ދޫކޮށް މިހާރުގެ ކުލަބް ޕީއެސްޖީއަށް އޭނާ ބަދަލުވީ 2019 ވަނަ އަހަރުއެވެ.
އެންޒޯ ޒިދާން ފެނާންޑޭޒް
މި ލިސްޓުގައި ހިމެނޭ އެންމެ ފަހު ކުޅުންތެރިޔަކީ ރެއާލް މެޑްރިޑުގެ އެންމެ ކާމިޔާބު ކޯޗު ޒިނެދީން ޒިދާންގެ ދަރިފުޅު ޒިދާން ފެނާންޑޭޒްއެވެ. ރެއާލުން ކެރިއަރު ފެށި ޒިދާން ފެނާންޑޭޒް އަށް ރެއާލްގެ ސީނިއަރ ޓީމުން ޖާގަ ލިބުނީ 2016 ވަނަ އަހަރުއެވެ. ރެއާލްގެ ސީނިއަރ ޓީމުގައި އޭނާ ހޭދަކޮށްފައިވަނީ އެންމެ އަހަރެކެވެ. އެ މުއްދަތުގައި ޒިދާން ފެނާންޑޭޒް ރެއާލަށް ކުޅެދިން ހަމައެކަނި މެޗަކީ ކޮޕަ ޑެލް ރޭ މުބާރާތުގައި ރެއާލުން ކަލްޗްރަލް ލިއޮނެސާއާ ދެކޮޅަށް ކުޅުނު މެޗެވެ. އޭނާގެ ބައްޕަ ޒިދާންގެ ކޯޗުކަމުގެ ދަށުން އެ މެޗުގައި އޭނާ ކުޅެން އަރާފައިވަނީ އިސްކޯގެ ބަދަލުގަައި މެޗުގެ ދެ ވަނަ ހާފުގައެވެ. އެ މެޗުގައި އޭނާ ވަނީ 44 މިނެޓު ކުޅެފައެވެ. އެ މެޗުން ރެއާލް 6-1 އިން މޮޅުވެފައިވާއިރު، އޭނާ ވަނީ އެއް ލަނޑު ޖަހާފައެވެ. ރެއާލް ދޫކޮށް 2017 ވަނަ އަހަރު އޭނާ ވަނީ ޑިޕޮޓިވޯ އަލަވޭސް އަށް ބަދަލުވެފައެވެ. އުމުރުން 27 އަހަރުގެ ޒިދާން މިހާރު ކުޅެމުން އަންނަނީ ސްޕެއިންގެ ކޮމިއުނިޓީ އޮފް މެޑްރިޑުގެ ޓީމަކަށެވެ.
އެހެންކަމުން މި ކުޅުންތެރިންނަކީ ވަރަށް ބަދު ނަސީބު ކުޅުންތެރިންތަކެކޭ ބުނެވިދާނެއެވެ. ސަބަބަކީ ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ކާމިޔާބު ކުލަބުގައި ހޭދަކުރި ދުވަސްތަކުގައި އެ ޓީމަށް އެންމެ މެޗެއް ކުޅެވިފައިވުމުންނެވެ.