ކަންކަން އެނގެނީ ހާމަވީމައެވެ. ހަޤީގަތް ޤަބޫލު ކުރެވެނީ ލޮލަށް ފެނުނީމައެވެ. ނުވަތަ ވިދާޅުވި ގޮތަށް ކަންކަން ފުރިހަމަވީމައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ސާލިޙް ވެރިކަމަށް ވަޑައިގެންނެވުމަށް ކުރެއްވި ކެމްޕެއިންގައި ވަރަށް ހަރުކޮށް ވިދާޅުވި ވާހަކަފުޅެއް އޮވެއެވެ. ތިމަން މަނިކުފާނުގެ ވެރިކަމެއްގައި ކުޑަރަށެއް ބޮޑުރަށެއް، އާބާދީ މަދު ރަށެއް އާބާދީ ގިނަރަށެއް ފަރަޤު ނުކުރައްވާނެ ވާހަކައެވެ. ކެމްޕެއިންގެ އިތުރުން މިހާރުވެސް އެމަނިކުފާނު ތަކުރާރު ކުރައްވަނީ އެބަސްފުޅެވެ.
މ އަތޮޅު ވޭވަށަކީ އެއަތޮޅުގެ އެންމެ އާބާދީ ކުޑަރަށެވެ. އެހެންކަމުން އެރަށާމެދު ސަރުކާރުތަކުގެ ބައެއް ވެރިން މާބޮޑު ސަމާލުކަމެއް ނުދެއްވައެވެ. ވޯޓު ޙައްޤުވާ އެރަށުގައި ތިބޭ މީހުންގެ އަދަދު މަދުކަމުންނެވެ. ގާތްގަނޑަކަށް ވޯޓުލެވޭ ތިބެނީ 200 އެއްހާ މީހުންނެވެ. އެހެންކަމުން އިންތިޚާބުތަކުގައިވެސް މާބޮޑަކަށް ކެންޑިޑޭޓުންގެ ލޮލުގައި އެރަށް އަޅައެއް ނުގަނެއެވެ.
ރައީސް ޢަބްދުﷲ ޔާމީން ވެރިކަން ނިންމަވާލެއްވީ މ ވޭވަށުގައި އެމަނިކުފާނުގެ ފައިންޕުޅު ބީއްސަވާވެސް ނުލައްވައެވެ. އެވެރިކަމުގައި ހޭދަވި 43200 ގަޑިއިރުގެ ތެރެއިން ބައި ސިކުންތުވެސް އެރަށުގައި އެރަށު މީހުންގެ ހާލަތު އައްސަވާލައްވާކަށް އެމަނިކުފާނު މަޑެއް ނުކުރައްވައެވެ.
"މިއަތޮޅަށް ޔާމީން ކުރެއްވި ދަތުރެއްގައި މިރަށަށް ވަޑައިގަންނަވަން ރައްޔިތުން ވަރަށް އެދުނު. އަދި އެއީ 2018 ކެމްޕެއިން ތެރޭގައި. ވިދާޅުވީ ތިއީ އަރާވަރަށްވުރެ މާކުޑަކުޑަ ރަށެކޭ. ވޯޓު ދެވޭ 200 މީހުންވެސް ހަމައެއް ނުވެއޭ. ބޮޑެތި ރަށްރަށަށް ދިއުން މާ މުހިއްމޭ. އެހެން ވިދާޅުވެ މިރަށަށް ވަޑައިނުގަތް ވަޑައިގަތީ" ރައީސް އިބްރާހީމް މުޙައްމަދު ސާލިޙް ވޭވަށަށް ވަޑައިގެންނެވި ޚަބަރަށް ކޮމެންޓްކުރި މ ވޭވަށު މީހެއްކަމަށް ބެލެވޭ މީހަކު ބުނެފައިވެއެވެ.
އެކެމްޕޭނުގައި ރައީސް ޔާމީން އެރަށަށް ވަޑައި ނުގަތްނަމަވެސް އެއަހަރުގެ އިންތިޚާބުގައި ރައީސް ޔާމީނަށް ވޭވަށުން ލިބިލެއްވި ވޯޓު ރައީސް އިބޫއަށް ލިބިލެއްވި ވޯޓަށްވުރެ ގިނައެވެ. އެރަށުން ރައީސް ޔާމީނަށް 89 ވޯޓު ލިބިވަޑައިގެންނެވިއިރު ރައީސް އިބޫއަށް ލިބިވަޑައިގެންނެވީ 61 ވޯޓެވެ.
އެކަމަކު ލިބުނު ވޯޓުގެ ފަރަގަކަށް އަދި އާބާދީއާއި ރަށުގެ ކުޑަކަމަކަށް ރައީސް އިބްރާހީމް މުޙައްމަދު ސާލިޙް ނުބެއްލެވިއެވެ. އެމަނިކުފާނު އިސް ކުރެއްވީ އެމަނިކުފާނު ވިދާޅުވާ ބަސްފުޅެވެ. ހުރިހާ ރަށެއް ހަމަހަމަ ކަމަށް ވިދާޅުވާ ވާހަކަފުޅުގައެވެ. އެގޮތުން މ އަތޮޅަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައި ވޭވަށަށް ވަޑައިގެންނެވީއެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ 5 ދައުރު ނިންމަވާލެއްވިއިރު ވޭވަށުގެ ތަރައްޤީއަށް ހޭދަކުރެއްވީ އެންމެ 2 މިލިއަން ރުފިޔާއެވެ. ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ސާލިޙްގެ މިދައުރުގައި އަދި އަހަރަކަށްވުރެ ގިނަ ދުވަސް ބާކީ އޮތްނަމަވެސް މިހާރުވަނީ އެރަށަށް 100 މިލިއަން ރުފިޔާގެ ތަރައްޤީ ގެންނަވާފައެވެ.
އެރަށުގައި މިސަރުކާރުން އިމާރާތްކުރި އާ އިންޖީނުގެ ހުޅުވުމުގެ ހަފްލާގައި ރައީސް ސާލިޙް ވިދާޅުވީ ކަމެއް ކުރަން ބޭނުންވީމާ، އެކަމެއް ކުރެވޭނެ ކަމަށެވެ. އެއީ ބަހަނާ ދައްކަން ޖެހޭ ކަމެއް ނޫންކަމަށެވެ.
"މާބޮޑު ބަހަނާތަކެއް ދައްކައި، އޭގެ ފައިސާ ނެތޭ، މުވައްޒަފުން ނެތޭ، މިތައް މިތައް އުނދަގޫތައް އެބަހުއްޓޭ، އެ ދައްކަނީކީ މާހަމަޖެހޭ، ދެކޮޅުޖެހޭ ވާހަކައެއް ނޫން. އެކަން ތިޔަބޭފުޅުންނަށް ފެނަކައާއި އެމް.ޓީ.ސީ.ސީ. އިން އެދަނީ ހާމަކޮށްދެމުން. ބޭނުންވަނީ އަމާޒަކާ އެކީގައި ރަނގަޅު ވިސްނުމަކާ އެކީގައި ކުރިއަށްދިޔުން. އަޅުގަނޑަށް ހަމަ ޔަޤީން، ރައްޔިތުންނަށް ވެފައި މިވާ ވަޢުދުތައް، ޖަޒީރާ ތަރައްޤީގެ ވެފައިމިވާ ވަޢުދުތައް ފުރިހަމަކޮށްދިނުމުގައި، މި ދެ ކުންފުންޏާ އެކީގައި އަޅުގަނޑުމެން މިކުރާ ދަތުރުގައި ރައްޔިތުން ތިޔަ ބޭނުންވާ މަންޒިލަށް ދެވޭނެކަމުގެ ޔަޤީންކަން އަޅުގަނޑަށް މިއަދު އެބައޮތް." ރައީސް ސާލިޙް ވިދާޅުވިއެވެ.
އަދި ކުޑަރަށެއް ބޮޑުރަށެއް ފަރަގު ނުކުރައްވާނެކަން ސާބިތު ކޮށްދެއްވަމުން އެމަނިކުފާނު ވިދާޅުވީ
" ރަށްތައް ތަރައްޤީ ކުރުމަށްޓަކައި އަޅުގަނޑުމެންގެ ވިސްނުން އޮތްގޮތް ތިޔަބޭފުޅުންނަށް ވަރަށް ރަނގަޅަށް ހާމަވެގެންދާނެ. ކުޑަ ރަށެއް، ބޮޑު ރަށެއް، ދެންމެ ކުރިން އެ ފެނުނު ވީޑިއޯގައި އެ ބުނިގޮތަށް ތަފާތުކުރުމެއްނެތި ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ އެއީ، އަޅުގަނޑުމެންވީ ވަޢުދެއް. އެ ވަޢުދާ އެއްގޮތަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މަސައްކަތް ދާނީ ކުރިއަށް. އެގޮތުން މި ރަށަށް ބޭނުންވާ ތަރައްޤީގެ އިތުރު މަޝްރޫޢުތައް، ބައެއް މަސައްކަތް ނިމި، މިއަދުވެސް ހުޅުވިގެން އެދިޔައީ. ކުރިއަށް އޮތީ ފެނާއި ނަރުދަމާ. ކޯޓު އަދި އިތުރަށް ސްކޫލާއި، ޞިއްޙީ މަރުކަޒުގެ ބޭނުންވާ ޚިދުމަތްތައްވެސް އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން.
ތިޔަބޭފުޅުން ވިސްނަވަންވީ، ކުރިއަށް އޮތް ތަނުގައި، މި ޚިދުމަތްތައް ހޯދުމަށްޓަކައި މިކުރާ މަސައްކަތުގައި އަޅުގަނޑުމެންނާ އެކީގައި ކުރިއަށްދާނީތޯ، ނޫންތޯ. އެއީ، ހަމަ ތިޔަބޭފުޅުންގެ އަތްމަތީގައި އޮތް ނިންމުމެއް.
އަޅުގަނޑުގެ އެދުމަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި، ވޭވަށުގެ ރައްޔިތުންގެވެސް އެއްބާރުލުން އަޅުގަނޑުމެންނަށް ލިބި، އަޅުގަނޑުމެންނާ އެކީގައި ކުރިއަށް ދިޔުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ވެފައި މިއޮތް ވަޢުދުތައް ފުއްދުމުގައި ތަފާތުކުރުމެއްނެތި، ހުރިހާ ރަށަކަށް މި ޚިދުމަތްތައް ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން.
އަދި ޒުވާނުން ބޭނުންވެފައި މި އޮތް ކުޅިވަރުގެ އެކިއެކި ފެސިލިޓީޒްތައް ޤާއިމުކުރުމުގައި، ޔޫތު މިނިސްޓްރީ ހަމަ ޔަޤީނުންވެސް މި ރަށެއް ބާކީއެއްނުކުރާނެ. މި ރަށަށް ބޭނުންވެފައިވާ ފުޓްބޯޅަ ދަނޑަކަސް އަދި އެހެންކަހަލަ ފެސިލިޓީއެއް ކަމަށްވިޔަސް، އެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ބަޖެޓުތެރޭގައި ހިމަނައިގެން އެކަން ކުރިއަށް ގެންދާނެ. އެ ޔަޤީންކަން ތިޔަބޭފުޅުން މިއަދުވެސް ބާއްވަވަންޖެހޭނެ." ރައީސް ސާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން އެރަށުގައި މިސަރުކާރުން ހެދި ބަނދަރު ހުޅުވައި ދެއްވަމުންވެސް އެމަނިކުފާނު ވަނީ އެމޭރުމުން ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ.
" ރާއްޖޭގެ ގިނަ ރަށްރަށެކޭ އެއްގޮތަށް އަދި ޚާއްޞަކޮށް އާބާދީ މަދު ރަށްރަށުގައި ދިމާވެފައި ހުރި ދަތިތައް، ގޮންޖެހުންތައް އެއީ މި ރަށަށްވެސް އޮތް ޒަމާންވީ ގޮންޖެހުމެއް. އަޅުގަނޑުމެން ވެރިކަމާ ހަވާލުވުމަށްފަހުގައި، އަޅުގަނޑުމެންގެ މަޤްޞަދަކަށްވީ ދިވެހި ރައްޔިތުން ދިރިއުޅޭ ކޮންމެ ރަށެއް އެއީ، އާބާދީ ބޮޑަސް، ކުޑަޔަސް، ރައްޔިތުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޤާއިމުކޮށްދޭންޖެހޭ، ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަކެއް ހުންނާނެކަމާއި، އެ ކަންތައްތައް ކޮށްދިނުން. އެއީ، އަޅުގަނޑުމެންގެ އެންމެބޮޑު ވަޢުދު. އެއީ، ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުން. ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުން. ލަފާފުރުމުގެ ދަތިކަން ޙައްލުކޮށްދިނުން. ރަށުގައި ތިބެގެން ތަޢުލީމު ހާސިލްކުރެވޭނެގޮތް ދަރިވަރުންނަށް ފޯރުކޮށްދިނުން. އެކަށީގެންވާ ގޮތެއްގައި ޞިއްޙީ ޚިދުމަތް ރަށުންނާއި، އެ ސަރަޙައްދަކުން ފޯރުކޮށްދިނުން." ރައީސް ސާލިޙް ވިދާޅުވިއެވެ.
ކޮންމެއަކަސް ރައީސް އިބްރާހީމް މުޙައްމަދު ސާލިޙް އެ ސާބިތުކޮށްދެއްވީ އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުގައި ދެމިހުންނަވާނެ ކަމުގެ ޔަޤީންކަމެވެ. ތަރައްޤީކޮށް ކުރިއެރުވުމުގައި އާބާދީގެ ބޮޑު ކުޑަމިނަކަށް ނުބައްލަވާނެ ކަމުގެ ކަށަވަރުކަމެވެ. އާބާދީގެ ކުޑަކަމާހުރެ ޔާމިން ދޫކޮށްލި ވޭވަށް އިބޫގެ ލިސްޓަށް އެވަނީ ބޮޑުތަނުން އަރާފައެވެ. އަނެއްކާވެސް ހާމަވެގެން އެދިޔައީ އެމަނިކުފާނުގެ އަނެއް ޙަޤީގަތެވެ. ވަޢުދުވެ ވަޢުދު ފުއްދަވާ ކަމެވެ.