ކ. މާލެ
|
1 އޭޕްރިލް 2023 | ހޮނިހިރު 06:00
ރައީސް ސޯލިހް: ގޮތް ނިންމެވުމުގައި ކެތްތެރި
ރައީސް ސޯލިހް: ގޮތް ނިންމެވުމުގައި ކެތްތެރި
ރައީސް އޮފީސް
މަގޭ ރިޕޯޓް
ފުރުސަތުތަކާއި ދޫތަކަށްފަހު ރައީސް އިބޫގެ ސާބިތު ފިޔަވަޅުފުޅު
ޕާޓީގެ އުސޫލުތައް ދެމެހެއްޓުމަށް ނަސޭހަތްތެރިވެވަޑައިގެންނެވި

ފެށުނީ އިއްޔެއަކު, މިއަދަކު ނޫނެވެ. ރައީސް ޔާމީނާ ދެކޮޅަށް، ގުޅިފައިވާ އިއްތިހާދުން ނެރޭނެ ކެންޑިޑޭޓަކީ އިބްރާހީމް މުހައްމަދު ސޯލިހް ކަމަށް ނިންމި ހިސާބުންނެވެ. ފުރަތަމަ ވަށްބަހުންނާއި މަޒާޖީ ބަހުރުވައިންނެވެ. ދެފަށް މާނާގައި ކޮށްލާ ޓްވީޓްތަކުންނެވެ.

ބޮޑުތަފާތަކުން އިންތިޚާބު ކާމިޔާބު ކުރެއްވީއެވެ. ވަކި މީހަކަށް ލޯޔަލް މީހުންނަށް ޕާޓީތެރެއިން ވަޒީފާތައް ހަމަޖައްސަންވެސް ބާރުއެޅުއްވީއެވެ. ހަމަ ގަދަކަން ދައްކަވަމުންނެވެ. ރައީސުލް ޖުމްހޫރިއްޔާ އެކަންވެސް ކުރެއްވީއެވެ. އުފެއްދި ކޯލިޝަންގެ އެހެން ޕާޓީތައް ރުޅިއަރުއްވާލައްވައި މަޖިލީހުގެ ހުރިހާ ގޮނޑިތަކަށް ވާދަވެސް ކުރުވީއެވެ. އުފެދުނު ނުތަނަވަސްކަން ކުޑަކޮށް ރައީސް ސޯލިހް އެހެން ޕާޓީތައް މަސަލަސް ކުރެއްވިއެވެ.

ކަމަކު ނުދިޔައެވެ. ސީދާ ބޭނުމަށް ހިފަން ފަށައިފިއެވެ. ނިޒާމް ބަދަލު ކުރުމުގެ އަޑު ގަދަވިއެވެ. ކޯލިޝަން ރޫޅާލަން ބާރުއަޅުއްވަންފެށިއެވެ. ކޯލިޝަންގެ ބައިވެރިންނަށްވެސް ފާޑުކިޔައި ދުއްތުރާ ކުރަން ފެށުނެވެ. އިސްތިއުފާދެއްވައި ބަރުލަމާނީއަކަށް އަނބުރާލުން ނޫންގޮތެއް ނެތްކަމުގެ އިންޒާރު ދޭން ފެށިއެވެ. އިސާހިތަކު ރަނގަޅަށް ކޮޅު ބަދަލު ކޮށްލައްވައިފިއެވެ. ރައީސް ސޯލިހަށް ނުގޮވާ އެއްޗެއް ނެތެވެ. ސަރުކާރަށް ކުރެވޭ ހަމަ ހެޔޮ އެއްކަމެއްވެސް ނެތެވެ. އިދިކޮޅު ޕީޕީއެމަށްވުރެ އިދިކޮޅުކަން ބޮޑެވެ. ޕާޓީ ތެރޭގައާއި މަޖިލީސް ތެރޭގައެވެ. އަމުދުން ސަރުކާރުގެ މަތީފަޑީގައި ތިބެގެން، ސަރުކާރުގެ ތެރޭގައިވެސް މެއެވެ.

އަޅައެއް ނުލެއްވިއެވެ. ކެތްތެރިކަން އިސްކުރެއްވިއެވެ. ޖަހާހައި ބެރަކަށް ނައްޓަވާކަށް ނުހެއްދެވިއެވެ. ހިކުމަތު އަމަލީއާއެކު ކުރިއަށް ވަޑައިގެންނެވިއެވެ. ކޯލިޝަން ދަމަހައްޓަވައިގެންނެވެ.

ދެން ނެގީ ފަހު ރާޅެވެ. ރިޔާސީ ޕްރައިމަރީއެވެ. ބޮޑު ނަތީޖާއަކުން ބަލި ކުރައްވައި، ޕާޓީ ސަލާމަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އިހުނަށްވުރެ ވަރުގަދަކޮށެވެ. ރައީސް ސޯލިހް ޖެއްސެވީ ހަމަ އާދައިގެ ހިސާބެކެވެ. މިފަހަރުވެސް ކެތްތެރިކަމެވެ. ސާބިތުކަމާއެކު ހަނުހުންނެވިއެވެ. ޕްރައިމަރީއެއް ނުބާއްވައިވެސް ރިޔާސީ ޓިކެޓް ކަށަވަރުވެވަޑައިގެންފައި އޮވެމެ، އެގޮތްވެސް ދޫކޮށްލެއްވިއެވެ. ޑިމޮކްރަސީ އިސްކުރައްވައި ރިސްކު ނެންގެވިއެވެ. ޕްރައިމަރީ ބާއްވަން ނިންމެވީއެވެ. ދެނަކާ ދެނެއްނެތެވެ. މީން ދުވަހަކު ނުފެންނަވަރުގެ ވަރުގަދަ ކެމްޕެއިނެއް ފެށުނެވެ. ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ އެމްޑީންވެސް ހިމަނައިގެން، ސަރުކާރަށް ހެއްދެވި ނެހެއްދެވިއަށް ގޮވަންފެށިއެވެ. ސަރުކާރުގައި ތިބެ ސަރުކާރުގެ މުސާރަ ބޭނުން ކުރައްވައިގެން، އެބޭފުޅުންގެ ސަރުކާރަށް ފާޑު ވިދާޅުވަން ފެއްޓެވީއެވެ. ރައީސް ސޯލިހުގެ ހިތްޕުޅު ސާފެވެ. ބަލިވެއްޖެނަމަ މޮޅުވާ ކެނޑިޑޭޓްގެ ފަހަތަށް އަރާވާޑައިގަންނަވާނެކަމަށް ސާފު ސީދާކޮށް ވިދާޅުވިއެވެ. ރައްދު މުޅިން ތަފާތެވެ. ބަލިވެއްޖެނަމަ "އެކަނިމާ އެކަނި އޮންނާނީ ގޭގައެވެ."

އިންތިޚާބުގެ ފަހުވަގުތާ ޖެހުނުއިރުވެސް ވިދާޅުވީ، ބޮޑުތަނުން ރައީސް ބަލިފުޅުވެއްޖެ ވާހަކައެވެ. އަވަހަށް ރީތި ގޮތުގައި ނަން ނެންގެވުމަށެވެ. އަދި ތަފާތު އެހެން ވާހަކައެއްވެސް ދައްކަވަން ފެއްޓެވިއެވެ. އިންތިޚާބުން ރައީސް ބަލިވެވަޑައިގަތުމާއެކު ވެރިކަމުގެ ބާރުތައްވެސް ހަވާލުކުރައްވަން ޖެހޭނެ ކަމަށެވެ. އަދި ހަވާލުވާންވެސް ތައްޔާރަށް ތިބި ކަމަށެވެ.

ރައީސް ސޯލިހް ހުންނެވީ ހަނެވެ. ވިދާޅުވީ ގޮތް ނިންމަވާނީ ރައްޔިތުން ކަމަށެވެ. ފުރިހަމަ އިތުބާރު ލިބިވަޑައިގެން އޮތްކަމަށެވެ. ދެއަކުރެއްގެ އަދަދެއްގެ ތަފާތަކުން ކާމިޔާބު ކުރެއްވޭނޭ ކަމުގެ އުއްމީދުފުޅު އެބައޮތް ކަމަށެވެ.

އިންތިޚާބުވެސް ނިމުނީއެވެ. ބޮޑު ކާމިޔާބަކުން ރައީސް ސޯލިހް ކާމިޔާބު ކުރެއްވީއެވެ. އެކަމަކު ނުނިމުނެވެ. ވިދާޅުވި ގޮތަކަށް ގެއަކަށްވެސް ނުވެންނެވިއެވެ. ކުރިން ވިދާޅުވި ޑިމޮކްރަސީގެ އުސޫލު ބަދަލުކޮށްލެއްވިއެވެ. ބަލި ގަބޫލެއް ނުކުރެއްވިއެވެ. ޕްރައިމަރީގައި ބަލިވާ މީހާ މޮޅުވާ މީހާގެ ފަހަތަށް އަރަން ޖެހޭނެކަމަށް އޮތް މަފްހޫމް ބަދަލުކޮށްލެއްވިއެވެ.

މަޑަކުން ނުހުންނެވިއެވެ. މޮޅު ކުޅި ކުޅުއްވަން ފެއްޓެވީއެވެ. އެއްކަލަ ގޯސްވި ގާސިމާއި ކޯލިޝަން އޯކޭ ކުރެއްވިއެވެ. ކޯލިޝަންގެ ސަބަބުން ޕާޓީގެ މެންބަރުން ނިކަމެތިވެ، ލިބޭ ބައި ކުޑަވާކަމަށް ވިދާޅުވި ވިދާޅުވުން އެފުށް މިފުށަށް ޖެއްސެވީއެވެ. ދިންވަރެއް ހެޔޮކަމަށާއި، ބޭނުމަކީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ނުލިބުންކަމަށް ފާޅުގައި ވިދާޅުވާން ފެއްޓެވިއެވެ. އިސާހިތަކު އަނެއްކާވެސް ސަރުކާރުގެ ވަޒީރުކަމުގައި ތިއްބެވި ބޭފުޅުންނާއި ކުންފުނިތަކުގެ އެމްޑީންނާއި ޕާޓީގެ މަގާމްތަކުގައި ތިއްބެވި ބޭފުޅުންނާއެކު، ސީދާ ދެކޮޅަށް ނުކުންނެވީއެވެ. ޕާޓީގެ ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެކޮޅަށެވެ. ޕާޓީ ތެރެއިންނެވެ. ސަރުކާރު ތެރެއިންނެވެ.

ރައީސް ސޯލިހް ކެތްކުރައްވައިފިއެވެ. ސަރުކާރުގައި ތިއްބަވައިގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ނުކުރެއްވޭނޭކަމަށް ކެނޑިނޭޅި ނަސޭހަތްތެރިވަމުން ގެންދެވިއެވެ. ޕާޓީގެ އުސޫލުތައް ގަބޫލު ކުރައްވައި ގޮތްދޫކުރެއްވުމަށް ތަކުރާރުކޮށް އާދޭސް ކުރެއްވިއެވެ. އެކަމަކު ވިދާޅުވަމުން ގެންދެވީ ސާބިތުވެ ހުންނެވިކަމަށެވެ. ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. ޖެހިލުންވުމެއް ބިރުފުޅުގަތުމެއް ނެތްކަމަށެވެ. އަޅުއްވަންޖެހޭ ފިޔަވަޅު، ވަގުތާއި ހާލަތުގައި އަޅުއްވާނެ ކަމަށެވެ. ތެދެކެވެ. ކެތް ކުރައްވައިފިއެވެ. ދޫވެސް ދެއްވައިފިއެވެ. ފަސް މުގޫ އަތްޕުޅުން ދޫވުމުގެ ކުރިން، އެވިދާޅުވާ ހާލަތު ނިޔާކުރާ ފިޔަވަޅު އެޅުއްވީއެވެ. ފުރަތަމަ އަމްރުއެވެ. ދެން ޝިފާޒެވެ.

- ކޮމެންޓް
1 އޭޕްރިލް 2023 | ހޮނިހިރު 07:12
ނަޒޫ
ތިގޮތުގައި ސާބިތުވެ ހުންނާތީ