ކްރިކޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ރަމަޟާން ކްރިކެޓް ކާނިވަލްގެ އޮފީސް ޓޭޕްބޯލް މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބް ހޯދައިފިއެވެ.
މި ބައިގެން ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދީ ފައިނަލުގައި ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި ވާދަކޮށް އެންމެ ލަނޑެއްގެ ތަފާތުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގައި ދެ ޓީމުން ވެސް ވަނީ އަށް އޯވަރުގެ ތެރޭގައި 111 ލަނޑު ހަދާފައެވެ. މުބާރާތުގެ ގަވާއިދު ބުނާ ގޮތުން އަށް އޯވަރުގެ ތެރޭގައި ދެ ޓީމް ވެސް ލަނޑުގެ ގޮތުން އެއްވަރު ވެއްޖެ ނަމަ ދެން ބަލާނީ ދެ ޓީމުން ނަގާފައިވާ ވިކެޓަށެވެ. އެގޮތުން ބެލިއިރު ދެ ޓީމުން ވެސް ވަނީ ހަތް ވިކެޓު ނަގާފައެވެ.
ގަވާއިދުގައި ވާގޮތުން ދެން ނަތީޖާ ނެރެން ޖެހޭނީ ބެޓުން އެންމެ ގިނަ ލަނޑު ހެދި ޓީމަށް ބަލައިގެންނެވެ. އެގޮތުން ބެލިއިރު، ސިފައިންގެ ކްލަބް ވަނީ 59 ލަނޑު ހަދާފައެވެ. ކަސްޓަމްސް ރެކްރިއޭޝަން ކުލަބަށް ހެދިފައިވަނީ 58 ލަނޑެވެ. އެހެންކަމުން ދިވެހި ސިފައިންގެ ކުލަބަށް މިބައިގެ ޗެމްޕިއަންކަން ލިބެނީ އެންމެ ލަނޑެއްގެ ތަފާތުންނެވެ.
މިބައިގެ ޗެމްޕިއަން ޓީމަށް ތައްޓާއި އިނާމް ދެއްވީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޑެޕިއުޓީ މިނިސްޓާރ އަލްފާޞިލް އަބްދުލް މުޙުސިން އެވެ. މިބައިގެ އެހެނިހެން ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ބަލާއިރު، އެންމެ ގިނަ ވިކެޓް ނެގި ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ލެޝާރ ކާގޯގެ އިސްމާއިލް ޒާހީ އެވެ. އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް އެޗްޑީސީގެ އިބްރާހިމް އަލީ އެވެ. އަދި މޯސްޓް ވެލިއުބަލް ޕްލޭޔަރ އަކަށް ހޮވިފައިވަނީ ދިވެހި ސިފައިންގެ ކުލަބުގެ އަބްދުﷲ ޝާހިދު އެވެ.