ކ. މާލެ
|
4 އޯގަސްޓް 2022 | ބުރާސްފަތި 10:52
އަބޫ އަހުމަދު ބޯކޮށުމުގެ ޚިދުމަތް ދެމުން އަންނަނީ މަޖިލީސް ކުރާ ގޭގެ ބޭރުގައި، ބޯކޮށާ ސާމާނު ފަތުރާލައިގެން އިނދެ
ބޯކޮށާ އަބޫ އަހުމަދު؛ އިރާގުގެ ރައްޔިތެއް
ބޯކޮށާ އަބޫ އަހުމަދު ދައްކައިދެނީ ގާނޫނު ނުމުގުރާ، ހަޅޭއްނުލަވާވެސް މުޒާހަރާއަށް ތާއީދު ކުރެވިދާނެ ކަމެވެ!
މުޒާހަރާގެ ބައިވެރިންނަށް އަބޫ އަހުމަދު ބޯކޮށައިދެނީ އެއްވެސް އުޖޫރައަކާ ނުލާ
އަމިއްލަ އަށް ވޮލަންޓިއާ ކޮށް ބޯކޮށައި ދިނުމުގެ ޚިދުމަތް ދޭން އެމީހުން ނިންމީ، އެމީހުންގެ ޙައްޤުގައިވެސް ބަޔަކު އެބަތިބިކަން އަންގައިދޭން ވެގެން
ގައުމަށްޓަކާ ތެދުވުމަކީ، ކޮންމެހެން ގާނޫނާއި ގަވައިދުތައް މުގުރާ، އަޑުގެކޮޅަށް ހަޅޭއްލަވައިގެން ކުރާ މުޒާހަރާއެއް ނޫން ކަމަށް އެ މީހުން ދަނީ ސާބިތުކޮށްދެމުން

ފުރުސަތަކީ އޭގެ ބޭނުން ކުރަން އެނގިއްޖެ މީހެއްގެ އަތުގައި ހިފާ ނަސީބެކެވެ. ކިތަންމެ ބޮޑު ތަކުލީފަކާއި ދައްޗެއްގެ ތެރޭގައިވެސް އާންމު ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދަންޖެހޭއިރު، ހިތްވަރާއެކު އެކަމާ ކުރިމަތިލައިގެން ނުކުންނަ މީހަކަށް ދުނިޔޭގެ ސަމާލުކަން ހުއްޓެނީވެސް ސަބަބެއް ނެތިއެއް ނޫނެވެ. މިއީވެސް އެފަދަ މީހެއްގެ ވާހަކައެވެ.

ސިލްސިލާ އިހުތިޖާޖެއް ކުރިއަށްދާ އިރާގުގެ ގާނޫނު ހަދާ މަޖިލީސް ހިންގާ އިމާރާތުގެ ބޭރުގައި، އެކި ކޮޅުކޮޅު މައްޗަށް ހޭލަމޭލަ ވަމުންދާ މީހުންގެ ތެރެއިން މީޑިއާގެ ސަމާލުކަން ދަމައިގަތް އެކަކީ އަބޫ އަހުމަދެވެ. ސަބަބެއް ނެތިއެއް ނޫނެވެ.

ކޮޅެއްގައި ނުޖެހި އޮތް ސިޔާސީ މަސްރަހުގެ ތެރެއިން އުފެދުނު މުޒާހަރާގެ ބައިވެރިންނަށް އަބޫ އަހުމަދު ބޯކޮށައިދެނީ އެއްވެސް އުޖޫރައަކާ ނުލައެވެ.

މުޒާހަރާގެ ބައިވެރިންނަށް ހިލޭ ސާބަހަށް ޚިދުމަތް ކުރަން ނިންމީ އަހަރެން އަމިއްލައަށް. ކޮންމެ ދުވަހަކުވެސް ހެނދުނު އެހެން ނޫނީ މެންދުރު ފަހު އަހަރެން މިތަނަށް އަންނަން
ބޯކޮށާ އަބޫ އަހުމަދު؛ އިރާގުގެ ރައްޔިތެއް

މަޖިލީސް ކުރާ ގޭގެ ބޭރުގައި، އޭނާގެ ބޯކޮށާ ސާމާނު ފަތުރާލައިގެން ހުރި އަބޫ އަހުމަދުގެ ގާތުން ޚިދުމަތް ހޯދާ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ.

އޭނަ މިތާ ހުރެގެން ބޯކޮށުމުގެ ޚިދުމަތް ދޭތަން ފެނުނީމަ، އަހަރެންވެސް ހިތަށް އެރި ބޯކޮށާލަން. ހިތަށް ހަމަޖެހުން ލިބޭ. އަހަރަމެންގެ ޑިމާންޑްތައް ފުރިހަމަ ވަންދެން މުޒާހަރާ ކުރާނަން. ފަހަތަކަށް ނުޖެހޭނަން
ސިޖާދް މުހްސައިން؛ އިރާގު މުޒާހަރާގެ ބައިވެރިއެއް

ޝީއީ އިމާމް، މުޤްޠަދާ އައް-ޞަދްރުގެ ސަޕޯޓަރުން، އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ އެތެރެއާއި ބޭރުގައި ހަރަކާތްތެރިވާތާ މިހާރު ހަފުތާއެއްހާ ދުވަސް ވަނީއެވެ. އިތުރު އެހެން އެއްވެސް ކަމަކަށް ފަރުވާލެއް ނެތި، އެމީހުން ދެމި ތިބީ ކޮރަޕްޝަނުން ގައުމު ސަލާމަތް ކުރުމުގެ ވަރުގަދަ އަޒުމުގައެވެ.

ބޮޑުކައްކާއަކު އައިސް ކައްކާދީ، ނޫނީ ބޯކޮށާ މީހަކު އައިސް ބޯކޮށާ ދިނުމަކީ މީހުންގެ ހިތްވަރު އާކޮށްދޭނެ ކަމެއް. އަހަރެން ބޭނުން އެހެން މީހުންނަށް އެހީވާން
ބޯކޮށާ އަބޫ އަހުމަދު؛ އިރާގުގެ ރައްޔިތެއް

މުޒާހަރާގައި އަމަލީ ގޮތުން ބައިވެރިވަމުން ދިޔަ ޔޫނުސް އަލް-މަންސޫރީއަށް، އަބޫ އަހުމަދުގެ މަސައްކަތް ފެނުނެވެ. އެހާ ހިސާބުން އަލް-މަންސޫރީ ނިންމީ އަބޫ އަހުމަދަށް އެހީތެރިވެދީ، އަތް-ގާތްކޮށްދީ ހަދާށެވެ. އެއާއެކު އަބޫ އަހުމަދު ފެށި ބޯކޮށައިދިނުމުގެ ޚިދުމަތުގެ ދުވެލި ހަލުވިވިއެވެ. މުޒާހަރާގެ ބައިވެރިންގެ ބޯ ތުނިކޮށްދިނުމާއި ތުނބުޅިއާއި ބޯ ބާލާ ދިނުމުގެ މަސައްކަތް އޮތީ މެކުހަށް ޖަހާފައޭވެސް ދެންނެވިދާނެއެވެ.

ބޯކޮށާދޭ އެކަކީ ބަޣުދާދު މީހެއް. މިތަނުގަ މިއުޅޭ ގިނަ މީހުންނަކީ އެހެން ސިޓީތަކުން އައިސް އުޅޭ މީހުން ވީމަ، އެމީހުންގެ ޙައްޤުގައިވެސް ބަޔަކު އެބަތިބިކަން އަންގައިދޭން ވެގެން އޭނާ އަމިއްލައަށް ވޮލަންޓިއާ ކުރީ ބޯކޮށާ ދޭން. މަށަކީވެސް އެ ރޮނގުން ކޮންމެވެސް ވަރަކަށް މަސައްކަތުގެ ތަޖުރިބާ ހުރި މީހެއް. އެހެންވެ، އަބޫ އަހުމަދަށް އަތްގާތްކޮށްލަދޭންވެގެން އަހަރެންވެސް ގޮނޑިއެއް ހިފައިގެން އައި އެ ޚިދުމަތް ދެނީ މި. މުޒާހަރާގެ ތެރޭގައިވެސް ހުރިހާ ކަމެއް ފުރިހަމަ ވާނެކަން އަންގައިދީ، އެ އިހުސާސް ކޮށްދޭން އަހަރަމެން ބޭނުންވަނީ
ޔޫނުސް އަލް-މަންސޫރީ؛ ބޯކޮށުމުގެ ޚިދުމަތް ދޭ މީހެއް

އިންތިހާއަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ އިރާގުގެ ގްރީން ޒޯން ސަރަހައްދުގައި ހުންނަ މަޖިލީސް ކުރާ ގޭގެ ސެކިއުރިޓީ ފަޅާލުމަށްފަހު ޞަދްރުގެ ސަޕޯޓަރުން އެ އިމާރާތަށް ވަދެގަތީ ޖުލައި 30 ވަނަ ދުވަހުއެވެ. ސަބަބެއް ކަމުގައިވީ، އިރާގުގެ ބޮޑުވަޒީރު ކަމުގެ މަގާމަށް، މުޙައްމަދު ޝިއާ އަލް-ސޫދާނީގެ ނަން ހުށަހެޅުމެވެ. އޮކްޓޯބަރު 2021ގައި އިރާގުގައި ކުރިއަށް ގެންދިޔަ އާންމު އިންތިހާބުގައި ޞަދްރަށް ކުރި ލިބިވަޑައިގެންނެވި ނަމަވެސް، އުފެދިފައިވާ ސިޔަސީ ހާޖާނުގަނޑުގެ ތެރޭގައި، އެ ގައުމުގައި އަދިވެސް އޮތީ އާ ސަރުކާރެއް އެކުލަވާލެވޭ ގޮތް ނުވެފައެވެ.

މަސްރަހު ކިތަންމެ ހޫނު ވެގެން ދިޔަ ކަމުގައި ވީ ނަމަވެސް، އާންމު ދިރިއުޅުމުގެ ކަންކަމަކީ އޭގެ އޮމާން ރާގުގައި ކުރިއަށް ގެންދެވިދާނެ އަދި ގެންދަން ޖެހޭވެސް ކަމެއްކަން، ބޯކޮށާ އަބޫ އަހުމަދާއި އަލް-މަންސޫރީގެ ގަދަ ހިތްވަރުން އެ ދަނީ ސާބިތުކޮށްދެމުންނެވެ. ގައުމަށްޓަކާ ތެދުވުމަކީ، ކޮންމެހެން ގާނޫނާއި ގަވައިދުތައް މުގުރާ، އަޑުގެކޮޅަށް ހަޅޭއްލަވައިގެން ކުރާ މުޒާހަރާއެއް ނޫންކަންވެސް އެ ދެމީހުން އެދަނީ ދައްކާ ދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް