ކ. މާލެ
|
2 އޯގަސްޓް 2022 | އަންގާރަ 11:17
ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދޭ
ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދޭ
ރާއްޖެއެމްވީ
އާރަށު ހިޔާނާތުގެ މައްސަލަ
އާރަށު ހިޔާނަތް: މުހިންމު ހެއްކެއްގެ ޗެއިންގައި ނުބައި ތާރީޚެއް ހިމެނޭތީ ސިރާޖުގެ ފާޑުކިޔުން ފުލުހުންނަށް
މިހާރު ކުރިއަށްދަނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމުގެ މަރުޙަލާ
ލިޔުންތަކުގައިވާ އަތުލިޔުމާއި ސޮއި އަޅާކިޔުއްވާފައިވޭ
ދައުވާތައް ސާބިތު ނުވުމުން، ކޯޓުތަކާއި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް އެކަމުގެ ފާޑުކިއުންތައް އަމާޒުވޭ

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކޮށް, ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ދައުލަތުން ހުށައެޅި ހެއްކެއްގެ ޗެއިން ސޮފް ކަސްޓަޑީގައި ނުބައި ތާރީޚެއް ލިޔެވިފައިވާތީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އެކަމަށް ފާޑުވިދާޅުވެއްޖެއެވެ.

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ. އެގޮތުން ދައުލަތުގެ ހެއްކެއްކަމަށްވާ އަހުމަދު ތައުސީމްގެ ހެކިބަސް ނަގާފައިވާއިރު، އޭނާއަކީ ފުލުހުންގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި ސީނިއަރ ފޮރެންސިކް އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ފަރާތެކެވެ.

މި މައްސަލައާ ގުޅިގެން ތަހުލީލު ކުރަން ހުށައެޅުނު މާއްދީ ހެކިތަކުގެ ތަފްސީލު އޭނާ ވަނީ ދެއްވާފައެވެ. އެގޮތުން ސުވާލު އުފެދިގެން ހުށައެޅިފައިވާ ޑޮކިއުމަންޓާއި، މި މައްސަލައިގައި އަޅާ ކިއުމަށް ހުށައެޅުނު ނަމޫނާ ލިޔެކިޔުންތައް އޭގެ ތެރޭގައި ހިމެނެއެވެ.

އޭނާ ވިދާޅުވީ، އެ ލިޔުންތަކުގައިވާ އަތުލިޔުމާއި ސޮއި އަޅާކިޔުއްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޑިޕޮސިޓް ސްލިޕްތަކާއި ސިޓީތައް ހިމެނެއެވެ. އެއީ ހައްތަހާވެސް 2015 ގެ ލިޔެކިޔުންތަކެކެވެ.

މި މައްސަލައާ ގުޅިގެން ރައީސް ޔާމީނުގެ ވަކީލުން ވަނީ ނުކުތާއެއް ފާހަގަކޮށްފައެވެ. އެއީ ހެކީގެ ޗެއިން އޮފް ކަސްޓަޑީގައި ނުބައި ތާރީޚެއް ލިޔެފައިވާކަމެވެ. އެގޮތުން ލިޔުމުގައި ހެކި ހޯދި ތާރީޚެއްކަމަށް ބަޔާންކޮށްފައިވަނީ 23 އޯގަސްޓު 2026 އެވެ.

ހެކިވެރިޔާ ވިދާޅުވި ގޮތުގައި އެއީ މި ހެކިތަކުގެ ތަހުލީލު ރިޕޯޓުތަކުގެ ސައްޙަކަމާއި ގުޅޭ ނަތީޖާއަށް އަސަރު ކުރާނެ ކަމެއް ނޫނެވެ. އޭނާ ވިދާޅުވީ، ސުވާލު އުފެދިގެން ތަހުލީލުކުރި ލިޔުމުގައި ހިމެނޭ އަތުލިޔުމާއި ސޮއި، ނަމޫނާ ލިޔުންތަކުގައި ހިމެނޭ އަތުލިޔުމާއި ސޮޔާއި ދިމާވާ ކަމަށް އެއްވެސް ޝައްކެއް ނެތި ޔަޤީންވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން މެމްބަރު ސިރާޖު ވިދާޅުވީ، އެފަދަ މައްސަލަތަކާހުރެ މި ދައުވާތައް ސާބިތު ނުވުމުން، ކޯޓުތަކާއި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް އެކަމުގެ ފާޑުކިއުންތައް އަމާޒުވާ ކަމަށެވެ.

އެ ހެއްކަކީ ފުލުހުން ތަހުލީލުކޮށް، ޗެއިން އޮފް ކަސްޓަޑީ އެކުލަވާލާފައިވާ ހެއްކަކަށްވާއިރު، ފުލުހުންގެ ޚިދުމަތް އިސްލާޙުވާނެ ނުވަތަ އިސްލާޙު ކުރާނެ ދުވަހެއް ނާންނާނެތޯ ސިރާޖު ވަނީ ސުވާލު ކުރައްވާފައެވެ.

މި މައްސަލަ ކޯޓުގައި ކުރިއަށްދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ޔޫސުފް ނައީމްގެ ދައުވާތައް އެކުއެކީގައެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ 4 އޯގަސްޓުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް