ކ. މާލެ
|
1 އޯގަސްޓް 2022 | ހޯމަ 23:08
އޮޕަރޭޝަނުގެ ކުރިން
އޮޕަރޭޝަނުގެ ކުރިން
ޕީއޭ އިމޭޖަސް
ބޮލުން ގުޅިފައިވާ ދެބެއިން ވަކިކުރުން
ބޮލުން ގުޅިފައިތިބި ބްރެޒިލްގެ ތުއްތު ދެކުދިން ކާމިޔާބުކަމާއެކު ވަކިކޮށްފި
މި އޮޕަރޭޝަންކުރީ ދެގައުމުގެ ޑޮކްޓަރުން ތިބެގެން، ވީޑިއޯ ލިންކް ބޭނުންކޮށްގެން

ބޮލުން ގުޅިފައިވާ ބްރެޒިލްގެ ދެބެއިން ވަކިކުރުމުގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ކޮށްފިއެވެ. ސަތޭކައެއްހާ މެޑިކަލް ސްޓާފުން ބައިވެރިވެގެން، 72 ގަޑިއެއްހާއިރަށް ކުރިޔަށްގެންދިޔަ އޮޕަރޭޝަން ކުރީ ބްރެޒިލްގެ ރިއޯޑިޖެނޭރޯގައެވެ. އޮޕަރޭޝަންކޮށްފަައިވަނީ ވީޑިއޯ ލިންކް މެދުވެރިކޮށް، ލަންޑަންގެ ގްރޭޓް އޯމޮންޑް ސްޓްރީޓް ހޮސްޕިޓަލްގައި ތިބި ޑޮކްޓަރުން ވަގުތުން ދެމުން ގެންދިޔަ އިރުޝާދުގެދަށުންނެވެ.

އުމުރުން މިހާރު ތިން އަހަރު ފުރިފައިވާ ފިރިހެން ދެބެއިން ވަކިކުރުމުގެ އޮޕަރޭޝަންގައި ބައިވެރިވި ޑޮކްޓަރުން އެކުދިންގެ ސީޓީ ސްކޭންތަކާއި އެމްއާރްއައި ސްކޭންތައް ދަސްކޮށް، އޮޕަރޭޝަނަށް ތައްޔާރުވަމުންދާތާ އެތައް މަހެއް ވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ. އޮޕަރޭޝަން ކުރިޔަށް ދިޔަގޮތް ސިފަކޮށްދެމުން އެއް ޑޮކްޓަރަކު ބުނެފައިވަނީ، އެކަން ހީވީ "ސްޕޭސް އޭޖް"ގެ ކަމެއްހެން ކަމަށެވެ. މާނައަކީ ޖައްވަށް ރޮކެޓެއް ފޮނުވައިގެން ބިމުން ކޮންޓްރޯލްކުރަމުން ދިޔުންފަދަ ކަމެއްހެންނެވެ.

އޮޕަރޭޝަނުގެ ފަހުން

މިއީ ވިހޭއިރު ގުޅިފައިތިބި ދެބެއިން ވަކިކުރުމަށް މިހާތަނަށް ކުރެވުނު އެންމެ ބޮޑު، އަދި އެންމެ އުނދަގޫ އޮޕަރޭޝަނެވެ. އަދި މިއީ ދެގައުމެއްގައި ޑޮކްޓަރުން ތިބެގެން ވަރޗުއަލްކޮށް މިގޮތަށް ކުރެވުނު ފުރަތަމަ އޮޕަރޭޝަންވެސް މެއެވެ. މި އޮޕަރޭޝަންކުރުމަށް ޑޮކްޓަރުންނާއި ނަރުހުންނާއި އެނޫންވެސް މެޑިކަލް ސްޓާފުން ހިމެނޭ، 100އެއްހާ މެމްބަރުންގެ ޓީމެއް ބައިވެރިވެފައިވެއެވެ. އަދި 27 ގަޑިއިރަށް އޮޕަރޭޝަން އެކަނިވެސް ކުރިޔަށްދިޔަކަމަށްވެއެވެ.

މިފަދަ އެހެން ކުދިންނެކޭ އެއްފަދައިން މި ދެބެއިންވެސް ވަކިކުރުމުން، ދެކުދިންގެވެސް ބްލަޑް ޕްރެޝަރާއި ހާރޓް ރޭޓް ވަރަށް ބޮޑަށް މަތިވެގެންދިޔަކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ. ނަމަވެސް 4 ދުވަސް ފަހުން ދެކުދިން އެއްތަނަކަށް ގެނެސް، ދެކުދިން އަތުގުޅުވާލެވޭގޮތް ހެދުމުން، އެކަން ހަމައަކަށްއެޅިފައިވާކަމަށްވެއެވެ.

އޮޕަރޭޝަނަށްފަހު ދެބެއިންގެ ހާލުވެސް ރަނގަޅުވަމުން އަންނަ ކަމަށާއި، ނަމަވެސް 6 މަސް ދުވަސް ވަންދެން ގާތުން ބަލައި މޮނިޓަރކުރެވޭނެކަމަށްވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް