ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބްދުލްޤައްޔޫމް އެނބުރި މާލެ ވަޑައިގަތުމަކީ އިސްލާހީ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނަށް މަރުހަބާ ދެންނެވުމަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ޤާސިމް ވިދާޅުވީ ރައީސް މައުމޫނު މާލެ ވަޑައިގަތުމުން ރައްޔިތުންނަށް އިތުރު ހިތްވަރަކާއި ޖޯޝެއް ލިބިގެންދިޔަ ކަމެއް ކަމަށެވެ.
ރާއްޖެ އިސްލީހީ މަގަށް ގެންދެވުމަށްޓަކައި ރައީސް މައުމޫނު ކުރައްވަމުންގެންދަވަނީ ބުރަ މަސައްކަތްޕުޅެއްކަން ފާހަގަކުރައްވާ ޤާސިމް ވިދާޅުވީ ރައީސް މައުމޫނަށް މަރުހަބާ ދެންނެވުމަށް ވަޑައިގެން ތިއްބެވި ފަރާތްތަކާއި ބައްދަލު ކުރައްވަން ފުލުހުން ހުރަސް އެޅުމަކީ ވަރަށް ނިކަމެތި ކަމެއް ކަމަށެވެ.
ރައްޔިތުންނާއި ބައްދަލުކުރައްވަން ފުރުޞަތު ނުދެއްވުމަކި ވަރަށް ދެރަކަމެއް ކަމަށާއި މިކަމުގެ ސަބަބުން މިސަރުކާރަށް ލިބިގެންދާނެ ނަފްރަތުކަމާއި ރުޅިވެރިކަން އިތުރުވެގެންދާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ. އެފަދަ ކަންކަމުން މި ސަރުކާރަށް ލިބޭނެ ކްރެޑިޓެއް ނޯންނާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އިސްލާހީ މަސައްކަތްތުގައި ދައްކަވާފައިވާ ވާހަކަތަކާއި ގުޅިގެން ޤާސިމް އިބްރާހިމް ވަނީ ދެ ފަހަރެއްގެ މަތިން ހައްޔަރުކޮށްފަ އެވެ.