ގަތަރާ ގުޅުން ކަނޑާލަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެއީ އެކަހެރިވުމުގެ ސިޔާސަތެއް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގައުމުން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމަށް ފަހު ބުދަ ދުވަހުގެ ރޭ މާލެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރާއްޖޭގެ ސިޔާސަތަކަށް ވާންޖެހޭނީ ހުރިހާ ގައުމުތަކެއްގައި ވެސް ގުޅިގެން މަަސއްކަތް ކުރުން ކަމަށާއި ހާއްސަކޮށް އިސްލާމީ އަދި އަވަށްޓެރި ގައުމުތަކާ ގުޅުން ބަދަހި ކުރުން ކަމަށް މައުމޫނު ވިދާޅުވިއެވެ. އަދި ރާއްޖެއާ އެކީ ބައިނަލްއަޤްވާމީ މައިދާނުގައި މަސައްކަތްކުރަން ތައްޔާރަށް ތިބި ހުރިހާ ގައުމަށް އެއްބާރުލުންދީގެން މަސައްކަތް ކުރުން ކަމަށާއި އެއްވެސް ގައުމަކާއި ރާއްޖެ ގެންގުޅޭ ގުޅުން ބަދަލުވާން ނުޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
.
"އަޅުގަނޑު ނުދެކެން އީރާނާއި، ގަތަރާއި އަދި ކޮމަންވެލްތުންވެސް ވަކިވާން ޖެހޭނެ ކަމަށް ދެކެވަޑައިނުގަންނަވަން. މިހުރިހާ ތަނެއްގައި ބައިވެރިވެގެން މިއަދުގެ ދުނިޔޭގައި ކުރިއަށް ދެވެން އޮތީ" ރައީސް މައުމޫނު ވިދާޅުވިއެވެ.
ދުނިޔޭގެ ހުރިހާ ގައުމުތަކުންވެސް މަސައްކަތްކުރަނީ އެއް ގައުމު އަނެއް ގައުމަށް ގުޅިގެން މަސައްކަތް ކުރުން ކަމަށާއި ބޮޑެތި ގައުމުތަކާއި އަދި ޖަމިއްޔާތަކާއި ވަކިވެގެން ރާއްޖެއަށް ކުރެވޭނެ ކަމެއް ނޯންނަ ކަމެއްވެސް ވިދާޅުވިއެވެ.
ގަތަރާއި އޮތް ގުޅުން ކަނޑާލުމަށް އިޝާރާތްކުރައްވައި ވާހަކަދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ މިއީ ރާއްޖެއަށް ފާއިދާ ހުރިހ ސިޔާސަތެއް ނޫން ކަމަށްވާއިރު މިއީ އެކަހެރި ވުމުގެ ސިޔާސަތެއް ކަމަށެވެ.
ގަތަރާއި އެންމެ ފުރަތަމަ ގުޅުން އުފެއްދެވީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށާއި ރާއްޖެއާއި ގަތަރާއި ދެގައުމުގެ ދެމެދުގައި އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖެއާއި ދެކޮޅަށް ގަތަރުން އެއްވެސް ކަމެއް ކޮށްފައި ނެތް ކަމަށް ވިދާޅުވަމުން ގަތަރާއި މައްސަލައެއް ޖެހިފައި ނެތްއިރު ގަތަރާއި އޮތް ގުޅުން ކަނޑާލަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއް ކަމަށްވާއިރު އެހެން މުސްލިމު ގައުމުތަކާއި އޮންނަން ޖެހޭނީ ބަދަހި ގުޅުމެއް ކަމަށް ވިދާޅުވަމުން ވަކި ބައަކަށް ބޯލެނބުމުގެ ގޮތުން ގުޅުން ކަނޑާލަން ނުޖެހޭ ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.