1443ވަނަ އަހަރު ޙައްޖަށް ދިޔަ ދިވެހި ޙައްޖުވެރިންގެ އެންމެ ފަހު ގުރޫޕު ބުދަ ދުވަހު ރާއްޖެ އަތުވެއްޖެއެވެ.
ރާއްޖެއިން މިއަހަރު ޖުމްލަ 453 ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިވާއިރު، ބުދަ ދުވަހު ރާއްޖެ އައިސްފައިވަނީ 117 ޙައްޖުވެރިންނެވެ. ހައްޖުވެރިންނާއި އާއިލާގެ މީހުންނަށް ޚާއްސަކޮށް ޚިދުމަތްދިނުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޙައްޖުވެރިންނަށް ޚާއްސަ ސަރަޙައްދެއް ހަމަޖައްސައި އިތުރު މުވައްޒަފުން ހަރަކާތްތެރިވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ހައްޖުވެރިންގެ ދެވަނަ ގްރޫޕް މާލެ އައިސްފައިވަނީ މި މަހުގެ 23 ވަނަ ދުވަހު ރާއްޖެ ގަޑިން 10:28 ގައެވެ. ހައްޖުވެރިންގެ ދެވަނަ ގްރޫޕުގައި 175 މީހުން ރާއްޖެ އައިސްފައިވެއެވެ. ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ހައްޖުގެ އަޅުކަމަށްފަހު މާލެ އައިސްފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ހެނދުނުއެވެ. މި ގްރޫޕުގައި 157 މީހުން މާލެ އައިސްފައިވެއެވެ.
މިއަހަރުގެ އަމީރުލް ޙައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. މި ދަތުރުފުޅުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީގެ އަނބިކަނބަލުންވެސް ބައިވެރިވަޑައިގެންނެވިއެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު މިނާގައި ޙައްޖުވެރިން ތިބި ފޭލިގެތަކަށްވަޑައިގެން ދިވެހި ޙައްޖުވެރިންނާއި ބައްދަލުކުރައްވާ ހާލު ބައްލަވާފައިވެއެވެ. މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ރައީސަކު މިނާ ޓެންޓަށް ޒިޔާރަތްކުރެއްވި ފުރަތަމަ ފަހަރެވެ.
މިއަހަރު ހައްޖުގެ އަޅުކަމަށް 1 މިލިއަން ހައްޖާޖީން ދިޔައެވެ. މިއީ ކޮވިޑް-19ގެ ހާލަތަށްފަހު މިހާ ގިނަ އަދަދެއްގެ ހައްޖުވެރިން ހައްޖުގެ އަޅުކަމުގައި ބައިވެރިކުރި ފުރަތަމަ ފަހަރެވެ. މިއަހަރުގެ ހައްޖުގެ އަޅުކަމުގައި 1 މިލިއަން ހައްޖާޖީން ބައިވެރިވިއިރު، މީގެ ތެރެއިން 850،000 ހައްޖާޖީންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ހައްޖުގެ އަޅުކަމުގައި ބައިވެރިވި މީހުންނެވެ.
2019 ވަނަ އަހަރު 2.5 މިލިއަން މީހުން ވަނީ ހައްޖުގެ އަޅުކަމުގައި ބައިވެރިވެފައެވެ. އެއަށްފަހު 2021 ވަނަ އަހަރު ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ހައްޖުގެ އަޅުކަމުގައި ބައިވެރިކޮށްފައިވަނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ސައުދީގައި ދިރިއުޅޭ މީހުން އެކަންޏެވެ.