1443ވަނަ އަހަރު ޙައްޖަށް ދިޔަ ދިވެހި ޙައްޖުވެރިންގެ އެންމެ ފަހު ގުރޫޕު މިއަދު ރާއްޖެގަޑިން ހެނދުނު 10:10 ގައި ރާއްޖެ އަންނާނެއެވެ.
ރާއްޖެއިން މިއަހަރު ޖުމްލަ 453 ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިވާއިރު، ބުދަ ދުވަހު ރާއްޖެ އަންނާނީ 117 ޙައްޖުވެރިންނެވެ. ހައްޖުވެރިންނާއި އާއިލާގެ މީހުންނަށް ޚާއްސަކޮށް ޚިދުމަތްދިނުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޙައްޖުވެރިންނަށް ޚާއްސަ ސަރަޙައްދެއް ހަމަޖައްސައި އިތުރު މުވައްޒަފުން ހަރަކާތްތެރިވަމުންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އަދި ޙައްޖާޖީން ބަލާ އެއަރޕޯޓަށް ދާ މީހުންނަށް ޚާއްސަކޮށްފައިވާ ބަސް ދަތުރުތައް ކޮންމެ 15 މިނެޓަކުން އޮންނާނެ ކަމަށާއި އެހެންނަމަވެސް ބަސްތަކުގައި ގިނަ އަދަދެއްގެ ލަގެޖް އުފުލާނެ ޖާގަ ނެތުމާއި ގުޅިގެން ޙައްޖުވެރިންގެ ލަގެޖް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސަންޖެހޭނީ އެ މީހަކު އަމިއްލައަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މާލެއިން ހުޅުމާލެއަށް ދާ މީހުންނަށް ވެސްޓްޕާކާއި، ކާނިވާ ސަރަހައްދާއި، ހުޅުމާލެ ފޭސް 1 އިން އަދި ހުޅުމާލެ ފޭސް 2 އިން އެއަރޕޯޓަށް ދިޔުމަށް ވެހިކަލްތައް ހަމަޖައްސާފައިވާއިރު މި ހަތަރު ސަރަހައްދުންވެސް ހެނދުނު 09:45 އިން ފެށިގެން ބަސް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
މިދަތުރުތައް ހަމަޖެހިފައިވާއިރު ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަގޮތެއްގައި މި ސަރަހައްދުތަކުގައި ޓްރެފިކް ބަލަހައްޓާނެކަމަށާއި ޙައްޖުވެރިން ޓެކްސީތަކާއި ހަމައަށް ގެންގޮސްދިނުމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން ކުއްލި ޙާލަތެއް ދިމާވެއްޖެނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރެޑްކްރެސެންޓްގެ އެމްބިއުލާންސްވެސް އެއަރޕޯޓުގައި އޮންނާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.