Advertisement
ކ. މާލެ
|
27 ޖުލައި 2022 | ބުދަ 07:19
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ތައްޔާރުކޮށްފައިވާ ކްލާސްރޫމް
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ތައްޔާރުކޮށްފައިވާ ކްލާސްރޫމް
އެމްސީއެސް
ބަންދުގައި ތިބޭ ކުޑަކުދިންނަށް ކިޔަވައިދޭން ފަށަނީ
ބަންދުގައި ތިބޭ ކުޑަކުދިންނަށް ކިޔަވައިދޭން ފަށަނީ
މިއީ އެޑިއުކޭޝަން މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދޭ ޚިދުމަތެއް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންނަށް ކިޔަވައިދޭން ފަށަން ތައްޔާރުވެފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ ވިދާޅުވި ގޮތުގައި މިއީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބަންދުގައި ތިބޭ ކުޑަކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރެވުނު މަސައްކަތެކެވެ. އެގޮތުން ދިރާސީ އައު އަހަރާއެކު ކިޔަވައިދިނުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބަންދުގައި ތިބޭ ކުޑަކުދިންނަށް ކިޔަވައިދިނުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވަނީ ހިންމަފުށީގައި ހުންނަ ޖުވެނައިލް ޑިޓެންޝަން ސެންޓަރުގައެވެ. މިކަމަށް ހާއްސަކޮށް 20 ދަރިވަރުންގެ ޖާގައިގެ ކްލާސްރޫމެއް އެތަނުގައި ވަނީ ހަދާފައެވެ.

Advertisement

ކޮމިޝަނަރ ވިދާޅުވީ އަންނަ އޮގަސްޓް މަހުގެ 7 ވަނަ ދުވަހު ފަށާ ދިރާސީ އަހަރާއެކު، އެ ސެންޓަރުގައި ތިބި ކުދިންނަށްވެސް އާއްމު އުސޫލުން ތަޢުލީމު ދިނުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.

ޖުލައި 6 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީ އާއި ކަރެކްޝަނާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކުދިންނަށް ކިޔަވައިދޭނީ އެ ދަރިވަރަކު ބަންދުގައި ހުރި ކަސްޓޯޑިއަލް ހުންނަ ރަށެއްގެ ސްކޫލެއް މެދުވެރިކޮށެވެ. މި އެމްއޯޔޫގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުޑަކުދިން ބަހައްޓާ މަރުކަޒަށް ގެނެވޭތާ 1 މަސް ދުވަސް ތެރޭގައި އެމްސީއެސްގެ އެހީގައި އެ މަރުކަޒު ހުރި ރަށުގެ ސްކޫލްގެ މުދައްރިސުން މެދުވެރިކޮށް އެ ކުއްޖާގެ ތަޢުލީމީ ފެންވަރު ބެލުމަށް އެކަޑެމިކް އެސެސްމަންޓް ހެދުމާއި ރިޕޯޓް ތައްޔާރުކުރުން ހިމެނެއެވެ. އަދި އެ ކުއްޖާގެ ފެންވަރުގެ މައްޗަށް ބިނާކޮށް އިންޑިވިޖުއަލް ލަރނިންގ ޕްލޭން ތައްޔާރުކުރުމާއި އެ ކުއްޖާ ބަންދުގައި ހުންނަ މުއްދަތުގައި ކިޔެވުން ކުރިއަށް ގެންދާނެ ޕްލޭނެއް ތައްޔާރުކުރުން ވެސް ހިމެނެއެވެ.

މި އެއްބަސްވުމުގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުދިންނަށް ކިޔަވައިދޭ މުދައްރިސުންނަށް އިނާޔަތްދިނުމާއި ކުދިން ކްލާސްތަކަށް ހާޒިރުކޮށްދިނުމާއި ކިޔެވުމަށް ބޭނުންވާ ތަކެތި ހޯދުމާއި މުދައްރިސުންގެ ސެކިއުރިޓީ ބެލެހެއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް