އެމެރިކާގެ ރައީސް ޖޯ ބައިޑެން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ރައީސް ބައިޑެން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަކުރަމުން ވައިޓް ހައުސްއިން ބުނީ އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށެވެ. އަލާމާތްތައްވެސް އެހާ ބޮޑަށް ނުފެންނަ ކަމަށް ވައިޓް ހައުސްއިން ބުނެފައިވެއެވެ.
ރައީސްގެ ޑިއުޓީތައް އަދާކުރައްވަމުން ގެންދެވިޔަސް އެމަނިކުފާނު ހުންނަވާނީ އެކަހެރިވެވަޑައިގެން ކަމުގައި ވައިޓް ހައުސްއިން ބުނެފައިވެއެވެ.
ބުރާސްފަތި ދުވަހު ވައިޓް ހައުސްގައި އޮތް ބްރީފިންއެއްގައި ވައިޓް ހައުސްގެ ކޮވިޑް-19 ކޯޑިނޭޓަރ ވަނީ ބައިޑެން ހުންނެވީ ވެކްސިން ފުރިހަމަކުރައްވައިގެންކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ބަލީގައި ބޮޑުވަރުވުމުގެ ފުރުސަތު ވަރަށް ކުޑަ ކަމުގައި އޭނާ ވިދާޅުވިއެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
