އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް ހޮވޭނީ ރިޝީ ސުނާކު ނުވަތަ ލިޒް ޓްރޫސްކަން ޔަގީންވެއްޖެއެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ހޮވުމަށް ކޮންޒަވޭޓިވް ޕާޓީގެ މަޖިލިސް މެމްބަރުންގެ މެދުގައި ނަގަމުން އަންނަ ވޯޓުގެ 5 ވަނަ ބުރުގައި އެއް ކެންޑިޑޭޓަކު ވަނީ ރޭހުން ބޭރުވެފައެވެ. އެއީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރޭޑް ޕޮލިސީ ޕެނީ މޯރޑޮންޓެވެ.
5 ވަނަ ބުރުގައި ކުރީގައި ހުންނެވީ ސުނާކް އެވެ. އޭނާއަށް 137 ވޯޓު ލިބިވަޑައިގެންފައިވެއެވެ. 113 ވޯޓާއެކު ދެވަނައަށް ގޮސްފައިވަނީ ޓުރޫސްއެވެ. އަދި މޯރޑޮންޓަށް ލިބިވަޑައިގެންފައިވަނީ 105 ވޯޓެވެ. މިއާއެކު ބޮޑުވަޒީރުކަމަށް ވާދަކުރައްވާނެ ދެ ކެންޑިޑޭޓުން ވަނީ ޔަޤީންވެފައެވެ.
ބޮޑުވަޒީރުކަމަށް ވާދަކުރައްވަން 2 ކެނޑިޑޭޓުންނާ ޖެހެންދެން ނޮކްއައުޓް އުސޫލުން ވޯޓުލުން ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ރޭހުގައި މިހާރު ބޮޑުވަޒީރުކަމަށް ވާދަކުރައްވާ 2 ކެނޑިޑޭޓުން ތިއްބެވިއިރު، މި 2 ބޭފުޅުންގެ ތެރެއިން ބޮޑުވަޒީރާއި ޕާޓީގެ ލީޑަރު ހޮވަން ޕާޓީގެ ހުރިހާ މެމްބަރުން ވޯޓުލާނެއެވެ.
އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު އިއުލާންކުރުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
