ޖަޕާނު ފަދަ ބަޑީގެ ހަމަލާތައް މަދު ޤައުމެއްގައި އެ ޤައުމުގެ ބޮޑުވަޒީރުކަން ކުރެއްވި ޝިންޒޯ އަބޭއަށް ބަޑިން ހަމަލާދީ އަވަހާރަކޮށްލުން ވެގެންދިޔައީ ދުނިޔޭގެ އެތައް ބަޔަކަށް ސިހުމެއް ލިބުނު ކަމެކެވެ. ހުކުރު ދުވަހު ކުރިއަށްދިޔަ ސިޔާސީ ރެލީއެއްގައި އަބޭއަށް ބަޑިން ހަމަލާދިނީ އާއްމުންގެ ތެރޭގައި އެވަގުތު ހުރި ފިރިހެނެކެވެ. ހަމަލާދިނުމާއެކު އެވަގުތު ސެކިއުރިޓީން އޭނާ އަތުލާފައިވާއިރު މިހާރު ދަނީ މި މައްސަލައިގެ ތަހުގީގު ކުރަމުންނެވެ.
ޝިންޒޯ އަބޭއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ޖަޕާނުގެ ރައްޔިތެއް ކަމަށްވާ އުމުރުން 41 އަހަރުގެ ޓެޓްސުޔާ ޔަމަގާމީ ނަމަކަށް ކިޔާ ފިރިހެނެކެވެ. އޭނާ ހަމަލާ ދިން ކަމަށް އިއުތިރާފުވެފައިވާއިރު ހަމަލާދިން ސަބަބު ވެސް ވަނީ ނާރާ ނިޝީ ފުލުހުންނަށް ކިޔައިދީފައެވެ. އަބޭ އަވަހާރަކޮށްލި ސަބަބެއް ކަމަށް އޭނާ ބުނަނީ އޭނާގެ މަންމައެވެ.
ޖަޕާނުގެ ނާރާ ނިޝީ ފުލުހުން ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ޔަމަގާމީ, އަބޭއަށް ހަމަލާ ދިނީ އެމަނިކުފާނު އަވަހާރަކޮށްލުމުގެ ނިޔަތުގައެވެ. އެއީ އޭނާގެ މަންމަގެ މާލީ ހާލަތުގެ ޒިންމާ ނަގަން ޖެހޭނީ އަބޭ ކަމަށް ގަބޫލު ކުރެވޭތީ ކަމަށް އޭނާ ވަނީ ބުނެފައެވެ. ޔަމަގާމީ ބުނާ ގޮތުގައި އޭނާ ނަފުރަތު ކުރަނީ ޖަޕާނުގެ ދީނީ ގްރޫޕަކަށެވެ. އެ ގްރޫޕަށް އޭނާގެ މަންމަ ބޮޑު ޑޮނޭޝަނެއް ދީފައިވާ ކަމަށާއި އޭގެ ސަބަބުން އޭނާގެ މަންމަ މާލީ ގޮތުން ވަރަށް ހާލުގައި ޖެހުނު ކަމަށް އޭނާ ވަނީ ތަހުގީގަށް ކިޔައިދީފައެވެ. ނަމަވެސް އެ ގްރޫޕުގެ ނަމެއް ޖަޕާނުގެ ފުލުހުން ހާމައެއް ނުކުރެއެވެ.
ޔަމަގާމީ އަބޭ އަވަހާރަކޮށްލީ އެމަނިކުފާނުގެ ކާފައަށް ކުރަމުން އައި ނަފްރަތުގެ ސަބަބުންނެވެ. އޭނާ ތަހުގީގަށް ކިޔައިދީފައިވާގޮތުގައި އެ ސީނީ ގްރޫޕް ފުޅާ ކުރުމުގައި މަސައްކަތް ކުރެއްވީ ޖަޕާނުގެ ކުރީގެ ބޮޑު ވަޒީރު އަދި ޝިންޒޯ އަބޭގެ ކާފާ ފުޅު ނޮބުސޫކޭ ކީޝީއެވެ. އެމަނިކުފާނު އަވަހާރަވެފައިވާތީ މަންމަގެ ބަދަލު އެމަނިކުފާނުގެ ކާފަދަރިކަލުން ޝިންޒޯ އަބޭގެ ފަރާތުން ނެގީ ކަމަށް ވެސް އޭނާ ބުނެއެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ޔަމަގާމީގެ މަންމައަކީ ޖަޕާނުގެ "ފެމިލީ ފެޑަރޭޝަން ފޯ ވޯލްޑް ޕީސް އެންޑް ޔުނިފިކޭޝަން" ނުވަތަ އާއްމު ނަމުން ނަމަ ޔުނިފިކޭޝަން ޗާޗުގެ މެމްބަރެކެވެ. މިއީ ދީނީ ކަންކަން ޕްރޮމޯޓު ކުރާ ޗާޗެެކެވެ.
ހުކުރު ދުވަހު ޔަމަގާމީ އަބޭއަށް ހަމަލާދިނީ އޭނާ އަމިއްލައަށް ހެދި ބަޑިއެއް ބޭނުން ކޮށްގެންނެވެ. ޓޭޕު އަޅައިގެން ހަދާފައިވާ އެ ބަޑިއަށް އޭނާ ވަޒަން ގަނެފައިވަނީ އޮންލައިންކޮށް ކަމަށް ތަހުގީގުން ހާމަވާ ކަމަށް ޖަޕާނުގެ ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާގެ ގެ ބަލައި ފާސް ކުރިއިރު އަމިއްލައަށް ހަދާފައިވާ ގިނަ އަދަދެއްގެ ބަޑި ފެނިފައިވާ ކަމަށާއި ލަފާ ކުރެވޭ ގޮތުގައި އޭނާ ހަމަލާދޭން ބޭނުން ކުރީ އޭގެ ތެރެއިން އެންމެ ބާރުގަދަ ބަޑިކަމަށް ވެސް ފުލުހުން ބުނެއެވެ.
ޔަމަގާމީ ތަހުގީގަށް ކިޔައިދިން ގޮތުގައި އޭނާ ބަޑި ހަދަން ދަސްކުރީ ޔޫޓީއުބް ވީޑިއޯތައް ބަލައިގެންނެވެ. އަދި ފަރުބަދަތަކުގައި ބަޑިޖެހުމުގެ ތަމްރީނުތައް އަމިއްލައަށް ކުރި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އޭނާގެ ގޭގެ ތެރެއިން ފުލުހުންނަށް ވަނީ ވަޒަން އަރާފައި ހުރި ލަކުޑި ބޯޑުތަކެއް ވެސް ފެނިފައެވެ.
މީގެ އިތުރުން އޭނާ ނަފުރަތު ކުރާ ދީނީ ގްރޫޕުގެ އިމާރާތެއް ކައިރީ 7 ޖުލައި ގައި ވެސް އޭނާ ބަޑި ޖެހުމުގެ ތަމްރީނުތަކެއް ހަދާފައިވާ ކަމަށް ވެސް ފުލުހުން ތުހުމަތުކުރެއެވެ. އެގޮތުން ޔަމަގާމީގެ އުޅަނދެއް ކަމަށް ޝައްކު ކުރެވޭ އުޅަނދެއް އެ ދުވަހު އެ އިމާރާތް ކައިރިން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންގެ ތަހުގީގުތަކަށް ޔަމަގާމީ ކިޔައިދިން ގޮތުގައި އޭނާ އަސްލު ބޭނުންވީ ޝިންޒޯ އަބޭ ގޮއްވާލާށެވެ. އެގޮތުން މި ހަމަލާދޭން އޭނާ ރޭވީ އަބޭ އަވަހާރަކޮށްލި ސަރަހައްދާ 3 ގަޑިއިރު ދުރުގައި ހުންނަ އޮކަޔާމާގައެވެ. ނަމަވެސް އެތަނުގެ ސެކިރިޓީ ވަރުގަދަކަމުން އެތަނަށް ގޮވާ ޒާތުގެ އެއްޗެއް ވެއްދުމަކީ ދަތިކަމަކަށްވާނެތީ އޭނާގެ ޕްލޭން ބަދަލު ކުރީއެވެ.
ޔަމަގާމީއާއެކު މަސައްކަތް ކުރި މީހުންނާއި އޭނާ ދަންނަ ބައެއް މީހުން ބޭރުގެ މީޑިއާތަކަށް ދީފައިވާ އިންޓަވިއުތަކުގައި އޭނާ ސިފަ ކޮށްފައިވަނީ ވަރަށް މަޑުމައިތިރި މިޒާޖެއްގެ މީހެއްގެ ގޮތުގައެވެ. މަސައްކަތުގެ މާހައުލުގައި ވެސް އެކުގައި މަސައްކަތް ކުރާ މީހުންނާ މަސައްކަތާ ގުޅުންހުރި ވާހަކައެއް ނޫނީ ނުދައްކާ ކަމަށާއި އޭނާއަކީ ވަރަށް "ޕްރައިވެޓް" މީހެއް ކަމަށް އޭނާއާއެކު މަސައްކަތް ކުރި މީހުން ވަނީ ކިޔައިދީފައެވެ.
އޭނާ އެންމެ ފަހުން މަސައްކަތް ކުރިތަނުގައި ފުރަތަމަ 6 މަސްދުވަހު ގަޑިނުޖެހި ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން އައި ކަމަށް އޭނާއާއެކު މަސައްކަތް ކުރި މީހަކު ބުންޏެވެ. ނަމަވެސް އޭގެ ފަހުން ކުއްލިއަކަށް މަސައްކަތުން ގެއްލުމާއި ސަލާން ބުނުން ގިނަވި ކަމަށާއި ހިތުގެ މައްސަލައެއް ހުރި ކަމަށް ރިޕޯތް ކުރާ ކަމަށް އޭނާ ބުންޏެވެ. މި މައްސަލަތަކާ ގުޅިގެން އޭނާ ވަޒީފާއިން ކަނޑާލީ މެއި 15ގައެވެ.