ލާޒިމު މަރުގެ ހުކުމް ތަންފީޒުނުކުރަން ނިންމައި، އެކަމަށް އެއްބަސްވުމަކަށް އާދެވިފައިވާކަމަށް މެލޭޝިއާގެ ސަރުކާރުން އިއުލާންކުރީ ޖޫން 10 ވަނަ ދުވަހުއެވެ. އެ ނިންމުން ނިންމީ، ލާޒިމު މަރުގެ ހުކުމުގެ ބަދަލުގައި ދެވިދާނެ އެހެން އަދަބުތަކާ ބެހޭގޮތުން ތައްޔާރުކޮށްފައި އޮތް ރިޕޯޓާ ބެހޭގޮތުން ޖޫން 8 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުގައި ކުރިއަށްގެންދިޔަ މަޝްވަރާތަކަށްފަހުއެވެ.
މެލޭޝިއާގައި މިހާރު ލާޒިމު މަރުގެ ހުކުމް އިއްވާ ކުށްތަކުގެތެރޭގައި، ގަސްތުގައި މީހަކު މެރުން، މަސްތުވާތަކެތި ޓްރެފިކް ކުރުން، ޓެރަރިޒަމް، އިންސާނުން ވަގަށް ނެގުން އަދި ބަޑި ގެންގުޅުންފަދަ ކުށްތައް ހިމެނެއެވެ.
ބޮޑުވަޒީރުގެ އޮފީހުގެ ވަޒީރު ޑރ. ވާން ޖުނާދީ ތުއަންކޫ ޖައުފަރު ވިދާޅުވިގޮތުގައި، ލާޒިމު މަރުގެ ހުކުމް ތަންފީޒުކުރުމުގެ ބަދަލުގައި، ކޯޓުގެ ނިންމުމާ އެއްގޮތަށް، ބަދަލު އަދަބުތަކެއް ދެވޭނެއެވެ. މެލޭޝިއާގެ ލޯ މިނިސްޓަރުކަންވެސް ކުރައްވަމުން ގެންދަވާ ޑރ. ވާން ޖުނައިދީ ވިދާޅުވީ، ލާޒިމު މަރުގެ ހުކުމް އިއްވުމަށް މިހާރު ކަނޑައަޅާފައިވާ 11 ކުށުގެ އަދަބެއްގެ ގޮތުގައި، މަރުގެ ހުކުމެއްގެ ބަދަލުގައި ދެން އިއްވެން ހުރި ހުކުމްތައް މެލޭޝިއާގެ ސަރުކާރުން ދިރާސާކުރާނެ ކަމަށެވެ. އަދި ކޯޓުން މައްސަލަ ނިންމާ ގޮތަކުން، މަރުގެ ހުކުމް އިއްވުމުގެ ފުރުސަތު އޮތް އިތުރު 22 ކުށެއްގެ އަދަބުވެސް ދިރާސާކުރާނެ ކަމަށް ޑރ. ވާން ޖުނައިދީ ވަނީ ހާމަކުރައްވާފައެވެ.
ކަންތައް މިހާހިސާބަށް ދިޔައީ ކިހިނެއް ތޯ، މިއީ އުފެދޭ ސުވާލެކެވެ.
ލާޒިމު މަރުގެ ހުކުމް އުވާލުމާމެދު މެލޭޝިއާ ސަރުކާރުން ސީރިއަސް ރޫހެއްގައި ވިސްނަން ފެށީ 2012 ވަނަ އަހަރުގެ ތެރޭގައި ކަމަށް ޑރ. ވާން ޖުނައިދީ ވިދާޅުވިއެވެ.
އެއަށްފަހު 2017 ވަނަ އަހަރު، މެލޭޝިއާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ޑްރަގް ޓްރެފިކް ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުގައި އޮތް، ލާޒިމު މަރުގެ ހުކުމް އުވާލުމަށް، މެލޭޝިއާގެ، ނުރައްކާތެރި ޑްރަގާބެހޭ ގާނޫނަށް، 39 ބީ (2އޭ)ގެ ނަމުގައި ބާބެއް އިތުރު ކޮށްފައެވެ. އަދި ރަސްމީކޮށް އެކަން ތަންފީޒުކުރަން ފެށީ 2018 ވަނަ އަހަރު ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
2018 ވަނަ އަހަރު މެލޭޝިއާގައި ކުރިއަށް ގެންދިޔަ 14 ވަނަ އާންމު އިންތިޚާބަށް ކެމްޕޭންކުރުމުގެ ތެރޭގައި ޕަކަތާން ހަރަޕަންއިން ވަނީ، ދަންޖައްސައިގެން ލާޒިމުގެ ހުކުމް ތަންފީޒުކުރުމާގުޅޭ ހުރިހާ ގާނޫނަކަށް ނިމުން ގެންނާނެކަމަށް ވައުދުވެފައެވެ. ޕަކަތާން ހަރަޕާންގެ ވެރިކަމުގައި، އޭރުގެ ލޯ މިނިސްޓަރު އަލްމަރުހޫމް ލިއުޔ ވޫއީ ކިއޯންގް ވަނީ، އިތުރަށް ހުރި ފުރުސަތުތައް ބަލަމުންދާ ކަމަށްވެސް ވިދާޅުވެފައެވެ.
އެގޮތުން މަރުގެ ހުކުމް މުޅިން އުވާލުމާއި، ހަމައެކަނި ޑްރަގްގެ މައްސަލަތަކުގައި މަރުގެ ހުކުމް އުވާލުން، ނުވަތަ ގާޒީންނަށް އިތުރު ފުރުސަތުތައް ފަހިކުރުންފަދަ ކަންކަން، އެކަމުގެ ތެރޭގައި ހިމެނޭކަމަށް މައުލޫމާތުލިބެއެވެ.
މެލޭޝިއާގެ ވެރިކަމުގެ މައިދާނުން ބާރު ގެއްލުނު ޕަކަތާން ހަރަޕާންއިން ވަނީ، މަރުގެ ހުކުމް ތަންފީރު ކުރުން މަޑުޖައްސާލުމަށް މޮރޮޓޯރިއަމް އިއުލާން ކޮށްފައެވެ. އެކަން އަދިވެސް އޮތީ އެގޮތަށެވެ.
ބަރިސާން ނެޝިނަލްގެ ބޮޑުވަޒީރު އިސްމާއީލް ސަބްރީ ޔައުގޫބުގެ ސަރުކާރުން، ލާޒިމު މަރުގެ ހުކުމް އުވާލަން ނިންމައި، އެކަން އިއުލާން ކުރީއެވެ.
މެލޭޝިއާ ބާ ކައުންސިލްގެ ގާނޫނީ ކޮމިޓީގެ ކޯ-ޗެއާ އެންޑްރޫ ކޫ ވިދާޅުވީ، ސަރުކާރުން ކުރި އެ އިއުލާނަކީ، މަރުގެ ހުކުމް އެއްކިބާވުމަށް ބައިނަލްއަގުވާމީ ފެންވަރުގެ ރޫހާ އެއްހަމައެއްގައި މެލޭޝިއާ ފައިހަމަކުރިކަން ދައްކައިދޭ ކަމެއް ކަމަށެވެ. މަރުގެ ހުކުމް ތަންފީޒުކުރުން މަޑުޖައްސާލުމަށް ގޮވާލައި، އދ.ގެ ގަރާރާ އެއްކޮޅަށް، 2019 އަދި 2021 ވަނަ އަހަރުވެސް މެލޭޝިއާއިން ވޯޓު ދީފައިވާކަމަށް ކޫ ވިދާޅުވިއެވެ. މެލެޝިއާއިން ދަނީ އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ 2022-2024 ވަނަ އަހަރުގެ ދައުރުގެ މެންބަރުކަމަށް ވާދަކުރަމުންކަންވެސް ފާހަގަކުރަންޖެހެއެވެ.
ޑރ. ވާން ޖުނައިދީ ފާހަގަކުރެއްވިގޮތުގައި، ޑިސެމްބަރު 31 2020ގެ ނިޔަލަށް 144 ގައުމަކުން ވަނީ މަރުގެ ހުކުމް އުވާލާފައެވެ. 55 ގައުމަކުން އެ ހުކުމް ދަމަހައްޓައެވެ. މެލޭޝިއާ އޮތީ، ނިސްބަތުން މަދު ގައުމުގެ ތެރޭގައި ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެކަން ބަދަލުކުރުމަށް މެލޭޝިއާ ސަރުކާރުން ކުރިއަށްދިޔައީކަމަށާއި، އެއީ ޕްރޮފެޝަނަލް، އަދި އެކަމުގައި އިންސާނިއްޔަތުކަން އެކުލެވޭ ކަމެއްގެ ގޮތުގައިވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އެހެންވިއްޔާގައި މެލޭޝިއާގައި ދެން މަރުގެ ހުކުމެއް ނޯންނާނެ ހެއްޔެވެ؟ މިއީވެސް ކުރަން މުހިންމު ސުވާލެކެވެ. މެލޭޝިއާގެ ބޮޑުވަޒީރު ވަނީ، އެ ގައުމުގައި އަދިވެސް މަރުގެ ހުކުމް އޮންނާނެ ކަމަށާއި، ބަދަލު އައީ، ބައެއް ކަހަލަ ކުށްތަކަށް މަރުގެ ހުކުމް އިއްވުމުގައި ގާޒީންއަށް އިތުރު އިޚުތިޔާރުތަކެއް ދޭގޮތަށްކަމަށެވެ. ކޮންމެ މީހަކަށްވެސް 2 ވަނަ ފުރުސަތެއް ދިނުމަކީ މެލޭޝިއާގެ ފިކުރުކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. ނަމަވެސް ކުށްކުރި މީހަކީ، ޑްރަގް ޓްރެފިކް ކުރުމުގައި ހައްދުފަހަނައަޅައި ގޮސް، އޭނާގެ އަމަލުތަކުގެ ސަބަބުން އެތައް ސަތޭކަ ބައެއްގެ ފުރާނަ ގެއްލި ދާ މީހެއްކަމުގައި ވަނީނަމަ، އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވައި، ދަންޖައްސައި މަރާލަން އޭނާ ފޮނުވޭނެކަމަށް ބޮޑުވަޒީރު އިސްމާއީލް ސަބްރީ ވަނީ ވިދާޅުވެފައެވެ.
ކުށްކުރި މީހަކީ 2 ވަނަ ފުރުސަތެއް ހައްގު މީހެއްކަމަށް ގާޒީންނަށް ފެނިވަޑައިގެންފި ހިނދެއްގައި، ތައުޒީރުކޮށް، ޖަލަށްލުން ފަދަ އަދަބުތައް ދެވިދާނެކަމަށް ކޫ ވަނީ ވިދާޅުވެފައެވެ.
މެލޭޝިއާގައި ލާޒިމު މަރުގެ ހުކުމް އިއްވުމާއި ތަންފީޒުކުރުމަށް ގެނައި ބަދަލަށް އަމަލީ ސިފަ އަންނަނީ ގާނޫނު ބަދަލުކުރާ ހިސާބުންނެވެ. އެކަން ވާން އަންނަނީ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއާއި މަތިގޭގެވެސް ތާއީދާއެކުގައެވެ. ޑިސެމްބަރު މަސް އަންނައިރު، އެކަމަށް ބޭނުންވާ ލިޔެކިއުންތައް ތައްޔާރުކޮށް ނިންމުމަށް ބަންޑާރަ ނައިބުގެ އޮފީސް އޮތީ ތައްޔާރަށްކަމަށް މައުލޫމާތުލިބެއެވެ. އަދި ލާޒިމު މަރުގެ ހުކުމް ރަސްމީ ސިފައެއްގައި އުވާލުން ތަންފީޒުކުރެވޭނީ އަންނަ ޖެނުއަރީ މަހު ކަމަށް އުއްމީދުކުރެވޭ ކަމަށްވެސް ޑރ. ވާން ޖުނައިދީ ވަނީ ވިދާޅުވެފައެވެ.
މެލޭޝިއާގައި އާންމުންގެ ފިކުރު ހުރިގޮތަށް ބަލާއިރު، އާންމުންގެ ގިނަ ބަޔަކު ބޭނުން ވަނީ މަރުގެ ހުކުމައިގެން ކުރިއަށް ދިއުމަށެވެ. އެހެންކަމުން ގާނޫނު ހަދާ މަޖިލީހުގައި މާ ބޮޑު ތާއީދެއް މިކަމަށް ލިބޭނެކަމަށް ލަފާ ނުކުރެވޭކަމަށް ކޫވެސް ވަނީ ފާހަގަކުރައްވާފައެވެ. އިސްލާމީ ޝަރީއަތުގައިވެސް މަރުގެ ހުކުމް ލާޒިމު ހާލަތްތަކެއް ހުރެއެވެ.
މެލޭޝިއާގެ އަދުގެ ހާލަތަށް ބަލާއިރު، ހުކުމް އިއްވައި، ތަންފީޒު ކުރަން ޖެހިފައިވާ 1342 މީހުން އެބަތިއްބެވެ. ވަކި އެއްޗެއް އަންގަންދެން އެމީހުންގެ މައްޗަށް ހުކުމް ތަންފީޒު ނުކޮށް މަޑުޖައްސާލާނެކަމަށް ޑރ. ވާން ޖުނައިދީ ވިދާޅުވިއެވެ. އަދި އެމީހުންގެ މައްޗަށް އިއްވާފައިވާ ހުކުމްތައް މުރާޖައާކުރުމަށް، މެލޭޝިއާ ސަރުކާރުން ޓްރައިބިއުނަލެއް ގާއިމުކުރާނެކަމަށްވެސް މެލޭޝިއާގެ ލޯ މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.