ކ. މާލެ
|
17 ޖޫން 2022 | ހުކުރު 21:57
ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ
ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ
ގޫގުލް
ލަންކާ ފުޑް ކްރައިސިސް
ރައްޔިތުން ބަނޑަށް ޖެހުނަކަ ނުދޭނަން: ބޮޑުވަޒީރު
ލަންކާއަށް ދިމާވެފައިވާ ކާނާގެ ތަދުމަޑުކަމުގެ އަސަރު 4 އާ 5 މިލިއަނާ ދެމެދުގެ މީހުންނަށް ކުރާނެ
ކާނާގެ ތަދުމަޑުކަން ކުޑަކުރަން ކުރެވޭނެ ކަންކަން ބެލުމަށް ވަނީ އަންގާފައި
ޒަމާނީ ދަނޑުވެރިކަމަކާ ދިމާލަށް ދާންޖެހޭކަން ބޮޑުވަޒީރު ފާހަގަކުރެއްވި

ލަންކާގެ ރައްޔިތުން ބަނޑަށް ޖެހުނަކަ ނުދެއްވާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ހެނދުނު ބޮޑުވަޒީރުގެ އޮފީހުގައި ކުރިއަށްދިޔަ ފުޑް ސެކިއުރިޓީ ކޮމިޓީގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ ލަންކާއަށް މިހާރު ކުރިމަތިވެފައިވާ ކާނާގެ ތަދުމަޑުކަމުގެ އަސަރު 4 މިލިއަނާއި 5 މިލިއަނާ ދެމެދުގެ މީހުންނަށް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

މިކަން ކޮންޓްރޯލްކުރަން މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރަނިލް ވިދާޅުވެފައިވާއިރު، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ވަކި ޚާއްސަ ސަމާލުކަމެއް ދިނުމަށް އެމަނިކުފާނު ވަނީ އިދާރާތަކަށް އިރުޝާދުދެއްވާފައެވެ. އަދި ބޮޑުވަޒީރު ވަނީ މީގެ ސީރިއަސްކަން ކުޑަކުރުމަށް ކުރެވެންހުރި ކަންކަން ބެއްލެވުމަށް އެ ކޮމިޓީގައި އެންމެ އިސްކޮށް ހުންނަވާ ނަމާލް ލަންސައަށް އިރުޝާދުދެއްވާފައެވެ. އަދި މިކަމުގެ ޕްލޭނެއް ދެ ހަފްތާ ތެރޭގައި ތައްޔާރުކުރުމަށް އަންގަވާފައިވެއެވެ.

ލަންކާ ސަރުކާރުން ވަނީ ކުޑަކުދިން ބަލަހައްޓާ ތަންނަތަނާއި، ނަރސިން ހޯމްސްގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ ތަންތަނަށް ކާނާ ފޯރުކޮށްދީ، ކާނާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޚާއްސަ މަސައްކަތްތަކެއް ފަށާފައެވެ.

މީގެ އިތުރުން ބޮޑުވަޒީރު ވަނީ ޒަމާނީ ދަނޑުވެރިކަމަކާ ދިމާލަށް ދިއުމަށް ކައިރި އަދި ދުރު މުސްތަގުބަލެއްގެ ޕްލޭނެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް