ކ. މާލެ
|
15 ޖޫން 2022 | ބުދަ 07:20
ރާއްޖެއަށް އައި ފަތުރުވެރިންތަކެއް އެއަރޕޯޓުގައި
ރާއްޖެއަށް އައި ފަތުރުވެރިންތަކެއް އެއަރޕޯޓުގައި
ސަން އޮންލައިން
ފީޗަރ ރިޕޯޓް
ފަތުރުވެރިކަން ރިކަވާ ކުރަނީ އެންމެ މުހިންމު މާކެޓާއި ނުލައި!
މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ އިންޑިއާއިން

ދުނިޔޭގައި ކޮވިޑުގެ ބަލިމަޑުކަން ފެތުރުމުގެ ކުރިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އެންމެ ބޮޑު އަދަދެއް ހިއްސާ ކުރަމުން އައީ ޗައިނާއިންނެވެ. އެއިރު އެ ޤައުމު ވެފައި އޮތީ ރާއްޖެއަށް އެންމެ މުހިންމު މާކެޓަށެވެ. ރާއްޖެއަށް އަންނަ ޖުމްލަ ފަތުރުވެރިންގެ 15 އިންސައްތައަށްވުރެ ބޮޑު އަދަދެއް އެ މާކެޓުން ހިއްސާ ކުރިއެވެ. ނަމަވެސް މިއަދު އެ ޤައުމުގެ އެންމެ ފަތުރުވެރިއަކުވެސް ރާއްޖެއަށް ނާދެއެވެ.

ކޮވިޑާ ގުޅިގެން ޗައިނާގެ ދަތުރުފަތުރުތައް ހުއްޓި އެ ޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު އަސަރެއް ކުރިއެވެ. އެއީ އެއިރު ޗައިނާގެ މާކެޓަށް މާބޮޑަށް ބަރޯސާ ކުރެވި އެހެން މާކެޓްތަކާ އަޅާބަލާއިރު އެ މާކެޓުގައި ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް މާ ބޮޑު އިސްކަމެއް ދެވިފައިވާތީއެވެ. މިކަން ވެސް ބަދަލުވީ ކޮވިޑާ ގުޅިގެންނެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވުމާއެކު ދުނިޔޭގެ ހުރިހާ ޤައުމެއްގައި ރާއްޖެ ޕްރޮމޯޓް ކުރަން މަޖުބޫރުވިއެވެ. މީގެ ސަބަބުން ރާއްޖެއާ ގުޅޭ މައުލޫމާތު ފެތުރި، ރައްކާތެރި މަންޒިލެއްގެ ގޮތުގައި އެހެން ޤައުމުތަކުގައި ރާއްޖެ މަގުބޫލުވާން ފެށިއެވެ. ކޮވިޑާ ގުޅިގެން ސަރުކާރުން ރާއްޖެ އިޝްތިހާރު ކުރުމުގައި ވެސް އިސްކަމެއް ދިނީ ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި ޤައުމެއްގެ ގޮތުގައި ދެއްކުމަށެވެ.

ސަރުކާރާއި ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ އެންމެން ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ މިއަދު މިއޮތީ ވަރަށް ސާފުކޮށް ފެންނާށެވެ. ރާއްޖެއަށް އެންމެ މުހިންމު ކަމަށް ދެކެވުނު ޤައުމު ބަންދުކޮށްފައި އޮތް އިރުވެސް ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ ރިކަވާ ކުރެވެމުންނެވެ. ކުރިން ޗައިނާގެ 15 އިންސައްތަ ހިމަނައިގެން އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން އަހަރަކު އައިއިރު މިއަދު އެ މާކެޓާ ނުލައި ވެސް އެ އަދަދަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ އިންޑިއާއިންނެވެ. އެ ޤައުމުން ރާއްޖެއަށް އަންނަ ޖުމްލަ ފަތުރުވެރިންގެ 14.3 އިންސައްތަ ހިއްސާ ކުރާއިރު އިނގިރޭސިވިލާތުން 12.3 އިންސައްތަ އަދި ރަޝިއާއިން 9.6 އިންސައްތަ ހިއްސާ ކުރެެއެވެ. މިއަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންނާއި ދާދި އެއްވަރަކަށް މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.

މިވަގުތު ޗައިނާ މާކެޓާ ނުލައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދިޔަ ނަމަވެސް އެ ޤައުމުގެ ފަތުރުވެރިންނަކީ އަދިވެސް ރާއްޖެއަށް މުހިންމު ބައެކެވެ. ރާއްޖެ އަދިވެސް އޮތީ ޗައިނާގެ ބޯޑަރު ހުޅުވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އެއީ އެ ޤައުމުން އަންނަ ފަތުރުވެރިންނާއެކު މިހާރަށް ވުރެ ހަލުވި ކަމާއެކު ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައިގެންދާނެތީއެވެ.

ކޮވިޑުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އައި ހީނަރުކަމުން އަރައިގަތުމަށް ސަރުކާރާއި ދާއިރާގެ ފަރާތްތަކުން ކުރި މަސައްކަތަކީ މިއަދު މުޅި ދުނިޔެއަށް ވެސް ނަމޫނާއެކެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ "ސަކްސެސް ސްޓޯރީ" އެއްގެ ގޮތުގައި ރާއްޖެ ސިފަކޮށްފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިމަގު އޮތީ ވަރަށް އުޖާލާކޮށް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

- ކޮމެންޓް