ކ. މާލެ
|
12 ޖޫން 2022 | އާދީއްތަ 13:40
ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ޑިފެންސް މިނިސްޓަރު، ޖެނެރަލް ވެއި ފެންގްހެއި
ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ޑިފެންސް މިނިސްޓަރު، ޖެނެރަލް ވެއި ފެންގްހެއި
ރޮއިޓާސް
ޗައިނާ-އެމެރިކާ ގުޅުން
ބައިލެޓެރަލް ގުޅުން ރަނގަޅުކުރަން މަސައްކަތްކުރަން ޖެހެނީ އެމެރިކާއިން: ޗައިނާ
ޗައިނާގެ އެތެރޭގެ ކަންކަމަށް އެމެރިކާއިން ނުފޫޒު ނުފޯރުވުމަށް ވެއި ގޮވާލި
ޗައިނާގެ ނަން ހުތުރު ކުރުމަށް އެފަދަ ދޮގު ތުހުމަތުތައް އެގައުމުގެ ބޮލުގައި ނޭޅުވުމަށް ވެއި ވަނީ އެމެރިކާއަށް ގޮވާލައްވާފައި
އެމެރިކާއިން ޗައިނާގެ ބޮލުގައި އަޅުވަމުންދާ ދޮގު ތުހުމަތުތައް ޗައިނާއިން އެއްގޮތަކަށްވެސް ބަލައި ނުގަންނަކަމަށް ވެއި ވިދާޅުވި

ދެ ގައުމުގެ ދެމެދު އޮތް ބައިލެޓެރަލް ގުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރަން ޖެހެނީ އެމެރިކާއިން ކަމަށް ޗައިނާގެ ޑިފެންސް މިނިސްޓަރު ވެއި ފެންގްހެއި ވިދާޅުވެއްޖެއެވެ.

ދެގައުމުގެ ދެމެދު ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ މިދަނޑިވަޅުގައި ގުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރުން އޮތީ އެމެރިކާގެ އަތްމަތީގައި ކަމަށް ޗައިނާގެ ޑިފެންސް މިނިސްޓަރު ވިދާޅުވެފައި ވަނީ އާދިއްތަ ދުވަހުއެވެ.

ޗައިނާއިން އިސްކުރަކަނީ ސުލްހަޔާ ހަމަޖެހުން ކަމަށް ތަކުރާރުކުރައްވަމުން ވެއި ވަނީ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް ހީނަރު ނުކޮށް ގުޅުންތައް ވަރުގަދަކުރުމަށް އެމެރިކާއަށް ގޮވާލާފައެވެ.

އެމެރިކާއިން ޗައިނާގެ ބޮލުގައި އަޅުވަމުންދާ ދޮގު ތުހުމަތުތައް ޗައިނާއިން އެއްގޮތަކަށްވެސް ބަލައި ނުގަންނަކަމަށް ވެއި ވަނީ ވިދާޅުވެފައެވެ. އަދި ޗައިނާގެ ނަން ހުތުރު ކުރުމަށް އެފަދަ ދޮގު ތުހުމަތުތައް އެގައުމުގެ ބޮލުގައި ނޭޅުވުމަށްވެސް ވެއި ވަނީ އެމެރިކާއަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން ޗައިނާގެ އެތެރޭގެ ކަންކަމަށް އެމެރިކާއިން ނުފޫޒު ނުފޯރުވުމަށްވެސް ވެއި ގޮވާލެއްވިއެވެ.

ވެއި ވަނީ އެމެރިކާއިން މިކަންކަންކަން ހައްލު ނުކޮށް ދެގައުމުގެ ގުޅުން ރަނގަޅު ނުކުރެވޭނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ދެގައުމުގެ ދެމެދު އޮތް ބައިލެޓެރަލް ގުޅުން ރަނގަޅުކުރުމަށް ހަމައެކަނި ޗައިނާއިން މަސައްކަތްކޮށްގެން އެކަން ނުވާނެ ކަމަށާއި، ގުޅުން ރަނގަޅުކުރުމަށް އެމެރިކާއިންވެސް މަސައްކަތްކުރަން ޖެހޭ ކަަމަށް ވެއި ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު، އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮއިސްޓިން ވަނީ ޗައިނާއިން ދަނީ މިފަހަކަށް އައިސް އެގައުމުގެ އިސްކަރީ އުޅަނދުތަކުގެ ހަރަކާތްތައް ކަންބޮޑުވާ މިންވަރަށް އިތުރުކުރަމުން ކަމަށް ވިދާޅުވެފައެވެ. ޗައިނާގެ އަސްކަރިއްޔާގެ ވައިގެ އުޅަނދުތަކާއި ބޯޓުފަހަރުތަކާއި އެހެން ގައުމުތަކާ ދެމެދު މިހާރު ކަންބޮޑުވާން މިންވަރަށް ކުރިމަތިލުންތައް ހިނގަމުންދާ މަންޒަރު ފެންނަކަމަށް އޮއިސްޓިން ވިދާޅުވިއެވެ.

އޮއިސްޓިން ވަނީ އެމެރިކާއިން އެގައުމުގެ އެކުވެރި ގައުމުތަކާއެކު ހުންނާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި ޓައިވާންވެސް ހިމެނޭ ކަމަށް ފާހަގަކުރެއްވިއެވެ.

މި ދެބޭފުޅުންވެސް މިވާހަކަތައް ދައްކަވާފައި ވަނީ ސިންގަޕޫރުގައި ކުރިއަށްދިޔަ ޝަންގްރިއްލާ ޑަޔަލޮގްގެ ތެރެއިންނެވެ. މި ޑަޔަލޮގްގެ ބޮޑު ސަމާލުކަމެއް ރަޝިއާ ޔޫކްރެއިން ހަނގުރާމަށް ހުއްޓިފައިވާއިރު، ވެއި ވަނީ ޗައިނާއިން ސުލްހައިގެ މަޝްވަރާތަކަށް ތާއިދުކުރާކަން ފާހަގަކުރައްވާފައެވެ. އަދި ހަނގުރާމަ އިތުރަށް ވަރުގަދަކޮށް ޕްރެޝަރު ކުރުމަށް ހަތިޔާރު ފޯރުކޮށްދިނުމަކީ ޗައިނާއިން ގަބޫލުކުރާ ކަމެއް ނޫން ކަމަށް ފާހަގަކޮށް، ޗައިނާއިން ރަޝިއާއަށް އެއްވެސް ކަހަލަ ހަތިޔާރެއް އެހީގެ ގޮތުގައި ފޯރުކޮށްދީފައި ނުވާނެ ކަމަށް ވެއި ވިދާޅުވިއެވެ.

ވެއި ވަނީ މި ހަނގުރާމަ ފަށަން ޖެހުނު ހަގީގީ ސަބަބަކީ ކޮބައިތޯ އާއި މިކަމުގެ އަޑީގައި ވަނީ ކާކުތޯ އަދި މިކަމުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ކޮންބަޔަކަށްތޯ އާއި އެންމެ ބޮޑު ފައިދާއެއް ލިބޭނީ ކޮންބަޔަކަށްތޯ އާއި ސުލްހައިގެ މަޝްވަރާތަކަށް ބާރު އަޅާ މީހުންނާ ހަނގުރާމަ އިތުރަށް ހޫނުކުރުމަށް މަސައްކަތްކުރާ މީހުން ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށްވެސް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް