ބަލާލުމަށް ކުޑަ ރަށެކެވެ. 5 ވަރަކަށް މިނެޓް ތެރޭ މުޅި ރަށް ބަލައިލެވޭނެއެވެ. މިއީ މާލެ އަތޮޅުގައި އޮންނަ ކ. މަނިޔަފުއްޓެވެ. ރަށް ކުޑަ ނަމަވެސް މި ރަށުގައި ކުރިއަށްދާ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެކެވެ. ރަށަށް ބަނދަރު ކުރާއިރު ރަށުގެ ފަޅުތެރޭގައި އަޅާފައި ހުންނަ ކަނދުފަތިތަކުންވެސް މިކަން ހާމަކޮށްދެއެވެ. އެއީ ރާއްޖޭގައި މެރިކަލްޗަރ ސިނާއަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ރަށެކެވެ. އެ ސިނާއަތް ކުރިއަރުވަން ބޭނުންވާ ތަމްރީނާއި ތަހުލީލުތައް މި ރަށުގައި ކުރިއަށްދެއެވެ.
މެރިކަލްޗަރަކީ ތަފާތު ބޭނުންތަކަށް ކަނޑުގެ ދިރުންތައް ދިރުވައި އާލާ ކުރުމެވެ. ކެއުމަށާއި ބޭސްވެރިކަމާއި ގަހަނާ ފަދަ ތަކެތި އުފެއްދުމަށް ވެސް ކަނޑުގެ ދިރުންތައް އާލާ ކުރެއެވެ. މެރިކަލްޗަރ ކުރުމުގައި ތަފާތު އެކި ބޭނުންތައް ހުންނައިރު މީގެ ތެރޭގައި ނެތިދާނެ ކަމުގެ ބިރު އޮންނަ މަސްމަހާމެހި އާލާ ކުރުމާއި މަސް ބޭނުން މަދު ކުރުމާއި ވިޔަފާރީގެ ބޭނުންވެސް ހިމެނެއެވެ.
ރާއްޖެއަކީ ކަނޑުގެ ރޯއްޖަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު ޒަމާނުއްސުރެ އާމްދަނީ ހޯދަމުން އައީ ކަނޑުންނެވެ. ވިޔަފާރި ކުރުމަށް ދޮށީގެ މަސްވެރިކަމާއި ހުއިފިލަނޑާ އަދި ބޯވަ ނެގުން ފަދަ ކަންކަން ކުރަމުންއަންނައިރު މިހާރު ބައެއް ބާވަތްތައް މިވަނީ ވިޔަފާރި ކުރަން ނެގޭ ވަރަށްވުރެ މަދުވެފައެވެ. އެކަން މަސްވެރިކަން ކުރާ ފަރާތްތަކާއި އެ ދާއިރާއާ ގުޅުންހުރި އިދާރާތަކުންނާއި ދިރާސާ ކުރާ ފަރާތްތަކުން ވެސް ފާހަގަކުރެއެވެ. އަދި އެކަށީގެންވާ ފިޔަވަޅުތައް ނާޅާނަމަ އެ ދިރުންތައް އެއްކޮށް ނެތިގެން ދިިއުމުގެ ބިރު އޮތް ކަމަށް ވެސް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
ރާއްޖޭގައި މެރިކަލްޗަރ މަސައްކަތް ފެށުމަށް އެންމެ ފުރަތަމަ ނިންމީ 1990 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އެއީ މަސްވެރިކަން ދަށްވެ މަހުގެ އަގު އުފުލުމުގެ ސަބަބުން އިގްތިސާދަށް ކުރި ނޭދެވޭ އަސަރުން އަރައިގަތުމަށް ނިންމި ނިންމުމެކެވެ. އެގޮތުން މެރިކަލްޗަރގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ ވ. ބޮޑުމޮހޮރާގައެވެ. ނަމަވެސް އެ ރަށް ސަރުކާރުގެ އެހެން ބޭނުމަކަށް ނެގުމުން އެ މަސައްކަތް ކ. މަނިޔަފުއްޓަށް ބަދަލު ކުރަން ޖެހުނީއެވެ.
ރާއްޖޭގައި ވިޔަފާރި ކުރުމުގެ ބޭނުމުގައި ނަގާ ދެ ބާވަތެއް ކަމަށްވާ ހުއިފިލަނޑާ އާއި ފާނަ މިވަނީ އެކި ސަރަހައްދުތަކުގައި ވަރަށް ބޮޑަށް މަދުވެފައެވެ. އެހެންވެ މަނިޔަފުށީގައި އެންމެ އިސްކަމެއް ދެނީ މި ދެ ބާވަތް އާލާ ކުރުމަށެވެ.
މަނިޔަފުށީގައި ފާނަ އާލާ ކުރާއިރު އެންމެ ފުރަތަމަ ފާނަތައް މޫދުކޮށްޓަށް ލުމަށްފަހު އެ ތަކެތި ލައްވައި ބިސްއަޅުވައެވެ. އެ ބިސްތައް ރައްކާތެރިކަމާއެކު ނަގައިގެން ހެޗަރީއާއަށް ގެންގޮސް ބިސް ފީކުރުމަށްފަހު ޓޭންކުތަކެއްގައި އެ ބޮޑު ކުރެއެވެ. އެއްގަމު ޓޭންކުތަކުގައި ވަކި ވަރަކަށް ފާނަތައް ބޮޑުވުމުން އަނބުރާ މޫދު ކޮށްޓަށް ގެންދިއުމަށްފަހު 8 މަސް ތެރޭ އެތަކެތި މާކެޓަށް ނެރެވޭނެއެވެ.
މަސް އާލާ ކުރުމުގެ އިތުރުން އެއަށް ބޭނުންވާ ކާނާ ވެސް މަނިޔަފުށީގައި މަސައްކަތް ކުރާ މުވައްޒަފުން ތައްޔާރުކުރެއެވެ. މި މަސްތަކަށް ކާން ދެނީ ދިރޭ ކާނާއެވެ. އެގޮތުން ފުރަތަމަ ތިން މަސް ދުވަހު ފާނަތަކަށް "ޒޫޕްލާންޓަން" ކާން ދޭން ޖެހޭއިރު އެއަށްފަހު ފެކްޓްރީގައި ތައްޔާރުކުރާ އާޓިފިޝަލް ކާނާ ދެއެވެ.
މަނިޔަފުށީގައި މެރިކަލްޗަރގެ މަސައްކަތް އެންމެ ފުރަތަމަ ފެށިއިރު 9 މުވައްޒަފުން ތިބި ނަމަވެސް މިހާރު މިއަދަދު ވަނީ 20 އަށް އިތުރުވެފައެވެ. މި މުވައްޒަފުންނަކީ ދާއިރާއިން ތައުލީމާއި ތަމްރީން ލިބިފައިވާ މުވައްޒަފުންނަށްވާއިރު މީގެ ތެރޭގައި އިސްކޮށް މަސައްކަތް ކުރަނީ 1990ގެ ކުރީ ކޮޅު ބޭރު ޤައުމުތަކުން ތަމްރީން ހޯދާފައިވާ ފިޝަރީޒް މިނިސްޓްރީގެ މުވައްޒަފުންނެވެ.
މަނިޔަފުށި ޓްރެއިނިން އެންޑް ރިސަރޗް ސެންޓަރުގައި ކުރިއަށްގެންދާ މި މަސައްކަތުގެ މުހިންމުކަމުގެ ސަބަބުން މިއަދު އެތަނަށް ބޭރުގެ އެހީވެސް ދަނީ ލިބެމުންނެވެ. އެގޮތުން، އިންފްރާސްޓްރަކްޗަރ ޤާއިމްކުރުމަށާއި ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނާއި އާލާ ކުރަން ބޭނުންވާ ސާމާނު ހޯދުމުގައި ވެސް އެކި އިންސްޓިޓިއުޓްތަކުން ދަނީ އެހީވަމުންނެވެ. އެ ސެންޓަރަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ތެރޭގައި ކުވައިތު ފަންޑާއި އިފާޑް ޕްރޮޖެކްޓާއި ވޯލްޑް ބޭންކާއި ޔުނެސްކޯ އަދި ޔޫއެންޑީޕީ ފަދަ ފަރާތްތައް ހިމެނެއެވެ.
މެރިކަލްޗަރ ދާއިރާ ކުރިއަރުވަން މަނިޔަފުށީގައި ކުރާ މަސައްކަތްތަކުގެ ތެރެއިން މިހާރު އެ ދާއިރާއަށް ގިނަ އަދަދެއްގެ މީހުން ތަމްރީން ކުރަމުންދާއިރު މުސްތަގުބަލުގައި ރާއްޖޭގެ އެކި ރަށްރަށުގައި އެމަސައްކަތް ކުރިއަށްދާނެ ކަމަށް ލަފާ ކުރެވެއެވެ. މީގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ދިރުންތައް މަދުނުވެ ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދެވޭނެއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ކުރިއަރުވައި އިގްތިސާދަށް ވެސް އޭގެ ރަނގަޅު އަސަރު ކުރާނެއެވެ.