އެމެރިކާއިން ފެންނަމުންދާ މަންކީޕޮކްސްގެ ކޭސްތައް އިތުރުވެދާނެކަމަށް ވަނީ ބެލެވިފައެވެ. އެހެންނަމަވެސް ކޮވިޑް-19އެކޭ އެއްގޮތަށް ޕެންޑަމިކް ނުވަތަ އާލަމީ ވަބާއެއްގެ ގޮތުގައި ފެތުރިގެން ހިނގައިދާނެކަމުގެ އެއްވެސް ނިޝާނެއް އަދި ފެންނަން ނެތްކަމަށް ކަމާބެހޭ މާހިރުން ވަނީ ރޮއިޓަރސްއަށް މައުލޫމާތު ދީފައެވެ.
މިއަހަރު އެމެރިކާއިން ފެނުނު ފުރަތަމަ ކޭސް ފެނިފައިވަނީ ބުދަ ދުވަހުއެވެ. އެއީ މެސަޗޫސެޓްސްގެ ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތަށެވެ. ބަލި ޖެހުނު މީހާ ދާދީ ފަހުން ދަތުރުކޮށްފައިވަނީ ކެނެޑާއަށެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ނަޒަރަކުން، އެހެން ހުރިހާ ބަލިތައް ފެތުރޭނެކަމަށް ދުށުމަކީ ނުރައްކާތެރިކަމެއް ކަމަށް ޖޯންސް ހޮޕްކިންސް ސެންޓަރ ފޮރ ހެލްތު ސެކިއުރިޓީގައި މަސައްކަތް ކުރައްވާ ސީނިއަރ ސްކޯލަރ އަދި އިންފެކްޝަސް ޑިސީސް އެންޑް އެމަރޖެންސީ މެޑިސިންގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. އަމޭޝް އަޑަލްޖާ ވަނީ ވިދާޅުވެފައެވެ.
ސާސްކޮވް-2އާ އެހެނިހެން ވައިރަސްތައް، މިސާލަކަށް މަންކީޕޮކްސް ފެތުރޭ ގޮތް ތަފާތު ނަޒަރިއްޔާއަކުން ކުރަންޖެހޭނީ. މި ދެ ވައިރަސް ވެސް ފެތުރެމުންދަނީ ތަފާތު ގޮތަކަށް. އަދި މިއީ ތަފާތު ދެ އާއިލާއެއްގެ އެއްޗެއް.ޑރ. އަމޭޝް އަޑަލްޖާ
މަންކީޕޮކްސް ވައިރަސް ގިނައިން ފެނިފައިވަނީ ދެކުނު އަދި އެފްރިކާގެ މެދުތެރޭގައެވެ. މަންކީޕޮކްސްއަކީ ވަރަށް މަދުން ފެންނަ، ސްމޯލް ޕޮކްސްއާ ދާދި އެއްގޮތް އެއްޗެއް ނަމަވެސް މަންކީޕޮކްސްގެ އަސަރު ކުޑަކަމަށް ޑރ. އަމޭޝް ވަނީ ވިދާޅުވެފައެވެ. އެންމެ ފުރަތަމަ މަންކީޕޮކްސް ވައިރަސް ރެކޯޑް ކޮށްފައިވަނީ ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޯންގޯއިންނެވެ. އެއީ 1970ގެ އަހަރުތަކުގައެވެ. ނަމަވެސް ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި މި ވައިރަސް ފެތުރޭ މިންވަރު ވަނީ އިތުރުވެގެން ގޮސްފައެވެ.
މަންކީޕޮކްސް ވައިރަހުގެ އަލާމާތްތަކުގެ ތެރޭގައި; ހުން އައުން، ބޮލުގައި ރިއްސުން، ހަންގަޑުގައި ފިތް ނެގުން ހިމެނެއެވެ. މަންކީޕޮކްސްގައި ހަށިގަނޑުން ބިހިތަކެއް ނަގާއިރު، އެންމެ ފުރަތަމަ ނަގާނީ މޫނުގައެވެ. އަދި ހަށިގަނޑުގެ އެހެން ހިސާބުތަކަށް ފެތުރެއެވެ.
ޑރ. އަމޭޝް ވިދާޅުވީ މަންކީޕޮކްސް މިހާރު ފެތުރެމުންދަނީ އެކަކު އަނެކަކާ ބައްދަލުވެގެންކަމަށް ބުނުން ދަތިކަމަށެވެ. ނަމަވެސް ޖިންސީ ގުޅުމުގެ ސަބަބުން ބަލި ފެތުރިދާނެކަމަށާއި، ޖަނަވާރުންގެ ގައިން މި ބަލި އިންސާނުންނަށް ފެތުރެމުން ދާކަމަށް ނުބެލެވޭ ކަމަށެވެ. އޭނާ ވިދާޅުވި ކޮވިޑް-19އާ ޚިލާފަށް މަންކީޕޮކްސް ފެތުރޭ ގޮތް ތަފާތުވެފައި، އެކަކުގައިން އަނެކަކު ގަޔަށް ބަލި ފެތުރޭ މިންވަރު މަދުވާނެކަމަށެވެ.
މި ނޫނަސް އިތުރު ގޮތްތަކެއް ވެސް ހުރެދާނެ. އަދި މިކަމާގުޅިގެން ސިއްހީ ގޮތުން އާންމުކޮށް އަޅަންޖެހޭ ފިޔަވަޅުތައް، އޭގެ ތެރޭގަ ކޮންޓެކްޓް ޓްރޭސިން ހެދުން ތަފާތުވާނެ. އަދި ތަފާތު ވައިރަސްތަކަށް ހުންނާނީ ތަފާތު ނުރައްކާގެ ލެވެލްތަކެއް.ޑރ. އަމޭޝް އަޑަލްޖާ
އޭނާ ވިދާޅުވީ މަންކީޕޮކްސްގެ އާލަމީ ވަބާއަކަށް ބަދަލުވާނެކަމަށް ދެކެވަޑައިނުގަންނަވާކަމަށެވެ. ސަބަބަކީ މަންކީޕޮކްއަކީ އޭގެ ޒާތުގައި ފެތުރިގެންދިއުމުގެ ގާބިލްކަން ލިބިފައިވާ އެއްޗެއް ނޫންކަމަށެވެ. އަދި މިއީ އިންކިއުބޭޝަން ޕީރިއަޑްގައި އެކަކު ގައިން އަނެކަކުގެ ގަޔަށް އަރާ ބައްޔަކަށް ނުވެފައި، އަދި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ސްމޯލް ޕޮކްސްއަށް އުފައްދާފައިވާ ވެކްސިން ކާމިޔާބު ކަމާއެކު މަންކީޕޮކްސްއާއި ދެކޮޅަށް މަސައްކަތްކުރާތީ ކަމަށް ޑރ. އަމޭޝް ވިދާޅުވިއެވެ.
އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސ) އިން ބުދަ ދުވަހު ބުނެފައިވަނީ އެތަނުގެ ލެބުން ހެދި ޓެސްޓްތަކުން، މެސަޗޫސެޓްސްއިން ފެނުނީ މަންކީޕޮކްސް ކަމަށް ވަނީ ކަށަވަރުކޮށްދީފައެވެ. މެސަޗޫސެޓްސްގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވަނީ ސިޑީސީ އަދި ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވަނީ އާންމު ސިއްހަތަށް ނުރައްކަލެއް ނެތްކަމަށާއި، މަންކީޕޮކްސްއަށް ޕޮޒިޓިވްވި މީހާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނައިރު އެމީހާގެ ހާލު ރަނގަޅުކަމަށެވެ.
ޑރ. އަމޭޝް ވިދާޅުވީ މަންކީޕޮކްސް ޕެންޑަމިކަކަށް ބަދަލުވާނެކަމުގެ އެއްވެސް ބިރުވެރިކަމެއް ނެތްކަމަށާއި، ކޮވިޑް-19އާއެކު ސިއްހީ ދާއިރާގެ ހިދުމަތްތެރިން ތިބީ ވައިރަސްގެ ސަބަބުން ފެތުރޭ ބަލިތަކާއި ދެކޮޅަށް މަސައްކަތްކުރުމަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.
ކޮވިޑް-19ގެ ސަބަބުން، ހޮސްޕިޓަލްތައް ހުރީ ހައި އެލަރޓްގަ މަސައްކަތްކުރެވޭ ފެންވަރަށް ގެނެވިފައި. އަދި މިއާއެކު ވައިރަސްގެ ސަބަބުން ފެތުރޭ ބަލިތަކާ ދެކޮޅަށް މަސައްކަތްކުރެވޭނެ ގާބިލްކަން ވަނީ އުފެއްދިފަ. އަބަދުވެސް ކޮންމެވެސް ބަލި މީހަކު އެއަރބޯން އައިސޮލޭޝަންގައި ބަހައްޓައިގެން މަސައްކަތް އެބަ ކުރެވޭ. ޕަރސަނަލް ޕްރޮޓެކްޓިވް އިކްވިޕްމަންޓް އެބަ ބޭނުންކުރެވޭ. އަދި ބަލިވެގެން އަންނަ މީހުންގެ ބަލިތަހުލީލުކޮށް ވަމުންދާގޮތް އަންނަނީ ގާތުން ބަލަމުން. އެހެންވީމަ އަހަންނަށް ގަބޫލު ރެވޭ އެމެރިކާގެ އެކި ހިސާބުތަކުގައި ހުރި ހޮސްޕިޓަލްތަކަށް މިކަން ކުރެވޭނެ.ޑރ. އަމޭޝް އަޑަލްޖާ
ސީޑީސީން ބުނެފައިވަނީ މި އަހަރުގެ ތެރޭގައި އެމެރިކާއިން މަންކީޕޮކްސްގެ ކޭސްތައް ފެނިފައި ނުވާކަމަށެވެ. ނަމަވެސް، ޓެކްސަސް އަދި މެރީލޭންޑުން މިދިޔަ އަހަރުގެ ތެރޭގައި މަންކީޕޮކްސްގެ ކޭސްތައް ވަނީ ރިޕޯޓްކޮށްފައެވެ. އަދި އެ މީހުންނަކީ ނައިޖީރިއާއަށް ދަތުރުކުރި މީހުން ކަމަށް ވަނީ ބުނެފައެވެ.