ކ. މާލެ
|
12 މެއި 2022 | ބުރާސްފަތި 22:22
އަފްޣާނިސްތާންގައި އަންހެނުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ގޮވާލައި 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކާބުލްގައި ކުރިއަށްދިޔަ އެއްވުމެއްގެ ތެރެއިން
އަފްޣާނިސްތާންގައި އަންހެނުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ގޮވާލައި 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކާބުލްގައި ކުރިއަށްދިޔަ އެއްވުމެއްގެ ތެރެއިން
ރޮއިޓަސް
އަފްޣާނިސްތާނުގައި އަންހެނުންނާމެދު ހަރުކަށިވުން
އަންހެނުންގެ ހައްގުތަކަށް އިހުތިރާމުކުރުމަށް ޖީ7 އިން ތާލިބާނަށް ގޮވާލައިފި
ކޮންމެހެން މުހިއްމު ކަމެއް ނެތްކަމުގައިވާނަމަ، ވީހާވެސް ގިނައިން ގޭގައި ތިބުމަށް އަންހެނުންނަށް ވަނީ އަންގާފައި
ކުޑަ އަންހެންކުދިންނާއި އުމުރުން ދުވަސްވީ އަންހެނުން ފިޔަވައި ދެން ތިބި އަންހެނުން އާންމު ތަންތަނަށް ނުކުމެ އުޅޭއިރު މޫނުބުރުގާ އަޅަންޖެހޭ
ޖޮއިންޓް ސްޓޭޓްމެންޓެއްގައި އެގައުމުތަކުން ވަނީ، އަންހެނުންނާމެދު ތާލިބާނުން އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށް، އަންހެނުންނާއި އަންހެންކުދިންގެ އިންސާނީ ހައްގުތަކަށް އިހުތިރާމުކުރުމަށް ގޮވާލާފައި

ތާލިބާން ޖަމާއަތުން އަފްޣާނިސްތާނުގައި އެގައުމުގެ އަންހެނުންގެ ހައްގުތަކަށް އިހުތިރާމުކުރުމަށް ޖީ7 ގެ ގައުމުތަކުން ގޮވާލައިފިއެވެ.

ޖީ7 ގެ ގައުމުތަކުގެ ފޮރިން މިނިސްޓަރުން ވަނީ ބުރާސްފަތި ދުވަހު ތާލިބާނުން އަފްޣާން އަންހެނުންނާމެދު އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން މިނިސްޓަރުންނާއި ޔޫރަޕިއަން ޔޫނިއަންގެ ފޮރިން ޕޮލިސީގެ ޗީފް ވަނީ، ތާލިބާނުން އަފްޣާންގެ އަންހެނުންނާއި އަންހެންކުދިންނާމެދު އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ބައިނަލްއަގުވާމީ މަސްރަހުގައި އަފްޣާނިސްތާން އިތުރަށް އެކަހެރިވަމުންދާކަމަށް ވިދާޅުވެފައެވެ.

ޖީ7 ގެ ހުރިހާ ގައުމުތަކެއް އެކުލެވޭހެން ފްރާންސުން އާންމުކުރި ޖޮއިންޓް ސްޓޭޓްމެންޓެއްގައި އެގައުމުތަކުން ވަނީ އަންހެނުންނާ ގުޅިގެން ތާލިބާނުން އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށް، އަންހެނުންނާއި އަންހެން ކުދިންގެ އިންސާނީ ހައްގުތަކަށް އިހުތިރާމުކުރުމަށް ގޮވާލާފައެވެ.

ތާލިބާނުން ވަނީ މިދިޔަ ހޮނިހިރު ދުވަހު އެގައުމުގެ އަންހެނުން ބޭރަށް ނުކުންނައިރު މޫނު ނިވާކުރަން މަޖުބޫރުކޮށްފައެވެ. ހޮނިހިރު ދުވަހު ތާލިބާނުންގެ ސުޕްރީމް ލީޑަރު އެގޮތަށް އަންގަވާފައިވާއިރު، މި އެންގުން އަންގަވާފައިވަނީ ކާބުލްގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގެ ތެރޭގައެވެ.

މި އެންގުމުގައިވާ ގޮތުން، ކުޑަ އަންހެންކުދިންނާއި އުމުރުން ދުވަސްވީ އަންހެނުން ފިޔަވައި ދެން ތިބި އަންހެނުން އާންމު ތަންތަނަށް ނުކުމެއުޅޭއިރު މޫނުބުރުގާ އަޅަންޖެހޭނެއެވެ. އަދި ކޮންމެހެން މުހިއްމު ކަމެއް ނެތްކަމުގައިވާނަމަ، ވީހާވެސް ގިނައިން ގޭގައި ތިބުމަށް ވަނީ އަންގާފައެވެ.

މިއީ ތާލިބާނުން 1996ން 2001ށް އެ ގައުމުގައި ވެރިކަންކުރިއިރުވެސް އަމަލުކުރަމުން އައި އުސޫލުތަކެކެވެ.

20 އަހަރަށްފަހު, ތާލިބާނުން ވެރިކަމަށް އައީ 2021ވަނަ އަހަރުގެ އޯގަސްޓު މަހުއެވެ. އެ ދުވަސްވަރު، މަހުރަމަކާ ނުލައި އަންހެނުންނަށް ގެއިން ބޭރަށް ނުކުމެއުޅުން އޮންނަނީ މަނާކޮށްފައެވެ. އަދި ތައުލީމު ހާސިލްކުރުމަށް ދެވޭނީ އެއްކޮށް ނިވާވެ ތިބެގެން ކަމަށްވެސް ވަނީ އަންގާފައެވެ.

ތާލިބާނުން ބުނެފައިވަނީ މިހާރު ބައެއް ޕްރޮވިންސްތަކުގައި އަންހެނުންނަށް ހައި ސްކޫލަށް ދެވޭނެކަމަށެވެ. 

އޭގެ އިތުރުން، އަންހެނުންގެ ހައްގުތަކާގުޅޭގޮތުން އަފްޣާނިސްތާނުގައި މިހާރު ވެރިކަން ކުރަމުން އަންނަ ތާލިބާން ސަރުކާރުން ނެރުނު އަމުރުގައި, އަންހެނުންނަށް ކައިވެނިކުރުމަށް މަޖުބޫރުކޮށް، އެއީ މުދަލެއްގެ ގޮތުގައި ނުބެލެވޭނެކަމަށްވެސް ވަނީ އަންގާފައެވެ.

މިއަމުރުގައި ބުނެފައިވަނީ ކައިވެނިކުރުމުގައި އަންހެން މީހާގެ ރުހުންވެސް ބޭނުންވާނެކަމަށެވެ. ނަމަވެސް އަންހެނުން ތައުލީމު ހާސިލުކުރުމާއި ގެއިން ބޭރުގައި މަސައްކަތްކުރުމާގުޅޭގޮތުން މި އަމުރުގައި އެއްވެސް ވާހަކައެއް ހިމަނާފައެއްނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް