މިސްކިތްތަކަކީ ދުނިޔެމަތީގައި އެންމެ މާތް ތަންތަނެވެ. އެހެންކަމަށްވާނަމަ އެތަންތަން ރަނގަޅަށް ބެލެހެއްޓުމަކީވެސް މުހިންމު ކަމެކެވެ. މިސްކިތާއި މިސްކިތުގެ ގޯތިތެރެ ރީތި ގޮތުގައި ބޭއްވުމަކީ މުހިންމުކަމަކަށްވާއިރު މިއަދު ފެނިގެންދަނީ އެއާ އިދިކޮޅު މަންޒަރުތަކެކެވެ.
މާލޭގެ ގިނަ މިސްކިތްތަކުގެ އެތެރެ ބަލާ ބެލުމަށް އޮންނަނީ ވަރަށް ބޮޑަށް ސާފުކޮށްފައެވެ. ކުނި ކަހައި މޮޕު އަޅާފައެވެ. ނަމަވެސް މިސްކިތަށް ދާ މީހުންނަށް އެ ރީތި މަންޒަރުގެ އިތުރުން މިސްކިތުގެ ގޯތިތެރެ އޮންނަ ގޮތް ވެސް އަޅައިގަނެއެވެ. މާލޭގެ ބައެއް މިސްކިތްތަކުގެ ގޯތި ތެރެ އޮންނަނީ ކުނިން ފުރިފައެވެ. ޕްލާސްޓިކް ފުޅި އާއި ޓިޝޫ އާއި ކޮތަޅު ފަދަ ތަކެތީގެ ސަބަބުން މިސްކިތުގެ ގޯތި ތެރޭގެ ރީތިކަން ވަނީ ގެއްލިފައެވެ.
ގޯތި ތެރޭގައި މިފަދަ ކުނި ފެންނަން ހުރުމުން އާއްމުންގެ ފަރާތުން ފާޑުކިޔުންތައް އަމާޒުވާތީ ބައެއް މިސްކިތްތަކުން އެ ކުނި އަޅާލަނީ މީހުންނަށް ނުފެންނަ ތަންތަނަށެވެ. އެއީ މިސްކިތުގެ ގޯތި ތެރޭގައި ހައްދާފައި ހުންނަ ގަސްތަކުގެ ތެރެއަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގިނަ މިސްކިތްތަކުގައި މަސައްކަތު މީހުން ތިބި ނަމަވެސް އެ މީހުން ސާފު ކުރަނީ ހަމަ އެކަނި މިސްކިތުގެ އެތެރެއެވެ. މިސްކިތުގެ ގޯތި ތެރެ ސާފު ކުރަނީ ހަފުތާއަކު އެއްފަހަރުއެވެ. އެގޮތުން، ހުކުރު ދުވަހަކީ އެންމެ ގިނަ ބަޔަކު މިސްކިތަށް ދާ ދުވަސް ކަމުން އެ ދުވަހު މިސްކިތްތައް ސާފު ކުރާކަން ވަނީ ފާހަގަ ކުރެވިފައެވެ.
ބައެއް މިސްކިތްތަކުގައި ކުނި އުކާނުލާ އެތައް ދުވަހެއް ވަންދެން ބަހައްޓާކަން ވެސް ފާހަގަ ކުރެވެއެވެ.
ކުނި އުކާނުލާ އެއްތަނަކަށް ޖަމާ ކޮށްފައި ހުރުމަކީ ސިއްހީ ގޮތުން ވެސް އެތަނަށްދާ މީހުންނަށް ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. މިގޮތަށް ކުނި ބަހައްޓާފައި ހުންނަ ބައެއް މިސްކިތްތަކުގެ އެތެރޭގައި ނުބައި ވަސް ދުވާ ކަމުގެ ޝަކުވާ އާއްމުން ކުރެއެވެ.
މިސްކިތު ގޯތި ތެރޭގައި ކުނި ޖަމާވެފައި ހުރުމާއި ކުނި އުކާނުލައި ގިނަ ދުވަސްވަންދެން ހުރެގެން ނުވާނެއެވެ. އެއީ އެކަމަށް ހާއްސަ ބަޖެޓެއް ސަރުކާރުން ކަނޑައަޅާފައިވާތީއެވެ. އެގޮތުން، މި އަހަރު މިސްކިތްތައް މެނޭޖް ކުރުމަށާއި އިންފްރާސްޓްރަކްޗާއަށް 154 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ދީފައެވެ.
މިސްކިތަށް އުކާލާ ކުނި ނުނެގުމާއި ގަވާއިދުން ކުނި އުކާނުލުމުގައި މިސްކިތުގެ މަސައްކަތު މީހުން ޒިންމާ ނަގަން ޖެހޭއިރު ކުނި އެޅުމުގައި އާއްމުންގެ ރޯލު ވެސް ފާހަގަ ކުރަން ޖެހެއެވެ. މިސްކިތުގެ ގޯތި ތެރެއަށް ޕްލާސްޓިކް ފުޅިއާއި ކޮތަޅާއި ޓިޝޫ އެއްލާއިރު އަމިއްލަ ފަރުދީ ޒިންމާއާ މެދު ވިސްނާނުލެވެނީ ހެއްޔެވެ.
މިސްކިތްތައް ރީތި ގޮތުގައި ބާއްވަން އެންމެންގެ އެއްބާރުލުންވެސް މުހިންމެވެ.