ކ. މާލެ
|
6 ފެބްރުއަރީ 2025 | ބުރާސްފަތި 13:03
ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަނީ
ރާއްޖެއެމްވީ
މިސްކިތްތައް ބިނާކުރުން- ރިޔާސީ ބަޔާން
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރުމުގެ 35 މަޝްރޫއު މިއަހަރު ކުރިއަށް ގެންދާނަން: ރައީސް މުއިއްޒު
މިސްކިތްތަކާބެހޭ ގައުމީ މަޖިލީސް އަލުން ވަނީ އުފައްދާފައި
މިދިޔަ އަހަރު 7،868953.00ރ މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތުކުރުމަށް ޚަރަދު ކުރެވިފައިވޭ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރުމުގެ 35 މަޝްރޫއު މިއަހަރު ކުރިއަށް ގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވާދެއްވައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ މިސްކިތްތަކާބެހޭ ގައުމީ މަޖިލީސް އަލުން އުފައްދާފައިވާ ކަމަށާއި، މަޖިލީހުގެ ބައްދަލުވުންތައް ބާއްވައި، މިސްކިތްތަކުގެ ހާލަތު ދުވަހުން ދުވަހަށް ބަލަހައްޓާ ކަމަށެވެ.

ދައުލަތުގެ ބަޖެޓުން 2024 ވަނަ އަހަރު 7،868953.00ރ (ހަތްމިލިއަން އަށްލައްކަ ފަސްދޮޅަސް އަށްހާސްނުވަސަތޭކަ ފަންސާސް ތިންރުފިޔާ) މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތުކުރުމަށް ޚަރަދު ކުރެވިފައިވާކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރުމުގެ 35 މަޝްރޫއު ވެސް މިއަހަރު ކުރިއަށްގެންދެވޭނެ ކަމަށެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވަނީ "ނަމާދު މަތިވެރިކުރުން" މި ނަމުގައި ވެސް މުހިންމު މަޝްރޫއެއް ފަށާފައިވާކަން ވެސް ފާހަގަކުރައްވާފައެވެ.

މީގެ އިތުރަށް، ނަމާދަކީ ހުރިހައި މުންކަރާތްތަކުން އިންސާނާ ދުރުހެލިކޮށްދޭ އަޅުކަމެއްކަމުގައި ލައްވާފައިވުމާއި އެއީ އިސްލާމް ދީނުގެ އެންމެ ހަރުދަނާ އެއް ތަނބުކަމަށް ޝަރުޢުގައި ލައްވާފައިވާތީ، ދިވެހި މުޖުތަމަޢު ފަރުޟު ފަސް ނަމާދަށް އަހުލުވެރިކުރުވުމުގެ މާތް މަޤުޞަދުގައި  "ނަމާދު މަތިވެރިކުރުން" މި ނަމުގައި ވެސް މުހިންމު މަޝްރޫޢެއް ވާނީ ފަށައިފަ. ޝައްކެއްވެސް ނެތްގޮތުގައި ދުނިޔެ ދުށް އެންމެ މަތިވެރި ލީޑަރަކީ އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމް. މިއީ އިލާހީ އެންގެވުމުގެ އިތުރަށް، މުސްލިމުންނާއި ޣައިރު މުސްލިމުން ވެސް އެ މައްޗަށް އެތައް އިޢުތިރާފެއްވެ، އެތައް ފޮތެއް ލިޔެ އެ މައުޟޫޢުގައި ޝާއިޢުކުރެވިފައިވާ ސާފު ޙަޤީޤަތެއް.  އެހެންކަމުން ލީޑަރޝިޕް ކޮލިޓީ އެންމެ ރަނގަޅަށް ހުންނަންވާނީ މުސްލިމުންގެ ކިބައިގާ. ވީމާ، އިސްލާމީ  ލީޑަރޝިޕް ކޮލިޓީ އުގަންނައިދީ ހޭލުންތެރިކުރުވުމަށްޓަކައި "އިސްލާމީ ލީޑަރޝިޕް މެނޭޖްމަންޓް" ޕްރޮގްރާމެއް އެކަމާގުޅުންހުރި ދާއިރާތަކާއި ޖަމިއްޔާތަކަށް އަމާޒުކޮށްގެން، މި އަހަރު ކުރިއަށް ގެންދާ ގޮތަށް ވާނީ ހަމަޖައްސާފާ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ޒަކާތު ހައުސްގެ ސަބަބުން ރައްޔިތުންނާއި ގައުމަށް ލިބުނު މަންފާ ލިބޭ ކަމަށާއި، ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އާމްދަނީ ހޯދޭނެ ވަސީލަތްތައް މިހާރު ގާއިމުކޮށްދޭން ފަށާފައިވާ ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ ޒަކާތުގެ ނިޒާމު ލާބަހުރި ޒަމާނީ ގޮތެއްގައި ތަރުތީބުކުރުމަށް ހަދަންޖެހޭ އުސޫލުތަކާއި، ގަވާއިދުތައް އެކުލަވާލައި ފާސްކުރެވިފައިވާ ކަމަށެވެ. އަދި ޒަކާތުގެ މަސައްކަތްތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިޔަށް ގެންދިޔުމަށް ޓަކާ ބޭނުންވާ ފަންނީ ގާބިލުކަން ލިބިގަތުމަށްޓަކައި، "އިންޒެކް" އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް ބާއްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މ ގޮތަށް ޒަކާތުގެ ނިޒާމު ޒަމާނީކުރެވި އުސޫލުތައް ހިނގާންފެށުމުން ގައުމުގެ މާލީ އިޖުތިމާއީ އަދާލަތަށް، ނުވަތަ މުޖުތަމައުގެ އާންމު ފޯރުންތެރިކަމުގެ ނިސްބަތަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އައިސް، އިންތިހާއީ ފަގީރުކަން ނެތް ދުވަހެއް ވަރަށް އަވަހަށް ދިވެހީން ދެކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

- ކޮމެންޓް