ކ. މާލެ
|
9 ޖޫން 2017 | ހުކުރު 13:55
ލުކާކޫ (ކ) އާއި ކޯސްޓާ (ވ)
ލުކާކޫ (ކ) އާއި ކޯސްޓާ (ވ)
ގޯލް.ކޮމް
ލުކާކޫ ޗެލްސީއަށް ގެންނަނީ
ކޯސްޓާ ރިޕްލޭސް ކުރުމަށް ޗެލްސީން ލުކާކޫ ހޯދުމަށް 100 މިލިއަން ޕައުންޑު ހުށަހަޅައިފި
ލުކާކޫ ހޯދުމަށް ޗެލްސީން ވަނީ 100 މިލިއަން ޕައުންޑު ހުށަހަޅާފައި
ކޯސްޓާ ޗެލްސީއަށް ބޭނުން ނުވާ ކަމަށް ކޯޗު ކޮންޓޭ ވަނީ ބުނެފައި

ޗެލްސީއަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް ޑިއެގޯ ކޯސްޓާ ރިޕްލޭސް ކުރުމަށް ޗެލްސީން އެވަޓަން އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ހޯދުމަށް 100 މިލިއަން ޕައުންޑު ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މަޝްހޫރު ކުޅިވަރު ނޫސް ގޯލްޑޮޓްކޮމް އިން ބުނީ ޗެލްސީން ލުކާކޫ ހޯދުމަށް ބޭނުންވާ ކަމަށާއި، އެ ކްލަބުން އޭނާ ހޯދަން މަސައްކަތް ފަށާފައި ވަނީ އެ ކްލަބުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް މިހާރުގެ ފޯވާޑް ކޯސްޓާގެ ބޭނުން ކެނޑުމުން ކަމަށެވެ.

މިދިޔަ ބުދަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ކޯސްޓާ ބުނީ ކޮންޓޭގެ ފަރާތުން އޭނާ އަށް ޓެކްސްޓް މެސެޖެއް ލިބިފައިވާ ކަމަށާއި، އެ މެސެޖުގައިވާ ގޮތުން ކުރިޔަށް އޮތް ސީޒަނުގައި ކޮންޓޭ އޭނާ ބޭނުންނުވާ ކަމަށެވެ.

އެގޮތުން ކޯސްޓާ ބުނީ އޭނާ މިވަގުތު ބަދަލުވާނެ ކްލަބެއް ވިސްނަމުން އަންނަ ކަމަށާއި، ކޯޗު ބޭނުންނުވާހާ ހިނދެއްގައި އޭނާ އަށް ޗެލްސީގައި ނުކުޅެވޭނެ ކަމަށެވެ. މީގެއިތުރުން ކޯސްޓާ ބުނީ ކޮންޓޭގެ ނިންމުން އޭނާ ކްލަބުގެ އިސްވެރިންނަށް ހުށަހަޅާފައިވާ ކަމަށާއި، ކްލަބުން ގޮތެއް ނިންމުމަށްވެސް އެދިފައިވާނެ ކަމަށެވެ.

ސްކައި ސްޕޯޓްސް އަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި މެންޗެސްޓާ ޔުނައިޓެޑް އަދި ޗެލްސީން ހޯދުމަށް މަސައްކަތްކުރަމުން އަންނަ ލުކާކޫ ބުނީ އޭނާ އާއި އޭނާގެ އެޖެންޓަށް ދެން ވާން އޮތް ގޮތް އެނގޭ ކަމަށާއި، މާގިނަ ދުވަސްތަކެއް ނުވެ އެކަން އެންމެންނަށް އެނގިގެންދާނެ ކަމަށެވެ.

ލުކާކޫ ވަނީ އެކިފަހަރުގެ މަތިން އެވަޓަންއާއެކު އޭނާގެ އެއްބަސްވުން އިތުރުކުރުމަށް މަޝްވަރާކޮށްފައެވެ. އެހެންނަމަވެސް ރިޕޯޓްތައް ބުނާގޮތުން ލުކާކޫ ބޭނުންވާގޮތަށް އަދިވެސް އެވަޓަންއަށް އެއްބަސްވުން ނެހެދެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އުމުރުން 23 އަހަރުގެ ލުކާކޫ ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތު ހޯދުމަށް އޭނާ ކުރިޔަށް އޮތް ސީޒަނަށް އެހެން ކްލަބަކަށް ބަދަލުވާނެ ކަމަށް ވަނީ ބެލެވިފައެވެ.

ޗެލްސީން 2014 ވަނަ އަހަރު އެވަޓަންއަށް ބަދަލުވި ލުކާކޫ ވަނީ ވެސްޓްބްރޮމް އަށް ވެސް ކުޅެފައެވެ. ޗެލްސީއާއެކު ދެ ސީޒަން ހޭދަކޮށްފައިވާ ލުކާކޫ ވަނީ އެ ޓީމަށް 15 މެޗު ކުޅެދީފައެވެ.

މީގެ އިތުރުން އޭނާ ވަނީ މިހާތަނަށް އެވަޓަން އަށް ކުޅުނު 166 މެޗުގައި 87 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ ބެލްޖިއަމް ޓީމަށް ކުޅުނު 56 މެޗުގައި 20 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް