ކ. މާލެ
|
9 ޖޫން 2017 | ހުކުރު 02:54
އިދިކޮޅު އެމްޔޫއޯގެ ޝެޑޯ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އާދަމް އާޒިމް
އިދިކޮޅު އެމްޔޫއޯގެ ޝެޑޯ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އާދަމް އާޒިމް
މުހައްމަދު ފަޒީން
އާދަމް އާޒިމް
އާޒިމް ވަގުތުން މިނިވަން ކުރުމަށް ރައީސް މައުމޫނު ގޮވާލައްވައިފި
އާޒިމް ހައްޔަރުކުރީ، ސަރުކާރު ވައްޓާލަން އުޅޭކަމުގެ ތުހުމަތުގައި
އާޒިމް އަކީ އެމްޔޫއޯގެ ޝެޑޯ ކެބިނެޓު މިނިސްޓަރެއް
އާޒިމް ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް އެމްޔޫއޯއިން ބުނޭ

އިދިކޮޅު އެމްޔޫއޯގެ ޝެޑޯ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އާދަމް އާޒިމް ހައްޔަރުކޮށް ބަންދަށް 6 ދުވަސް ޖަހާފައިވަނިކޮށް އޭނާ ވަގުތުން މިނިވަން ކުރުމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.

 

ރައީސް މައުމޫނު ބުރާސްފަތި ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ޤާނޫނުން ލިބިގެންވާ ހައްގެއް ކަމަށާއި އާޒިމް މިނިވަން ކުރުމަށް ގޮވާލާ ކަމަށެވެ.  

ޓެރަރިޒަމްގެ ކުށް ސާބިތުކޮށް، 11 އަހަރަށް ޖަލަށް ޙުކުމްކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ) މުޙައްމަދު ނާޒިމްގެ ކޮއްކޮ، އާޒިމް ހައްޔަރުކުރުމަށް ނެރެފައިވާ ކޯޓު އަމުރުގައި ބުނެފައިވަނީ، އާޒިމް ހައްޔަރުކުރީ، ދިވެހިރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ބަދަލުކުރުމަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދައްކައި، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމާއި މެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދާ، އިތުބާރު ގެއްލުވާލުމަށް މަސައްކަތްކޮށް، ދޮގު މަޢުލޫމާތު ފަތުރައި، ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދައްކާފައިވާކަމަށް ތުޙުމަތު ކުރެވޭތީ ކަމަށެވެ.

 

އަދި ހަމަ މިއާއިއެކު، މި މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮރުވުމަށް އާޒިމް މަސައްކަތް ކޮށްފާނެ ކަމަށް ބެލެވޭ ކަމަށާ، އާޒިމް މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލާފައި ބެހެއްޓުމަކީ އޭނާގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމެއް ކަމަށް ފެންނަ ކަމަށްވެސް ކޯޓު އަމުރުގައި ވެއެވެ.

 

ހައްޔަރު ކުރުމަށްފަހު، އާޒިމް ފުރަތަމަ ގެންދިޔައީ އަތޮޅުވެހި ޑިޓެންޝަން ސެންޓަރަށެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުލުހުން ތަހުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން އާޒިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އާޒިމް ހައްޔަރުކުރިކަން ކަށަވަރުކޮށްދިން ނަމަވެސް، އޭނާ ހައްޔަރުކުރުމާއި ގުޅޭ އެއްވެސް އިތުރު ތަފްޞީލެއް ފުލުހުން ނުދެއެވެ.

- ކޮމެންޓް