ކ. މާލެ
|
8 ޖޫން 2017 | ބުރާސްފަތި 23:52
ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ (ކ) އަދި ފޯވާޑް ޑިއެގޯ ކޯސްޓާ (ވ)
ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ (ކ) އަދި ފޯވާޑް ޑިއެގޯ ކޯސްޓާ (ވ)
ޓްވިޓަރ
ކޯސްޓާ ޗެލްސީ ދޫކޮށްލަނީ
ޗެލްސީގައި ކޯސްޓާއަށް ކުރިމަގެއް ނެތްކަމަށް ކޯޗު ކޮންޓޭ ބުނެފި
އެޓްލެޓިކޯ އަށް އަލުން އެނބުރި ދެއްވިއްޖެއްޔާ އުފާވާނެ
ޗެލްސީގައި ކުރިމަގެއް ނެތްކަމަށް ބުނީ ފޯނުން ޓެކްސްޓުކޮށްފައި
ބަދަލުވާނެ ކްލަބަކާމެދު މިއަންނަނީ ވިސްނަމުން

ޗެލްސީގައި ސްޕެއިންގެ ފޯވާޑް ޑިއެގޯ ކޯސްޓާ އަށް ކުރިމަގެއް ނެތްކަމަށް އެ ކްލަބުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ބުދަ ދުވަހު ސްޕެއިން އަދި ކޮލަމްބިއާ ބައްދަލުކުރި މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ކޯސްޓާ ބުނީ ކޮންޓޭގެ ފަރާތުން އޭނާ އަށް ޓެކްސްޓް މެސެޖެއް ލިބިފައިވާ ކަމަށާއި، އެ މެސެޖުގައިވާ ގޮތުން ކުރިޔަށް އޮތް ސީޒަނުގައި ކޮންޓޭ އޭނާ ބޭނުންނުވާ ކަމަށެވެ.

އެގޮތުން ކޯސްޓާ ބުނީ އޭނާ މިވަގުތު ބަދަލުވާނެ ކްލަބެއް ވިސްނަމުން އަންނަ ކަމަށާއި، ކޯޗު ބޭނުންނުވާހާ ހިނދެއްގައި އޭނާ އަށް ޗެލްސީގައި ނުކުޅެވޭނެ ކަމަށެވެ. މީގެއިތުރުން ކޯސްޓާ ބުނީ ކޮންޓޭގެ ނިންމުން އޭނާ ކްލަބުގެ އިސްވެރިންނަށް ހުށަހަޅާފައިވާ ކަމަށާއި، ކްލަބުން ގޮތެއް ނިންމުމަށްވެސް އެދިފައިވާނެ ކަމަށެވެ.

ކޯސްޓާ ހޯދުމަށް އޭނާގެ ކުރީގެ ކްލަބް އެޓްލެޓިކޯ މެޑްރިޑުންވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އެޓްލެޓިކޯއާ ބެހޭގޮތުން ކޯސްޓާ ބުނީ ވަރަށް ގިނަ ކަންތަކާ ވިސްނަންޖެހޭ ކަމަށާއި، އެޓްލެޓިކޯއަށް ބަދަލުވެވިއްޖެނަމަވެސް އޭނާ އުފާވާނެ ކަމަށެވެ.

ކޯސްޓާ ބުނީ އަންނަ އަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑްކަޕްގައިވެސް ކުޅެން ބޭނުންވާ ކަމަށާއި، ފަސް މަސްދުވަހު ނުކުޅެ ހުރުމުން އޭނާއަށްވެސް ދަތިތައް ކުރިމަތިވާ ކަމަށެވެ.

މިދިޔަ ޖެނުއަރީ ޓްރާންސްފާގަވެސް ޗައިނީޒް ސުޕާ ލީގުގެ ކްލަބްތަކުން ކޯސްޓާ ހޯދުމަށް މަސައްކަތްކޮށްފައިވާއިރު، އޭނާ ވަނީ އެ ހުށަހެޅުންތައް ރިޖެކްޓްކޮށްފައެވެ. ޗައިނާ ކްލަބްތަކުގެ އިތުރުން ޔޫރަޕްގެވެސް ގިނަ ކްލަބްތަކުން އަންނަނީ ކޯސްޓާއަށް ފާރަލަމުންނެވެ.

އެޓްލެޓިކޯ މެޑްރިޑް ދޫކޮށްލުމަށްފަހު 2014 ވަނަ އަހަރު ޗެލްސީއާ ގުޅުނު ކޯސްޓާ ވަނީ މިވީތަނަށް އެޓީމަށް ކުޅުނު 119 މެޗުގައި 58 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު ޕްރިމިއާ ލީގު ދެފަހަރު އަދި ލީގް ކަޕް އެއްފަހަރު ކާމިޔާބުކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް