ކ. މާލެ
|
8 ޖޫން 2017 | ބުރާސްފަތި 21:36
ޔުވަންޓަސްގެ ކޯޗު އެލެގްރީ
ޔުވަންޓަސްގެ ކޯޗު އެލެގްރީ
ޓްވިޓަރ
ޔުވަންޓަސް ކޯޗު
ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި
އެލެގްރީ އެއްބަސްވުން އާކުރީ 2020 ވަނަ އަހަރުގެ ނިޔަލަށް
އެލެގްރީ ވަނީ އޭސީ މިލާން އަދި ޔުވަންޓަސް އަށް އިރުޝާދު ދީފައި
ފާއިތުވެދިޔަ ތިން އަހަރު ތެރޭގައި ދެފަހަރު ޔުވަންޓަސް ވަނީ ޗެމްޕިއަންސް ލީގު ފައިނަލް ކުޅެފައި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި ޔުވަންޓަސް އަށް ނުލިބުނު ނަމަވެސް ކޯޗު މަސްމިލިއާނޯ އެލެގްރީ އެއްބަސްވުން އާކޮށްފި އެވެ.

މި ސީޒަނުގައި ޔުވަންޓަސް އަށް ލީގު ތަށި އަދި އިޓާލިއަން ކަޕް ކާމިޔާބުކޮށްދިނުމަށް އެންމެ މުހިންމު ދައުރެއް އަދާކުރި ކޯޗު އެލެގްރީ ޔުވަންޓަސްގައި މަޑުކުރަން ނިންމާފައިވަނީ 2020 ވަނަ އަހަރުގެ ނިޔަލަށެވެ.

މި ސީޒަނަށްފަހު އެލެގްރީ އާސެނަލްއަށް ބަދަލުވާން އުޅުނުކަމަށްވެސް ރިޕޯޓްތައް ބުނިއެވެ. އެހެންނަމަވެސް އާސެނަލް އިން ވަނީ އެޓީމުގެ ކޯޗު އާސެން ވެންގާ ކްލަބުގައި އިތުރު ދެ އަހަރު ބަހައްޓަން ނިންމާފައެވެ.

އެލެގްރީ ޔުވަންޓަސްގައި މަޑުކުރަން ނިންމިކަން އިއުލާންކޮށް އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނީ ފާއިތުވެދިޔަ ދުވަސްތަކުގައި އެލެގްރީ ވަނީ ޔުވަންޓަސް އަށް ގިނަ ކާމިޔާބީތައް ހޯދައިދީފައި ކަމަށާއި، އެގޮތުން ފާއިތުވެދިޔަ ތިން އަހަރު ތެރޭގައި ދެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުންވެސް ކްލަބުން ޖާގަ ހޯދާފައިވާ ކަމަށެވެ. މީގެއިތުރުން އޭނާ ޓީމާ ހަވާލުވިފަހުން ޔުވަންޓަސް މިހާރު އޮތީ ޔުއެފާ ރޭންކިންގެ ފަސްވަނައިގައި ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ރިޕޯޓްތައް ބުނާގޮތުން އާ އެއްބަސްވުމުގެ ދަށުން އެލެގްރީއަށް ސީޒަނަކު ހަތް މިލިއަން ޔޫރޯ ލިބޭޏެއެވެ. މިގޮތަށް މުސާރަ ބޮޑުކުރަން ނިންމީ އެލެގްރީ އާއި ޔުވަންޓަސްގެ ރައީސް އެންޑްރޭ އެގްނެލީ އަދި ސީއީއޯ ބެޕޭ މަރޯޓާއާއެކު ކުރި މަޝްވަރާތަކަށްފަހު ކަމަށެވެ.

ފާއިތުވެދިޔަ ދެ އަހަރުވެސް އިޓަލީގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދާފައިވާ އަދި ކުޅުންތެރިޔެއްގެ ގޮތުގައި ވެސް ކާމިޔާބީތަކެއް ހޯދާފައިވާ އެލެގްރީ ވަނީ ކޯޗެއްގެ ގޮތުގައި އޭސީ މިލާނަށްވެސް އިރުޝާދު ދީފައެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް ދެ ލީގު ތަށި އަދި އިޓާލިއަން ކަޕް ކާމިޔާބުކޮށްދީފައެވެ.

ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް ޔުވަންޓަސް އިން އަންނަނީ ކުޅުންތެރިން ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީގެ އެންހަލް ޑިމަރިއާ އަދި ބަޔާން މިއުނިކްގެ ޑަގްލަސް ކޯސްޓާ ހޯދުމަށް އެޓީމުން މަސައްކަތްކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް