ކ. މާލެ
|
19 އޭޕްރިލް 2022 | އަންގާރަ 08:42
އިސްކަންދަރު ސްކޫލް
އިސްކަންދަރު ސްކޫލް
ހުމާމް އަލީ
މުދައްރިސުންނަށް ކުރިއެރުން ނުލިބުން
މުޖުތަމައު ބިނާކުރުމުގައި އިސް ރޯލެއް އަދާކުރާ މުދައްރިސުންނަށް ކުރިއެރުން ނުދެވެންވީ ކީއްވެ؟
މަގާމުގެ ކުރިއެރުން ދިނުން ކޮވިޑް-19އާއެކު ވަނީ ހުއްޓާލާފައި
އަދިވެސް މަގާމުގެ ކުރިއެރުން ދޭން ނުފަށާ ކަމުގެ ޝަކުވާ މުދައްރިސުން ކުރޭ
މުދައްރިސުންނަކީ މުޖުތަމައަށް މުހިންމު މަސައްކަތްތަކެއް ކޮށްދޭ ބައެއް

ކުދިބަޔަކު މުޖުތަމައު ތެރެއަށް ނުކުންނަ ހިސާބުން އެންމެ ފުރަތަމަ އެކުދިންނާ ހަވާލުވާ މީހުންގެ ތެރޭގައި މުދައްރިސުންނަކީ ވަރަށް މުހިންމު ރޯލެއް އަދާކުރާ ބައެކެވެ. މުދައްރިސުންނާއި، މައިންބަފައިންނާ އަދިވެސް އެކި ފަރާތްތަކުން ގުޅިގެން ކުރާ މަސައްކަތުން މުޖުތަމައެއް ރަނގަޅު މުޖުތަމައަކަށް ވުމަށް މަގުފަހިވެއެވެ. މައިންބަފައިންނެކޭ އެއްގޮތަށް މިކަމުގައި މުދައްރިސުންގެ ވަރަށް ބޮޑު ރޯލެއް އޮންނައިރު، މުދައްރިސުން ކުރާ މަސައްކަތް ބަލައިގަންނަން ޖެހެއެވެ. އެމީހުންނަށް ހައްގުވާ އިހުތިރާމު ދޭންޖެހެއެވެ.

އާންމު ގޮތެއްގައި ސިވިލް ސަރވިސްގައި މަސައްކަތްކުރާ މީހަކު އެންމެ ގިނަވެގެން މަސައްކަތުގައި ހޭދަކުރާނީ 8 ގަޑިއިރެވެ. އެހެންނަމަވެސް މުދައްރިސުންނަކީ މީގެ އިތުރަށް އެތައް ގަޑިއިރެއް މަސައްކަތުގައި ހޭދަކުރާ ބައެކެވެ. އަނެއް ދުވަހުގެ ފިލާވަޅު ތައްޔާރުކުރުމާއި، ފޮތްތަކާއި، ޕޭޕަރުތައް މާރކު ކުރުން ފަދަ އެތައް ކަމެއްގައި މުޅި ދުވަސް އެއްކޮށް ހޭދަކުރާ މުދައްރިސުންވެސް މަދެއް ނޫނެވެ. މިއީ ކިހާ ބުރަ މަސައްކަތެއް ހެއްޔެވެ؟. އަމިއްލަ ކަންކަން ދޫކޮށްލާފައި އެމީހުންގެ ވަގުތުތައް އެ ހޭދަކުރަނީ ރަނގަޅު ޖީލެއް ބިނާކުރުމަށެށެވެ.

އެހެންނަނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ މުދައްރިސުންނަށް ދިމާވާ މައްސަލައެއް ވެއެވެ. އެއީ އެމީހުންނަށް ހައްގުވާ މިންވަރުގެ އުޖޫރައެއް ނުލިބުމެވެ. އިތުރު ގަޑީގައި ކިތަންމެ ގިނަ މަސައްކަތްތަކެއް ކުރިޔަސް މުސާރަ ބޮޑުނުވުމުގެ ޝަކުވާ މުދައްރިސުން ކުރެއެވެ. މިއީ ރާއްޖޭގެ ގިނަ މުދައްރިސުންވެސް ކުރާ ޝަކުވާއެކެވެ. އެހެންނަމަވެސް ރާއްޖޭގެ މުދައްރިސުންގެ މި ޝަކުވާއަށް ހައްލު ހޯދައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ވިދާޅުވެފައެވެ. މިއާއެކު އަންނަ މެއި މަހުގެ އެކަކުން ފެށިގެން މުދައްރިސުންގެ މުސާރަ ބޮޑުވާނެއެވެ.

އެހެންނަމަވެސް އަދިވެސް މުދައްރިސުންގެ ވަރަށް ބޮޑު ޝަކުވާއެއް އެބައޮތެވެ. އެއީ އެމީހުންނަށް މަގާމުގެ ކުރިއެރުން ނުލިބުމުގެ ޝަކުވާއެވެ. ކޮވިޑް-19ގެ ހާލަތާއެކު ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ މަސައްކަތުގެ ތެރެއިން ސަރުކާރުގެ ވަރަށް ގިނަ އިދާރާތަކުގައި މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން ވަނީ ހުއްޓާލާފައެވެ. މުދައްރިސުންނަށް ވެސް މަގާމުގެ ކުރިއެރުން ދިނުން ވަނީ ހުއްޓާލާފައެވެ.

ކޮވިޑް-19ގެ ހާލަތަށް މިހާރު ދެ އަހަރު ވެގެން ގޮސްފައިވާއިރު، ސަރުކާރުގެ އެހެން އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް މަގާމުގެ ކުރިއެރުންދީ، މުދައްރިސުންނަށް އެ ކުރިއެރުން ނުދޭ ވާހަކަ މުދައްރިސުން އަންނަނީ ދައްކަމުންނެވެ. މި މައްސަލަ އެތައް ފަހަރެއްގެ މަތިން މިނިސްޓްރީއަށް ހުށަހަޅައިގެންވެސް މިކަމަށް ހައްލެއް ލިބިފައިނުވާ ވާހަކަ އެމީހުން ދައްކައެވެ.

މިއީ ކަންބޮޑުވާންޖެހޭ ކަމެކެވެ. މުޖުތަމައަށް ނުހަނު މުހިންމު މަސައްކަތެއް ކޮށްދޭ ބަޔަކަށް މަގާމުގެ ކުރިއެރުން ހައްގު ނުވަނީތޯއެވެ؟ މިއީ މިއަދު ހިތުގައި އުފެދޭ ސުވާލެކެވެ.

- ކޮމެންޓް