ޕާކިސްތާންގެ ތާރިހުގައި ފުރަތަމަ ފަހަރަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު އިމްރާން ޚާން ބޮޑުވަޒީރުކަމުން ވަކިކުރެއްވުމަށް ފަހު މިހާރު މިވަނީ އައު ބޮޑުވަޒީރަކު އައްޔަން ކުރެވިފައެވެ. އެއީ ޝަހްބާޒް ޝަރީފް އެވެ. އެގައުމުގެ އާންމު ރައްޔިތުން އުންމީދު ކުރަނީ އައު ބޮޑުވަޒީރާއެކު ގައުމަށް ދިމާވެފައިވާ އިގުތިސާދީ މައްސަލަތަކަށް ހައްލު ލިބޭ މަންޒަރު ފެނިގެންދާނެ ކަމަށެވެ.
ޕާކިސްތާންގެ އިގުތިސާދީ ހާލަތު ގޯސްވެ ޕާކިސްތާން ރުޕީސްގެ އަގު މިއިން ދުވަހަކުވެސް ނުވެއްޓޭ ވަރަށް ވެއްޓިފައިވާއިރު، އެގައުމުގެ ސެންޓްރަލް ބޭންކުން ވަނީ އިންޓެރެސްޓް ރޭޓް ވަރަށް ބޮޑަށް މަތިކޮށްފައެވެ. ރައްޔިތުން މިހާރު އުންމީދު ކުރަނީ އެގައުމުގެ އުފުލެމުންދާ އިންފްލޭޝަން ރޭޓް ސަރުކާރުން ކޮންޓްރޯލް ކުރާނެ ކަމަށެވެ. އިގުތިސާދު ދަށަށް ދިއުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިލާން ޖެހިފައިވާ ދަތިތަކުން އަރައިގަތުމުގެ މަގު ސަރުކާރުން ފަހިކޮށްދޭނެ ކަމަށެވެ.
ޕާކިސްތާންގެ އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބުނަނީ ސަރުކާރާ ހަވާލުވަނީ ކޮން ޕާޓީއަކުން ކަމާމެދު މާބޮޑަށް ސަމާލުކަން ނުދެވޭ ކަމަށެވެ. ސަރުކާރާ ހަވާލުވެފައި ވަނީ ޕީޕަލްސް ޕާޓީ، ނޫނީ މުސްލިމް ލީގު ތޯ އެއީ އާންމު ރައްޔިތުންނަށް އެންމެ މުހިންމު ކަންތައް ނޫން ކަމަށް އެގައުމުގެ ބައެއް ރައްޔިތުން ބުނެއެވެ. އެ ރައްޔިތުން ބުނަނީ ކޮންމެ ސަރުކާރެއް އޮތަސް ބޭނުން ވަނީ ގައުމުގެ ހާލަތު ރަނގަޅުވެ ކުރިއަރައިގެންދާ މަންޒަރު ބަލަން ކަމަށެވެ. އެގޮތުން މިހާރު އެންމެ ދެކެން ބޭނުންވަނީ އިންފްލޭޝަން ރޭޓް ދަށަށް ދާނެ ދުވަސް ކަމަށާއި، މިއީ މަދު ފައިސާ ލިބޭ ފަގީރު އާއިލާތައް ދިރިހުރުމަށް އެންމެ މުހިންމު ކަންތައް ކަމަށް ރައްޔިތުން ފާހަގަކުރެއެވެ.
އާންމު ރައްޔިތުން ބުނަނީ އިމްރާން ޚާން އަކީވެސް ރަނގަޅު ބޭފުޅެއް ކަމަށާއި އެހެން ނަމަވެސް މާގިނަ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށެވެ. މީގެ ކުރިން ޝަހްބާޒް ޝަރީފްގެ ބޭބޭފުޅު، ނަވާޒް ޝަރީފްގެ ވެރިކަންވެސް ފެނިފައިވާ ކަމަށާއި އޭރު ގައުމުގައި ތަރައްގީ އާއި ކުރިއެރުން ފެނުނު ކަމަށާއި އެހެންކަމުން މިފަހަރު ޝަހްބާޒް ޝަރީފް އާއެކު އެފަދަ ކުރިއެރުންތައް ފެންނާނެ ކަމަށް ރައްޔިތުން ދަނީ އުންމީދު ކުރަމުންނެވެ.
އިމްރާން ޚާން، 2018 ވަނަ އަހަރު ޕާކިސްތާނުގެ ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގެންނެވީ އެގައުމުގައި އުފެދިފައިވާ ކޮރަޕްޝަންއާ ދެކޮޅަށް މަސައްކަތްކުރެއްވުމާއި ގައުމަށް ދިމާވެފައިވާ އިގުތިސާދީ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމުގެ ވައުދާއެކުއެވެ. ނަމަވެސް މިކަމަށް މާބޮޑު މަސައްކަތެއް ކުރެވުނު ތަން ނުފެނުނު އިރު، ފާއިތުވި ދުވަސްތަކުގައި ވަކިން ހާއްސަކޮށް ކޮވިޑް-19 އާއެެކު ޕާކިސްތާނުގެ އިގުތިސާދަށްވެސް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރާމެދު އާންމުންގެ އިތުބާރު ވަރަށް ބޮޑަށް ގެއްލުނެވެ.
އިމްރާން ޚާން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އިދިކޮޅު ޕާޓީތަކުން ބޭރުގެ ފަރާތްތަކާ ގުޅިގެން އޭނާ ވެރިކަމުން ދުރުކުރުމަށް މަސައްކަތް ކުރަމުން ގެންދިޔަ ކަމަށެވެ. ވަކިން ހާއްސަކޮށް އެމެރިކާއިން އިމްރާން ޚާން ވެރިކަމުގައި ބަހައްޓަން ބޭނުންނުވާކަމަށާއި ސަބަބަކީ ރަޝިޔާ އާއި ޗައިނާ އާ ދެކޮޅަށް އެމެރިކާއިން ހިންގަމުންދާ ކަންކަމަށް ޕާކިސްތާނުގެ ތާއީދު ނުލިބޭތީކަމަށް ވިދާޅުވިއެވެ. ނަމަވެސް އެމެރިކާއިން ވަނީ އިމްރާން ޚާންގެ މިވާހަކަތައް ދޮގުކޮށް އެކަމުގެ ހެކި ދެއްކުމަށް ގޮވާލާފައެވެ. އަދި އިތުބާރުނެތްކަމުގެ ވޯޓުނެގުން މަޖިލީހުގައި ކުރިއަށް ގެންގޮސް، އެންމެ ފަހުން އިމްރާން ޚާން ވަނީ މަގާމުން ވަކިކުރެވިފައެވެ.
އިމްރާން ޚާން އަށް ފަހު ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ޝަހްބާޒް ޝަރީފް އައްޔަނު ކޮށްފައި ވަނީ ހޯމަ ދުވަހު އެވެ. މަގާމާ ހަވާލުވެވަޑައިގެން ވާހަކަދައްކަވަމުން ޝަހްބާޒް ވަނީ ޕާކިސްތާންއަށް ކުރިމަތިވެފައިވާ އިގުތިސާދީ ހާލަތުން އަރައިގަތުމުގެ މަސައްކަތްތައް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ގައުމު މިހާރު ވެއްޓިފައި މިއޮތް އަޑިގަނޑުން އަރައިގަންނަން ބޭނުން ނަމަ ވަރަށް ބުރަކޮށް މަސައްކަތްކުރަންޖެހޭ ކަމަށް ޝަހްބާޒް ވިދާޅުވެފައިވާއިރު، މިހާލަތުން އަރައިގަންނަށް އެންމެން އެއްކޮށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ޝަހްބާޒް ވަނީ ފާހަގަކުރައްވާފައެވެ. މިފެށިގެން ދަނީ ޕާކިސްތާންގެ ތަރައްގީގެ އައު ސަފްހާއެއް ކަމަށްވެސް ޝަހްބާޒް ވިދާޅުވިއެވެ.
އެގޮތުން މަގާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ޝަހްބާޒް ވަނީ ސަރުކާރު މުވައްޒަފުންގެ މުސާރަ 10 އިންސައްތަ އިތުރުކުރަން ނިންމާފައިވާކަން އިއުލާނުކުރައްވާފައެވެ. އަދި އެގައުމުގެ އެންމެ ކުޑާ އުޖޫރަ 25،000 ރުޕީސްއަށް އިތުރުކުރަން ނިންމާފައިވާކަންވެސް ވަނީ އިއުލާނުކުރައްވާފައެވެ. މިކަންތައްތައް ތަންފީޒުކުރެވިގެން ދިއުމާމެދު ރައްޔިތުންގެ މެދުގަގައި ޝައްކުތަކެއް ހުރި ނަމަވެސް ރައްޔިތުން އުންމީދު ދޫކޮށެއް ނުލައެވެ.
މަގާމާ ހަވާލުވެޑައިގަތުމަށްފަހު ވާހަކަދައްކަވަމުން ޝަހްބާޒް ޝަރީފް ވަނީ އެންމެ ފަހުން މަގާމުގައި ހުންނެވި އިމްރާން ޚާންގެ ސަރުކާރުން ގައުމުގެ އިގުތިސާދާ މެދު ވަރަށް ބޮޑަށް އިހުމާލެވެފައިވާ ކަމަށާއި އިގުތިސާދު އަލުން އާރާސްތުކުރުމަށް ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.