ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސަށް ވެހުނު ބޯ ވިއްސާރައިގައި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި މަދުވެގެން 63 މީހުން މަރުވެ، ގާތްގަނޑަކަށް 300 މީހުންނަށް އަނިޔާވެފައިވާ ކަމަށް ޕްރޮވިންސްގެ އޮފިޝަލުން ބުނެފިއެވެ.
ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ވިއްސާރައިގެ ސަބަބުން ޕާކިސްތާނުގައި މަރުވި މީހުންގެ ޖުމްލަ އަދަދު މަދުވެގެން 159 އަށް އަރާފައިވާ ކަމަށްވެސް އެފަރާތުން ބުނެއެވެ.
ބުރާސްފަތި ދުވަހު ވެހުނު ބޯ ވާރެއިން ފެންބޮޑުވުމާއި އިމާރާތްތައް ހަލާކުވުމުގެ ހާދިސާތައް ހިނގާފައި ވާއިރު، ގިނަ މީހުން މަރުވީ ގެތަކުގެ ފުރާޅު ވެއްޓިގެންނެވެ. އިރުމަތީ ޕްރޮވިންސްގެ ވެރިރަށް ލާހޯރުން 15 މީހުން މަރުވި ކަމަށް ރިޕޯޓުކޮށްފައި ވާއިރު، ފައިސަލް އާބާދުގައި 9 މީހުން މަރުވެފައިވެއެވެ. އަދި ދަނޑުވެރިކަން ކުރާ އޮކާރާ، ސާހިވާލް އަދި ޕަކްޕައްތަންގެ އަވަށް ތަކުން އިތުރު ގިނަ ބަޔަކު މަރުވެފައިވެއެވެ.
ފެންބޮޑުވެފައިވާ ސަރަހައްދު ތަކުން މީހުން ދުރުކުރުމަށް ސަލާމަތީ ޓީމުތަކުން ބޯޓުފަހަރު ބޭނުން ކޮށްފައި ވެއެވެ.
މަންޒަރު ދުށް މީހުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި ސަލާމަތައް އެދި ކުޑަކުދިން ހަޅޭއްލަވަމުން ދިޔައިރު، އަންހެނުން ފުރާޅު މަތީގައި ތިބެގެން ސަލާމަތްކުރުމަށް އެދި އަތް ހޫރަމުން ގެންދިޔައެވެ.
ރާވަލްޕިންޑީ ސަރުކާރުން ބުރާސްފަތި ދުވަސް ވަނީ އާންމު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައެވެ.
ޕްރޮވިންޝަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (ޕީޑީއެމްއޭ) އިން ހާމަކުރި ގޮތުގައި، ޖޫން މަހުގެ ފަހުކޮޅުން ފެށިގެން، ހަމައެކަނި ޕަންޖާބުގައި މޫސުމީ ވާރޭގެ ސަބަބުން 103 މީހުން މަރުވެ، 393 މީހުންނަށް އަނިޔާވެފައިވެއެވެ. 120 އަށް ވުރެ ގިނަ ގެއަށް ގެއްލުންވެފައި ވާއިރު، 6 ޖަނަވާރު މަރުވެފައިވެއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ވިއްސާރައިގެ ސަބަބުން ޖޫން 25 އިން ފެށިގެން މުޅި ގައުމުގައި މަދުވެގެން 159 މީހުން މަރުވެފައިވާ ކަމަށާއި، 1,000 އަށް ވުރެ ގިނަ ގެއަށް ގެއްލުން ވެފައިވާ ކަމަށެވެ.
މޫސުމީ ވިއްސާރަ އަކީ ދެކުނު އޭޝިއާ ސަރަހައްދުގައި އާންމު ކަމެކެވެ. އަދި މިއީ ދަނޑުފަނގަށް ފެން ދިނުމަށާއި ފެން ރައްކާ ކުރުމަށް ވަރަށް މުހިންމު ވަސީލަތެކެވެ. ނަމަވެސް، ތަރައްގީ އާއި، ފެން ހިންދާ ނިޒާމުތަކުގެ ހާލަތު ދަށްވުމާއި، އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މޫސުމީ ހާދިސާތައް ގިނަވުމުގެ ސަބަބުން، މިދިޔަ އަހަރު ތަކުގައި މިކަމުގެ ނޭދެވޭ އަސަރު ވަނީ އިތުރުވެފައެވެ.