އަވައްޓެރި ސްރީލަންކާގެ އިގުތިސާދީ ހާލަތު އެއް ދުވަހުން އަނެއް ދުވަހަށް ދަނީ ގޯސްވަމުންނެވެ. ގައުމު ވެއްޓިފައިވާ އިގުތިސާދީ އަނދަވަޅުން އަރައިގަނެވޭނެކަމުގެ ނިޝާނެއް މިހާތަނަށް އައިއިރު ފެންނާކަށް ނެތެވެ. ދައުލަތުގެ ދަރަނި އިންތިހާއަށް އޮތްއިރު ގައުމުގެ ފޮރިން ރިޒަރވް ވަނީ އެއްކޮށްހެން ހުސްވެފައެވެ.
ކާބޯތަކެއްޗާއި، ބޭހާއި, ތެޔޮ އަދި ގޭހުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، މިތަކެތި ލިބުމުގައިވެސް ގިނަ ގޮންޖެހުންތަކަކާ އެގައުމުގެ ރައްޔިތުންނަށް ވަނީ ކުރިމަތިލާންޖެހިފައެވެ. ތެލާއި ގޭސް ހޯދުމަށް ދިގު ކިއުތަކުގައި ޖެހެން ޖެހޭއިރު، އާންމުންގެ އެތައް ބަޔަކަށް ވަނީ ދަރު އުނދުނުގައި ކައްކައިގެން ކާންޖެހިފައެވެ.
ތެޔޮ ސަޕްލައި ނުލިބި ކަރަންޓު އުފެއްދޭނެ ގޮތެއް ނެތި, ދުވަހުގެ ބޮޑުބައެއް ލަންކާގެ ރައްޔިތުން ހޭދަކުރަން ޖެހިފައި ވަނީ ކަރަންޓާ ނުލައެވެ. ކަރަންޓު ބޭނުންކުރާވަރު މަދުކުރުމަށް ސަރުކާރުގެ އެތައް ހާސް މުވައްޒަފުންނެއް ގޭގައި މަސައްކަތްކުރަން ބުނެފައިވާއިރު ގައުމުގެ މަގުތަކުގައި ހުންނަ މަގު ބައްތިތައްވެސް ނުދިއްލާގޮތަށް ވަނީ ނިންމާފައެވެ.
މިކަންކަން މިހެން ހުރުމާއެކު އިދިކޮޅުގެ ފާޑުކިއުން ސަރުކާރަށް އިންތިހާއަށް ދަނީ އަމާޒުވަމުންނެވެ. ސަރުކާރާ ގުޅުމަށް އިދިކޮޅަށް ދައުވަތުދިނުމުން ވެސް މިހާރުގެ ސަރުކާރާއެކު މަސައްކަތް ނުކުރެވޭނެކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. އަދި ރައްޔިތުންގެ ރުޅިވެރިކަން ފެނިގެންދަނީ މިއަށްވުރެވެސް ބޮޑުކޮށެވެ. ގައުމުގެ އެކި ހިސާބުތަކުގައި މުޒާހަރާކޮށް އަޑުއުފުލަމުންދާއިރު އަޑުއުފުލުންތަކުގެ ހުރިހާ ބައިވެރިންވެސް ގޮވަމުންދަނީ ރައީސް ގޮތަބަޔާ ރާޖަޕަކްސާއާއި އޭނާގެ ސަރުކާރުގެ އިސްތިއުފާއަށެވެ.
ސަރުކާރުގެ ކެބިނެޓުގެ ހުރިހާ ވަޒީރުން އިސްތިއުފާ ދިނުމާ ގުޅިގެން އަލުން ވަޒީރުން އައްޔަން ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިނަމަވެސް ފެނުނީ މިއަދު ވަޒީރުކަމަށް އައްޔަނުކުރެވޭ ބޭފުޅާ މާދަމާ މަގާމުން އިސްތިއުފާ ދެއްވާފައި ވަޑައިގަންނަވާ މަންޒަރެވެ. މަޖިލީހުގައި ހަރަކާތްތެރިވާ ސަރުކާރު ކޯލިޝަންގެ އެތައް މެމްބަރުންނެއް ސަރުކާރާ ވަކިވި މަންޒަރު ފެނިގެން ހިނގައްޖެއެވެ.
އާންމުންގެ މީހުން ދަނީ ރައީސް ގޮތަބަޔާ މަގާމާ ހަވާލުވެވަޑައިގެން ފަހުން ކުރެއްވި އެންމެ 'މޮޔަ' ކަމަކީ ފެންވަރު ރަނގަޅު ޝަރުތު ހަމަވާ ބޭފުޅުން މަގާމުތަކަށް އިސްނުކުރެއްވުން ކަމަށާއި, އެންމެ ފަހުން ފިނޭންސް މިނިސްޓަރުކަމަށް އައްޔަނުކުރެއްވި ބޭފުޅަކީވެސް އެމަގާމަށް ޝަރުތު ހަމަވާ ބޭފުޅެއް ނޫންކަމަށް ބުނަމުންނެވެ. އަދި ކެބިނެޓުގެ ހުރިހާ ވަޒީރުން އިސްތިއުފާ ދެއްވުމުން ކުރިންވެސް ކެބިނެޓްގައި ހިމެނިވަޑައިގެން ބޭފުޅުންނަށް އެހެން މިނިސްޓްރީތަކުގެ ވަޒީރުކަން ދެއްވުމުން އެކަމަށްވެސް އާންމުން ދަނީ ނުރުހުން ފާޅުކޮށް ފާޑުކިޔަމުންނެވެ.
އަދިވެސް ރައީސް ގޮތަބަޔާއާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ ހުންނެވީ މަގާމުން ދުރުވާނެ ވިސްނުންފުޅެއްގައެއް ނޫނެވެ. ގައުމުގެ ތެރޭގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް މަގުތައް މައްޗަށް ފުލުހުންނާ ސިފައިން ނެރެ ކާފިއު އިއުލާނު ކުރިނަމަވެސް ރައްޔިތުންގެ ރުޅި މަޑުވާނެ މަންޒަރެއް މިހާރު ލަންކާއަކުންނުފެނެއެވެ.
ރައްޔިތުން ބުނަމުންދަނީ ގައުމު މިހާލަތައް ވެއްޓެން މެދުވެރިވީ އިސްމަގާމުތަކަށް އައްޔަނުކުރެވިފައިތިބި ސިޔާސީ ލީޑަރުންގެ ސަބަބުން ކަމަށެވެ. މިއަދު ހަގީގަތް ވަރަށް ރަނގަޅަށް ފެންނަމުންދާ ކަމަށާއި ހުރިހާ ކޮރަޕްޓު ވެރިންނާއި ސިޔާސީ ބޭބޭފުޅުން އަމިއްލަ އެދުންތައް ދޫކޮށްލުމަށް ފަހު ގައުމުގެ އިސްމަގާމުތަކުން ދުރުވުމަށް އެރައްޔިތުން އަންނަނީ ގޮވާލަމުންނެވެ.