"އެއީ ގާނޫނީ ވެރިކަމެއް ހިނގަމުން އަންނައިރު ގާނޫނު އަސާސީއާއި ގާނޫނު އަސާސީގައި ހުރި ޚާއްސަކޮށް އަރަބި ބަސްތައް އެންމެ ރީތިކޮށް ވިދާޅުވާ ބޭފުޅުންނާއި ޝެއިހުންގެ ތާޖާ ކަމަރު ބަދެގެން ތިބި މީހުންނާއި ހުރިހާ ދީނީ ފިލާވަޅު ނަގައިދޭ މީހުން އައިސް ދިވެހި ރައްޔިތުންނަށް އޮޅުން ބޮޅުން ތަކެއްގެ ތެރޭގައި ނުބައި މަކަރުވެރި ވާހަކަތަކެއްގެ ތެރޭގައި އަދި މިކަހަލަ ވާހަކަދައްކާއިރު އެބޭފުޅުން ހަމަ ގުރުއާނާ ސުންނަތުން ދަލީލުވެސް ދައްކާފައި އެބޭފުޅުން ތިބޭފުޅުންނަށް އެކަހަލަ ވާހަކަދައްކާނީ. އެހުރިހާ ހީލަތްތެރި ކަމާއެކީ ސަރުކާރު ބަދަލުކުރަން ކުރި މަސައްކަތުގައި މިތާ ކައިރީގައި މިއޮތް އަވަށްޓެރި ބޮޑުބޭބެ އިންޑިޔާއިން މިކަމުގައި ހުރިހާ އެހީތެރިކަމެއް ދިނީ. ހުރިހާ ލާރިއެއް ޚަރަދުކުރީ އެމީހުން" މިއީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ޖަލުން މިނިވަންވެ ވަޑައިގެންނެވިފަހުން މާފޯރިއެއްގައި ކުރިޔަށްގެންދަވާ އިންޑިޔާ އައުޓް ކެމްޕެއިންގައި ޅ. ނައިފަރުގައި ދެއްކެވި 30ށް މިނެޓްގެ ވާހަކަފުޅުގެ ތެރެއިން ފުރަތަމަކޮޅު ދެއްކެވި ވާހަކަފުޅުގެ ކުޑަތަންކޮޅެކެވެ. އަބަދުވެސް ރައީސް ޔާމީން އާއި ޕީޕީއެމް އަށް ބޮޑު ސަޕޯޓެއް އޮންނަ ޅ.ނައިފަރުގައި އެމަނިކުފާނު ވަރަށް ޖޯޝާއެކު ކުރިޔަށްގެންދެވި ވާހަކަފުޅު ފެއްޓެވުމުގެ ކުރިންވެސް ނައިފަރު ބަހުރުވައިން އިންޑިޔާ ސިފައިން ފައިބައިގެން ދާން ގޮވާލައްވާ ސަޕޯޓަރުންނަށް ފޯރުދެއްވިއެވެ.
އޭގެފަހުން ވާހަކަފުޅު ފައްޓަވަމުން ވިދާޅުވީ މިހާރު މިސަރުކާރުގައި ތިބީ އިންޑިޔާގެ ގޮނޑި ކޮއްކޮ ވެރިންތަކެއްކަމަށާއި މިއިީ އިންޑިޔާގެ އަޅުންތަކެއްކަމަށެވެ. އެއްވެސް ކަމެއް އިންޑިޔާއާއި ނުލާ މިސަރުކާރަށް ނުކުރެވޭ ކަމަށާއި އެހެން އެކަން އެވަނީ ކޮންމެެހެން އިންޑިޔާއިން ލިބޭ ބިސްކޮޅެއް ބޭނުންވެގެން ނޫންކަމަށް ޔާމީން ވިދާޅުވިއެވެ. ދެން ފެއްޓެވީ އެމަނިކުފާނުގެ ވެރިކަން ބަދަލުވި ބަދަލުވުމުގެ ވާހަކަފުޅެވެ. މިއީ އައު ވާހަކައެއްނޫނެވެ. އިންޑިޔާ އައުޓް ކެމްޕެއިން އެހާ ފޯރީގައި އެމަނިކުފާނު ކުރިޔަށްގެންދަވާ މައިގަނޑު ސަބަބަކީ އެމަނިކުފާނުގެ ވެރިކަން ބަދަލުވުމުގައި އިންޑިޔާގެ އަތެއް އޮތުންކަމަށް އެމަނިކުފާނަށް ގަބޫލުފުޅުކުރެއްވުން ކަމަށް ހީވާ ފަހަރުވެސް މަދެއްނޫނެވެ. އިންޑިޔާ އާއެކު ހަދާފައިވާ އެއްބަސްވުންތަކަކާއި ގުޅިގެން ގައުމު ސަލާމަތްކުރުންކަމަށް ވިދާޅުވެ އަސްލު ކުރައްވާ ކަމަކީ އަމިއްލަފުޅު ވެރިކަން ބަދަލުވެގެންދިޔަ ދިޔުން ހަޖަމުނުވުންކަމަށް އެމަނިކުފާނުގެ ސްޕީޗްތައް އަޑުއަހާލުމުން ހީވަނީ މަދުފަހަރަކު ނޫނެވެ.
އެމަނިކުފާނު ވިދާޅުވާ ގޮތުންނަމަ މިސަރުކާރަށް އިންޑިޔާ އާއި ނުލާ ނޫޅެވިގެން އުޅެނީ ރާއްޖެއަށް އިންޑިޔާއިން ލިބޭ އެހީތެރިކަމަށްވުރެ ބޮޑު ކަމެއްވެގެންނެވެ. އެމަނިކުފާނު ވިދާޅުވީ އެކަމުގައި ކުށްވެރިވަނީ ހަމައެކަނި މިހާރު ސަރުކާރު ހިންގަން ތިބި މީހުންނޫންކަމަށާއި އެމްޑީޕީ އެކަނިވެސް ނޫންކަމުގައެވެ. އެއީ ދިވެހި ތާރީޚުގައި މިފަހުން ހިނގާދިޔަ މުޑުދާރު އަމަލެއްކަމަަށް ވިދާޅުވެ ވިދާޅުވީ އެއީ ދިވެހި ތާރީޚުގައި މިފަހުން ހިލާލި ހިލާލުން މިގެނައި ގަޑުބަޑަކީ ރާއްޖޭގެ ތާރީޚުގައި ފެނިގެންދާނެ އެންމެ ގައްދާރު، ރައްޔިތުންނަށް އެންމެ ޚިޔާނާތްތެރި ރައްޔިތުންނަށް އެންމެ ހިތްހަމަނުޖެހޭ، އެންމެ މުޑުދާރު އަމަލުތަކުގެ ތެރެއިން އަމަލެއްކަމަށެވެ. އެހާހިސާބުން ދެން ހިތަށްއެރީ ރައީސް ޔާމީން ދައްކަވަން މިއުޅުއްވަނީ އެމަނިކުފާނަށް 2018 ވަނަ އަހަރު ރައްޔިތުން ނިކުމެ ނޫނެކޭ ބުނި އިންތިޚާބުގެ ވާހަކަބާވައެވެ؟ ކަންތައްވީވެސް ހަމަ އެހެންނެވެ. ޔާމީން ވިދާޅުވީ ޔާމީން ވިދާޅުވާ އެ ހަޑިމުޑުދާރު އަމަލަކީ ގާނޫނީ ވެރިކަން ހިނގަމުން އަންނަނިކޮށް ގާނޫނު އަސާސީގައި ހުރި ޚާއްސަކޮށް އަރަބި ބަސްތައް އެންމެ ރީތިކޮށް ވިދާޅުވާ ބޭފުޅުންނާއި ޝެއިޚުންނާއި އަދިވެސް އެހެން ބަޔަކު ރައްޔިތުންނަށް އޮޅުވާލައިގެން އެމަނިކުފާނުގެ ވެރިކަން އިންޑިޔާގެ އެހީތެރިކަމާއެކު ނިމުމަކަށް ގެނައި ގެނައުމެވެ. އެކަމުގައި ޚަރަދުކުރީ އިންޑިޔާއިން ކަމަށެވެ.
އެހާ ހިސާބުން ހިތަށްއައި ސުވާލަކީ ދެފުށް ފެންނަ ގޮތަށް މިނިވަން އިންސާފުވެރި އިންތިޚާބެއްކަމަށް ހުރިހާ ފަރާތްތަކުން ބުނެފައިވާ އިންތިޚާބެއް އެއީ ހަޑިމުޑުދާރު އަމަލަކަށްވީ ކިހިނެއްބާވައެވެ؟ ޑިމޮކްރަޓިކް އުސޫލުގެ މަތިން ރައްޔިތުންނަށް ލިބިފައިވާ ވޯޓު ލިބުމުގެ ހައްގުގެ ބޭނުންކޮށްގެން ޑިމޮކްރަޓިކް މުޖުތަމައުއެއްގައި ކަންހިނގާ ގޮތަށް ކުރިޔަށްދިޔަ އިންތިޚާބެއް ގައްދާރު، ރައްޔިތުންނަށް ޚިޔާނާތްތެރިވި އިންތިޚާބަކަށްވީ ކީއްްވެހެއްޔެވެ؟ އެމަނިކުފާނަށް ރައްޔިތުންނަށް ނޫނެކޭ ބުނީމަ ހެއްޔެވެ؟ އެހެންކަމަށްވާނަމަ އެންމެ ފުރަތަމަ ރާއްޖޭގައި އުފެދުނު ގިނަ ސިޔާސީ ޕާޓީއެކުލެވިގެން އެކުލަވާލެވުނު ސަރުކާރުގެ ދައުރު ނުނިމެނީސް ރައްޔިތުން ކައިރިން ހޭވެސް އަހާނުލާ ހުދު މަނިކުފާނު އިސްވެ ހުންނަވާ މަގުމަތިން ބަދަލުކޮށްލި ކޮށްލުން އެއީ ގައްދާރު، ރައްޔިތުންނަށް ވީ ޚިޔާނާތްތެރި ވެރިކަމުގެ ނިޒާމު ގަޑުބަޑު ކުރުންކަމުގައި ނުވަނީ ހެއްޔެވެ؟ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަމަށް އައިއިރު ޔާމީން އިންނެވީ ކޮންތާކުތޯއެވެ؟ އިންޑިޔާ އެމްބަސީގައި ނޫންތޯއެވެ. އެހެންކަމަށްވާނަމަ ވެރިކަމުގެ ނިޒާމު ގަޑުބަޑުކޮށް ރައްޔިތުންނަށް ގައްދާރުވުމާއި ޚިޔާނާތްތެރިވުމުގެ އަމަލު އިންޑިޔާއާ ގުޅިގެން ހިންގެވިއްޔާ ހިންގެވީ މަނިކުފާނުކަަމަށް ދެކުން މާ އައުލާކަން ބޮޑެއް ނޫންހެއްޔެވެ؟ އެހެންނޫނީ މަނިކުފާނު އެދުވަހު އިންޑިޔާ އެމްބަސީގައި އިންނެވީ ވަކި ކީއްވެތޯއެވެ؟
އެއަށްފަހު ޖެހިގެން އައި 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުން މަނިކުފާނަށް ނާކާމިޔާބީ އާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނަވާނެހެން ހީވެގެން ސުޕްރީމް ކޯޓު މެދުވެރިކޮށް އެކުޅުއްވި ކުޅިގަނޑު އެއީ ވެރިކަމުގެ ނިޒާމު ޚަރާބު ކުރުމަށް ނުވަނީ ހެއްޔެވެ؟ 2013 ވަނަ އަހަރު ވެރިއަކު ހޮވަން އެތައް ފަހަރަކު ވޯޓުލާން ޖެހުނުކަން ހަނދާންހުރި އެތައް ދިވެހި ރައްޔިތުންނެއް އަދިވެސް އެބަތިއްބެވެ. އެއީ ދާދި އިހަކަށް ދުވަހު ހިނގާދިޔަ ކަންތަކެވެ. މަނިކުފާނަށް ވެރިކަމަށް ވަޑައިގެންނެވުނީ އެތައް ފަހަރު ރައްޔިތުން ވޯޓުލާން ނިކުމެގެންނެވެ. އެއީ ނިޒާމު ގަޑުބަޑުކޮށް ހިންގެވި ހަޑިމުޑުދާރު އަމަލުގެ ނަތީޖާ ނޫންތޯއެވެ؟ އޭގެ ފަހުން 2018 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މަނިކުފާނަށް ނޫނެކޭ ބުނި ބުނުން އަދިވެސް ހަޖަމުނުވެ ހަމަ އެއިންތިޚާބަކީ ގަޑުބަޑުކޮށްފައިވާ އިންތިޚާބެއްކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ތިޔަ ގެންދަވަނީ މަނިކުފާނަކީ އިންތިޚާބުތައް ގަޑުބަޑުކުރުމާއި ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން ވެރިކަން ވައްޓާލުމުގެ މާހިރަކަށް ނުވާތީތޯއެވެ؟ އަމިއްލަފުޅަށް ކުރެއްވި ކަންތައްތައް އެހެންމީހުން ކުރިކަމަށް ގުދޯގުދޯ ތިޔަ ވިދާޅުވަނީ ގެއްލުނު އެތީގެ ބޮޑުކަން ނޫން ދެން ކޮންކަމަކުން ހެއްޔެވެ؟ އަމިއްލަފުޅަށް ކުރެއްވި ކަންތައްތަކުގެ ޒިންމާ އަމިއްލަފުޅަށް ނަންގަވާ އެކަމުގެ ސަބަބުން ގައުމަށް ލިބުނު ގެއްލުންތަކުގެ ވާހަކަ ދެއްކެވިއްޔާ ވާނީ ކީއްތޯއެވެ.؟