Advertisement
ކ. މާލެ
|
6 ޖޫން 2017 | އަންގާރަ 09:33
ޖޭޕީގެ ނައިބް ލީޑަރު ޑރ. ހުސެއިން ރަޝީދު
ޖޭޕީގެ ނައިބް ލީޑަރު ޑރ. ހުސެއިން ރަޝީދު
ރާއްޖެއެމްވީ
ފަލަ ސުރުޚީ
އީސީއިން ޖޭޕީ އުވާލުމާއި ދިމާލަށްވެސް ގޮސްދާނެ: ހުސެއިން ރަޝީދު
އީސީގެ އެންގުމަކީ ޤާނޫނީ ގޮތުން އެންގި އެންގުމެއް ނޫން
މެދު އިރުމަތީގެ އޮތް ހަމަނުޖެހުންތަކުގެ ތެރެއަށް ރާއްޖެ ވަންނާން ނުޖެހޭ
ސިޔާސީ ގުޅުން ކަނޑާލުމުން ވިޔަފާރީގެ ގޮތުން އޮންނާނެ އިތުރު ގުޅުމެއް ނޯންނާނެ

ޖުމްހޫރީ ޕާޓީގެ ލޯގޯއާއި ދިނަ ބޭނުން ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެންގި އެންގުމަށް އަމަލު ނުކޮށްފިނަމަ ޕާޓީ އުވާލުމާ ދިމާލަށްވެސް ގޮސްދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެޕާޓީގެ ނައިބް ލީޑަރު ޑރ. ހުސެއިން ރަޝީދު ވިދާޅުވެއްޖެއެވެ.

 

ހޯމަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހުސެއިން ރަޝީދު ވިދާޅުވީ އީސީން އެޕާޓީގެ މައްޗަށް އެންގި އެންގުމަކީ ޤާނޫނީ ގޮތުން އެންގި އެންގުމެއް ނޫން ކަމަށާއި މިއީ އެޕާޓީގެ މަސައްކަތްތައް ހުއްޓުވުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. އެގޮތަށް އެންގި ނަމަވެސް، އެފަދަ އެއްގުމެއް އެންގުމުގެ ގާނޫނީ ބާރު ވެސް އީސީ އަށް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

 

ޕާޓީއެއް ހުއްޓުވުމަށްޓަކައި އަޅާނެ ހުރިހާ ފިޔަވަޅުތަކެއް މިވަނީ އަޅާފައި ކަމަން ފާހަގަ ކުރައްވައި ހުސެއިން ރަޝިދު ވިދާޅުވީ އެ ޕާޓީން ރަސްމީ ސިޓީތައް ފޮނުވާއިރުވެސް ޕާޓީގެ ލޯގޯ ބޭނުން ނުކުރެވުމުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ. 

އެހެންކަމުން އީސީގެ މި އެންގުން ވަގުތީ ގޮތުން މަޑުޖައްސާލުމަށް އެޕާޓީން އަންގާރަ ދުވަހުގެ ވަގުތެއްގައި ކޯޓަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

 

ޕާޓީގެ ލޯގޯއާއި ދިދަ ބަދަލުކުރަން އެންގުމަކީ ނާތަހުޒީބު އަމަލެއް ގޮތުގައި ސިފަކުރެވޭ ކަމަށް ވިދާޅުވަމުން މީގެ ކުރިން ރާއްޖޭގައި ބޭއްވި ހުރިހާ އިންތިހާބުތަކުގައިވެސް ކެމްޕެއިން ކުރަމުންދިޔައީ މި ލޯގޯ ބޭނުންކޮށްގެން ކަމަށްވާއިރު މިއަދު ކުއްލިއަކަށް ލޯގޯ ބަދަލުކުރަން އެންގުމުން އެކަމާއި ސުވާލު އުފެދޭ ކަމަށް ޑރ. ހުސެއިން ވިދާޅުވި އެވެ. މިއީ އެޕާޓީ އުފެއްދުނީއްސުރެ ބޭނުން ކުރަމުން އައި ކުލައާއި ލޯގޯ ކަމަށްވާއިރު ކުއްލި ގޮތަކަށް ރައީސުލްޖުމްހޫރިއްޔާގެ ދިދައިގެ ލޯގޯއާއި ކުލަ ޖުމްހޫރީ ޕާޓީގެ ލޯގޯގައި ހުންނަ ކަމަށްބުނެ މި ލޯގޯ ބޭނުން ނުކުރަން އެންގުމުން ހައިރާންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 

ހުސެއިން ރަޝީދު ވަނީ ގަތަރާއެކު އޮތް ހާރިޖީ ގުޅުން ދިވެހި ސަރުކާރުން ކަނޑާލުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އިސްލާމީ ގައުމެއްގެ ގޮތުގައި އޮވެ ރާއްޖެއިން ބަލަން ޖެހޭނީ އިސްލާމީ އެހެން ގައުމުތަކާއި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުން ކަމަށާއި އިސްލާމީ އުއްތަމް އެއްގަލަކަށް އަރުވައިގެން ކަންކަން ހަމަޖެއްސުން ކަމަށް އޭނާ ވިދާޅުވިއެވެ.

 

މެދު އިރުމަތީގައި އޮތް ހަމަނުޖެހުންތަކުގެ ތެރެއަށް ރާއްޖެ ވަންނާން ނުޖެހޭ ކަމަށާއި ރާއްޖެއަށް ބޮޑެތި އެހީތައް ވަމުންދާ ގައުމުތަކުން ސިޔާސީ ގޮތުން ގުޅުން ކަނޑާލުމުން އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ހުސެއިން ރަޝީދު ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖޭގެ ހާރިޖީ ސިޔާސަތާމެދު ބޭރުގެ އެހެން ގައުމުތަކުން ސުވާލު އުފައްދާނެ ކަމަށާއި ސިޔާސީ ގުޅުން ކަނޑާލުމުން ވިޔަފާރީގެ ގޮތުން އޮންނާނެ އިތުރު ގުޅުމެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް