ރަޝިޔާއާއެކު އަންގާރަ ދުވަހު ވެސް މަޝްވަރާގެ ވާހަކަތައް ކުރިއަށްދާނެ ކަމަށް ޔޫކްރެއިންގެ ރައީސް ވްލަޑްމިއަރ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ޒެލެންސްކީ ވިދާޅުވީ އަންގާރަ ދުވަހު ރަޝިޔާއާއި އެކު ވާހަކަތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި، މަޝްވަރާގެ ތެރެއިން ހަނގުރާމަ ހުއްޓާލާ އަމާންކަން ގެނައުމަށްޓަކައި މަސައްކަތް ކުރުމަށް އިސްރާއިލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް އާއި ވެސް ވާހަކަފުޅު ދައްކާފައިވާ ކަމަށެވެ.
ރޭގަނޑުގެ ވަގުތެއްގައި ވީޑިއޯ މެދުވެރިކުރައްވާ ދެއްވި މެސެޖެއްގައި ޒެލެންސްކީ ވިދާޅުވީ ރަޝިޔާގެ ވަފުދާއެކު ވާހަކަތައް ކުރިއަށް ގެންދަވާފައިވާ ކަމަށެވެ. އަދި ކާމިޔާބީތަކެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި، އަންގާރަ ދުވަހު ވެސް ވާހަކަތައް ކުރިއަށްދާނެ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.
ޒެލެންސްކީ ވަނީ ރަޝިޔާގެ ދައުލަތުގެ ޓީވީގެ ހަބަރުގަޑީގައި ސްޓޫޑިއޯއަށް ވަދެ ހަނގުރާމައާއި ދެކޮޅަށް އަޑު އުފުލި މީހުންނަށް ޝުކުރު އަދާކުރައްވާފައެވެ. ހަބަރު ކިޔަމުންދިޔަ ގަޑީގައި ސްޓޫޑިއޯއަށް ވަދެ، އަޑު އުފުލި މީހުން ތިބީ ހަބަރު ކިޔަން އިން ޕްރެޒެންޓަރުގެ ފަހަތުގައެވެ. އަދި އަޑު އުފުލަމުން ދިޔައީ ޔޫކްރެއިންގައި ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށެވެ.
ޒެލެންސްކީ ވަނީ ހަގީގަތް ހާމަކުރުމަށް މަސައްކަތް ކުރަމުން އަންނަ ރަޝިޔާގެ ރައްޔިތުންނަށް ޝުކުރުވެރިވާކަމަށް ވިދާޅުވެފައެވެ. ވަކިން ހާއްސަކޮށް ސްޓޫޑިއޯއަށް ވަތް އަންހެން މީހާއަށް ޒެލެންސްކީ ވަނީ ޝުކުރުއަދާކުރައްވާފައެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
