މީގެ ދެއަހަރު ކުރިން ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްވުމާއި ގުޅިގެން ބަލި ފެތުރުން ހުއްޓުވުމަށް އަގަޔާ ނޭފަތް ނިވާވާ ގޮތަށް މޫނުގައި މާސްކް އެޅުން އޭރުވަނީ މަޖުބޫރުކަމަށް ހަދާފައެވެ. މިގޮތުން 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެން، ވަކި ގޮތަކަށް އަންގަންދެން އާންމު ތަންތަނުގައި މާސްކް އެޅުމަކީ މަޖުބޫރުކަމެއް ގޮތުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ ކަނޑައަޅާފައެވެ.
މާސްކް އެޅުން ލާޒިމްކޮށްފައިވަނީ ރާއްޖޭގައި އޭރު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަށް ލިބެދޭ ބާރުގެ ދަށުން އެވެ. މާސްކް އެޅުމުގައި ބައެއްމީހުން ފަރުވާ ކުޑަކުރާކަން ފާހަގަ ކުރެވި، މާސްކް އަޅަން ޖެހޭނީ އަނގަޔާއި ނޭފަތާއި ދަތްދޮޅި ނިވާ ވާގޮތަށް ކަމަށް ވެސް އޭރު ވަނީ އަންގާފައެވެ.
އެޗްޕީއޭއިން އޭރު ވަނީ އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތު ކުރާ މީހުން ކަސްރަތު ކުރާ ވަގުތުގައާއި އެހެން މީހުންގެ އެހީއާއި ނުލައި މާސްކް އަޅައި ނުނެގޭ މީހުން ގެއިން ބޭރުގައި އުޅޭ އިރު މާސްކް އެޅުމުން އިސްތިސްނާވާނެ ކަމަށް ވެސް ބުނެފައެވެ. ބަލީގެ އަލާމާތް ނެތްނަމަވެސް އާންމުތަންތަނުގައި ކެއްސާ ކިބިހި އަޅާ ހެދުމަކީ އެފަދަ ދުވަސްވަރެއްގައި އެންމެނަށް ވެސް ހުރި ނުރައްކަލަކަށް ވާއިރު އާންމު ތަންތަނުގައި މާސްކް ނާޅާނަމަ 1000 ރުފިޔާ އިން ޖޫރިމަނާ ކުރަން ވެސް އޭރު ނިންމިއެވެ. މިއާއެކު މާސްކް ނާޅާ އުޅޭ މީހުން ޖޫރިމަނާ ކުރަންވެސް ފެށިއެވެ. މިއީ ހައްތަހާވެސް ބަލިން ރައްކާތެރިވުމަށްޓަކައި ސަރުކާރުން އޭރު އަޅަމުންދިޔަ ފިޔަވަޅުތަކެވެ.
މާސްކާއެކު ދެ އަހަރު އުޅުމަށްފަހު، މާސްކް އެޅުމަކީ މަޖުބޫރުކަމެއް ނޫންކަމަށް އާދިއްތަ ދުވަހުގެ ރޭ ސަރުކާރުން މިވަނީ ކަނޑައަޅާފައެވެ. އަދި އެމީހަކު ބޭނުންވާނަމަ މާސްކް އެޅުމަށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. ދެ އަހަރު މާސްކް އަޅައިގެން އުޅުމަށްފަހު މިގޮތަށް ސަރުކާރުން ނިންމުމުން ބައެއް މީހުންނަށް މިކަން ވީ ވަރަށް ބޮޑު ފަސޭހައަކަށެވެ. އަނެއްބައި މީހުން ބުނަނީ މާސްކް އަޅައިގެން މިހާ ގިނަ ދުވަހު އުޅުމަށްފަހު މާސްކް ނެގޭގޮތްވުމުން ކުރެވެނީ އެހެންކަހަލަ އިހުސާސް އެއްކަމަށެވެ.
މިގޮތުން މާސްކް ނަގަން އެ ފުރުސަތު އޮތަސް، މާސްކް ނެގުމަށްފަހު މި ކުރެވެނީ ކުށެކޭ ހިތަށް އަރާ ފަހަރު ވެސް އަންނަ ކަމަށާއި މާސްކް ނާޅާ އުޅޭއިރު ހީވަނީ ހެދުމުގެ އެއްބައި މަދު ހެން ކަމަށް ވެސް ބައެއް މީހުން އެބަ ބުނެއެވެ.
ކޮންމެއަކަސް މާސްކް ނެގުމުގެ ފުރުސަތު ސަރުކާރުން ދީފައިވާއިރު މާސްކް އެޅުން މަޖުބޫރު ވަކި ހާލަތްތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ. މިގޮތުން އެއް ހާލަތަކީ ބަލި ފެތުރޭ ރަށްރަށުގައި މާސްކު އެޅުން މަޖުބޫރުވުމާއި ހުރިހާ ރަށެއްގެ ސިއްހީ ޚިދުމަތްދޭ ތަންތަނުގައި މާސްކު އެޅުން މަޖުބޫރުވުމެވެ.
ސަރުކާރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެއަހަރު ފަހުން އުވާލާފައިވާއިރު މިހާރު މިވަނީ "އާންމު ހާލަތަށް" ދިރިއުޅުން އަލުން ރުޖޫއަވެދާނެކަމުގެ އުންމީދު އާލާވާން ފަށާފައެވެ. މީގެ ދެއަހަރު ކުރިން އުޅުނު ދިރިއުޅުން އުޅެވޭނެކަމުގެ ވެސް އުންމީދު އާވެފައެވެ. މާސްކް އެޅުން މަޖުބޫރު ނުވިނަމަވެސް ބަލިން ރައްކާތެރިވުމަށް އެންމެން ވެސް ސަމާލުކަން ދިނުން މުހިންމެވެ.