ޔޫކްރެއިން މައްސަލައިގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމަށް އެއްބަސްވެވަޑައިގަންނަވައިފިއެވެ.
މިސަމިޓް ކުރިޔަށްދާކަން ހާމަކޮށްފައިވަނީ ފްރާންސްގެ ރައީސް އިމެނުއަލް މެކްރޮންގެ އޮފީހުންނެވެ. ސަމިޓްގައި މެދުވެރިއެއްގެ ރޯލު އަދާކުރައްވަނީ މެކްރޮންއެވެ. ފްރާންސްގެ ރައީސް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސަމިޓް ކުރިޔަށްދަނީ ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދީ އެޤައުމަށް އަރައިނުގަންނަ ނަމަ ކަމަށެވެ.
މިސަމިޓްގައި މަޝްވަރާކުރެވޭނެ ކަންކަން މެކްރޮން ތައްޔާރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދޭނެކަމަށް އެމެރިކާ އާއި ހުޅަނގުން ވާހަކަދައްކަމުންދާއިރު ރަޝިޔާއިން ތަކުރާރުކޮށް ބުނަމުން އަންނަނީ ޔޫކްރެއިނަށް ހަމަލާދިނުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށެވެ.
މިމައްސަލައިގައި ރަޝިޔާއިން ބޭނުންވަނީ އެސަރަަހައްދުގައި ރަޝިޔާގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ހުރި ކަންކަން ބަދަލުކުރުމަށެވެ. އެގޮތުން ދުވަހަކުވެސް ޔޫކްރެއިން ނޭޓޯ އާއި ނުގުޅޭނެކަމުގެ ޔަގީންކަން ރަޝިޔާއިން ބޭނުންވާއިރު އެސަރަހައްދުގައި ހަރަކާތްތެރިވާ ނޭޓޯގެ އަސްކަރީ ފައުޖުތައް ފަހަތަަށް ޖެހެން ރަޝިޔާއިން ބޭނުންވެއެވެ. ނަމަވެސް މިކަންކަމަށް އަދި މިހާތަނަށް އެމެރިކާ އާއި އެމެރިކާގެ ބައިވެރިން އެއްބަސްވެފައެއްނުވެއެވެ.
މިމައްސަލައިގައި މީގެކުރިންވެސް ޕުޓިން އާއި ބައިޑަން މަޝްވަރާކުރައްވާފައިވެއެވެ. ނަމަވެސް މަޝްވަރާތައް ނިމިފައިވަނީ އެއްވެސްކޮޅެއްގައި ނުޖެހިއެވެ. އަދި ޔޫރަޕްގެ ގައުމުތަކުގެ ލީޑަރުންވެސް ގެންދަވަނީ ޕުޓިންއާއި މަޝްވަރާކުރައްވަމުންނެވެ. ނަމަވެސް ދެ ފަރާތް އެއްބަސްވެވޭ ކަންތައްތަކާއި ހިސާބަށް އަދި މިހާތަނަށް ގޮސްފައެއްނުވެއެވެ.